ދެބެންގެ ކުރިމަތިލުން ދެ ކްލަބުގެ ކުރިިމަގާ ގުޅިފައި

މިދިޔަ އަހަރުގެ އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި އަލީ ސުޒޭންގެ ކޯޗުކަމުގައި ކުޅުނު މާޒިޔާ އިން ވަނީ އޭނާގެ ކޮއްކޮ މުހައްމަދު ނަޒީހުގެ އިރުޝާދުގެ ދަށުން ކުޅުނު ވިކްޓަރީގެ މައްޗަށް ކުރިހޯދައިފަ އެވެ. އެ މެޗަށް ފަހު ދެބެން ވެސް ވަނީ އެއީ ވަރަށް ޖަޒުބާތީ ކަންތައްތަކެއް ހިނގައިދިޔަ މެޗެއްކަން ފާހަގަކޮށްފަ އެވެ. އެސްޓީއޯ މާލޭ ލީގުގައި މާދަމާ ވިކްޓަރީ ގޮވައިގެން ސުޒޭން ނުކުންނާނީ ނަޒީހުގެ ކޯޗުކަމުގައި ކުޅެމުން އަންނަ ޔުނައިޓެޑް ވިކްޓަރީއާ ދެކޮޅަށެވެ.


ވިކްޓަރީ މި ވަގުތު ލީގުގެ ހަ ވަނައިގައި އޮތީ ހަ މެޗުން ލިބުނު ފަސް ޕޮއިންޓާ އެކު އެވެ. ޔުނައިޓެޑް ވިކްޓަރީ އޮތީ ހަ މެޗުން ތިން ޕޮއިންޓާ އެކު ލީގުގެ ހަތް ވަނައިގަ އެވެ.

މާދަމާގެ މެޗަށް ނުކުތުމުގެ ކުރިން ސުޒޭން ބުނީ ހުރިހާ ކަމަކަށް ވުރެން މި މެޗުން މޮޅެއް އެ ޓީމަށް މުހިއްމު ކަމަށެވެ.

"ހުރިހާ ކަމަކަށް ވުރެ އުނދަގޫ އެއް ކަމެއް އެބައޮތް. އެއީ އަމިއްލަ ބޮލުގައި އެޅިފައި އޮތް ޒިންމާ. މިހާރު ވިކްޓަރީ މިއޮތީ ފަސް ޕޮއިންޓުގައި. ވިކްޓަރީ މި ތިން ޕޮއިންޓް ނަގައިފިއްޔާ ދެން އޮތް ހުރިހާ ޓީމެއް ވެސް އޮންނާނީ ވިކްޓަރީ އަށް އަތުވާ ހިސާބުގައި. ކުރަން ހުރި މަސައްކަތަށް ބަލާއިރު މިއީ ވަރަށް މުހިއްމު ތިން ޕޮއިންޓް،" ސުޒޭން ބުންޏެވެ. "ޓާގެޓް ހާސިލްކުރަން ވިކްޓަރީ ކުރިއަށް ދިއުމާ ނުދިއުމުގެ ގޮތެއް ނިންމުމަށް ވަރަށް މުހިއްމު މެޗެއް މިއީ."

މި ފަހަރުގެ ސީޒަނުގައި އެއްވެސް މެޗެއް ފަސޭހަ ނޫން ކަމަށާއި ކޮންމެ މެޗަކަށް ވެސް ނުކުންނަނީ އެކަން ދަނެގެން ކަމަށް ސުޒޭން ވަނީ ބުނެފަ އެވެ.

"އެއްވެސް ޓީމެއް ފަސޭހަ ނޫންކަން އެބަ އެނގޭ ނަތީޖާތަށް ފެނުނީމަ. މިސާލަކަށް އެންމެ ދަށުގައި އެއް ޕޮއިންޓާ އެކު މި އޮތީ ވެލެންސިއާ. ވެލެންސިއާ ދެކޮޅަށް ވެސް ނަތީޖާ ނެރެން ފަސޭހައެއް ނޫން. ވިކްޓަރީ އަށް ވެސް ވެލެންސިއާއާ ދިމާވީ ތަންކޮޅެއް ނަސީބު ރަނގަޅު ދުވަހެއްގައި. އެގޮތަށް ޔުނައިޓެޑް ވިކްޓަރީއާ ދެކޮޅަށް ވެސް އުނދަގޫވާނެ،" އޭނާ ބުންޏެވެ.

