ފޯވާޑް އަލީ ފާސީރު (ސެންޓޭ) އާއި ޑިފެންޑަރު އަހުމަދު ނޫމާން (ހެލްމެޓް) ސޮއި ކުރުވައި މާޒިޔާގެ ހުރިހާ ޑިޕާޓްމެންޓެއް ވެސް ވަރުގަދަ ކޮށްފި އެވެ.

ކުރިއަށް އޮތް އާ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން މާޒިޔާއިން ދަނީ ކުޅުންތެރިން ލައްވައި ސޮއި ކުރުވަމުންނެވެ. ހާއްސަކޮށް ފޯވާޑް ލައިން އާއި ފަހަތް އެ ޓީމުން ދަނީ ވަރުގަދަ ކުރުމުންނެވެ. ސެންޓޭ ސޮއި ކުރުމުގެ ކުރިން މާޒިޔާއިން ވަނީ ޒުވާން ދެ ފޯވާޑުން ކަމަށްވާ ހަސަން ނަޒީމް (ޗޯޓް) އާއި ހަސަން ރާއިފް އަހުމަދު (ހަންނަ) އަދި މިދިޔަ އަހަރު ވެލެންސިއާ އަށް ކުޅުނު ވިންގާ މިސްރުގެ ހަލީލް ޖަމާލް ވެސް ސޮއި ކުރުވައިފަ އެވެ.

ފަހަތް ވަރުގަދަ ކުރުމުގެ ގޮތުން ނޫމާންގެ އިތުރުން އެ ޓީމުން ވަނީ އޭނާ އާއެކު މދިޔަ ދެތިން އަހަރު އީގަލްސްގެ ފަހަތް ބެލެހެއްޓި ހުސައިން ޝިފާއު ޔޫސުފް (ކްރޯ) ސޮއި ކުރުވައިފަ އެވެ. އަދި ގޯލް ކީޕރަކަށް ގައުމީ ޓީމުގެ އެއްވަނަ ކީޕަރު މުހައްމަދު ފައިސަލްގެ ސޮއި ވެސް މާޒިޔާއިން ވަނީ ސޮއި ކުރުވައިފަ އެވެ.

އީގަލްސްގެ ކުރީގެ ޑިފެންޑަރު ނޫމާން (ވ) މާޒިޔާ އަށް ސޮއި ކުރުމަށް ފަހު އެ ކްލަބްގެ ޗެއާމަން އަހުމަދު ސާޖިދު އާއެކު ---- ފޮޓޯ: މާޒިޔާ
އީގަލްސްގެ ކުރީގެ ޑިފެންޑަރު ނޫމާން (ވ) މާޒިޔާ އަށް ސޮއި ކުރުމަށް ފަހު އެ ކްލަބްގެ ޗެއާމަން އަހުމަދު ސާޖިދު އާއެކު ---- ފޮޓޯ: މާޒިޔާ

އަންނަ ސީޒަންގައި މާޒިޔާ އަށް އިރުޝާދު ދެނީ ބަލްގޭރިއާގެ އީވާން ކޮލޭވް ހަމަޖައްސައިފަ އެވެ. އޭޝިއަން ކަޕް 2007 ގައި އިންޑޮނޭޝިއާގެ ގައުމީ ޓީމަށް ކޯޗުކޮށް ދިން ކޮލޭވް އަކީ މާޒިޔާ އަށް އިރުޝާދު ދޭ ބިދޭސީ ހަތަރު ވަނަ ކޯޗެވެ.

މާޒިޔާގެ ކޯޗުގެ ގޮތުގައި އޭނާ ތައާރަފް ކުރަން ބޭއްވި ޕްރެސް ކޮންފަރެންސްގައި ކޮލޭވް ބުނީ ގިނަ ވާހަކަތަކެއް ދެއްކުމަށް ވުރެ އޭނާ އިސްކަން ދެނީ ދަނޑު މަތީގައި ކުރަން ޖެހޭ މަސައްކަތަށް ސަމާލުކަން ދިނުމަށް ކަމަށެވެ. މިދިޔަ ދެ ސީޒަންގައި ވެސް އެ ކްލަބުން ބިދޭސީ ކޯޗުން ގެނައީ ދިވެހި ކޯޗުންނާއެކު ސީޒަން ފަށައި ފަހުން އެ ކޯޗުން ދޫކޮށްލުމަށް ފަހު އެވެ. މިދިޔަ އަހަރު މާޒިޔާ އަށް ކޯޗުކޮށް ދިނީ ސާބިއާގެ މިއޮޑްރާގް ޖެސިޗް އެވެ. ކާރު އެކްސިޑެންޓެއްގައި އޭނާ ވަނީ މިދިޔަ ޖެނުއަރީ މަހު މަރުވެފަ އެވެ.

ޖެސިޗް މާޒިޔާގެ ކޯޗު ކަމަށް މިދިޔަ އަހަރު ހަމަޖެއްސީ އެ ޓީމުން ފުރަތަމަ ހަމަޖެއްސި ކޯޗު މުހައްމަދު ޝިޔާޒު (މޯހަން) އާއެކު ޕްރެޒިޑެންޓްސް ކަޕް ނާކާމިޔާބު ވުމުން އޭނާ މަގާމުން ދުރު ކުރުމަށް ފަހު އެވެ. އޭގެ ކުރީގެ ސީޒަންގައި މާޒިޔާއިން ފެށީ މުހައްމަދު ނިޒާމް އާއެކު އެވެ. އެކަމަކު ދިވެހި ލީގުގެ ވަކި ހިސާބަކުން އޭނާ ދޫކޮށްލުމަށް ފަހު ސާބިއާގެ އެހެން ކޯޗެއް ކަމަށްވާ ރިސްޓޯ ވިޑަކޮވިޗް ކޯޗު ކަމަށް ހަމަޖެއްސި އެވެ.