އެހެން ނަމަވެސް ސުޒޭން ވަނީ ޔުނައިޓެޑް ވިކްޓަރީއާ ދެކޮޅަށް ނުކުންނައިރު އެޑްވާންޓޭޖްތަކެއް ހުރި ކަމަށް ބުނެފަ އެވެ.

"ދުވާލު މެޗެއްވީމަ ވިކްޓަރީގައި އެބަހުރި ބަދަލުކުރެވޭނެ ކުޅުންތެރިން. އެކަމަކު ޔުނައިޓެޑް ވިކްޓަރީގައި އެ އަރާ އެގާރަ ފިޔަވައި ނެތް އެ ފެންވަރުގެ ކުޅުންތެރިން. ދެން ބޭރު ކުޅުންތެރިންނަށް މި ހޫނުގައި ކުޅެން އުނދަގޫވާނެ،" ސުޒޭން ބުންޏެވެ.

ޔުނައިޓެޑް ވިކްޓަރީއާ ނަޒީހު ހަވާލުވިފަހުން އެ ޓީމުގެ ކުޅުން ވަނީ ރަނގަޅުވެފަ އެވެ. އެކަން ޔުނައިޓެޑް ވިކްޓަރީއާ ދެކޮޅަށް ނުކުންނަ ކޮންމެ ޓީމެއްގެ ކޯޗުން ވެސް ފާހަގަކުރެ އެވެ.

ނަޒީހު ބުނީ ވިކްޓްރީ އަށް ވުރެ މި މެޗުގެ މުހިއްމުކަން ޔުނައިޓެޑް ވިކްޓަރީ އަށް ވުރެ ބޮޑު ކަމަށާއި މެޗަށް ނުކުންނާނީ އެކަން ދަނެގެން ތިން ޕޮއިންޓް ހޯދުމަށް ކަމަށެވެ.

"ކުޅެފައިހުރި މެޗުތަކާއި ނެރެފައި ހުރި ނަތީޖާތަކަށް ބަލާއިރު މޮޅުނުވެވޭނެ މެޗެއް ނޫން މިއީ. ވިކްޓަރީ އަށް ވެސް މަތީގައި އޮތް ޓީމުތަކާ ގާތަށް އެންމެ މެޗުން ޖެހިލެވޭ ހިސާބަށް ދެވެން އޮތްއިރު މި މެޗުން މޮޅުވެގެން ޔުނައިޓެޑް ވިކްޓަރީ އަށް ވެސް ދެ މެޗުން މަތީގައި އޮތް ޓީމުތަކާ ގާތަށް ޖެހިލުމުގެ ފުރުސަތު އެބައޮތް،" ނަޒީހު ބުންޏެވެ.

"ޔޫވީ މި މުބާރާތުގައި ދެމިއޮތުމުގެ ފުރުސަތަކީ މިއީ. ވިކްޓަރީ އަށް އިތުރު ފުރުސަތު އޮތަސް، ޔޫވީ އަށް މި މެޗު ގެއްލިއްޖިއްޔާ ވަރަށް ގޯސް ހާލަތަކަށް އެބަދޭ."

އޭނާ ބުނީ ދެ ޓީމު އޮތް ހާލަތު މުޅިން ތަފާތު ނަމަވެސް ނަތީޖާ ނެރެން ކުރެވެން އޮތްހާ މަސައްކަތެއް ކުރާނެ ކަމަށެވެ.

"ވިކްޓަރީ މިހާރު އޮތް ހާލަތާ ޔޫވީ މިހާރު އޮތް ހާލަތު ތަފާތުވާ ބައިވަރު ކަންތައްތަކެއް އެބައޮތް. އަނިޔާއާ އެކި ސަބަބުތަކާ ހުރެ މާޒިޔާ މެޗުގައި ފެނުނު ތިން ކުޅުންތެރިއަކު ނުލައި ވިކްޓަރީ މެޗަށް ނުކުންނަން މި ޖެހެނީ. އެކަމަކު މިހާރު ވިކްޓަރީ އޮތް ހާލަތަށް ބަލާއިރު އެ ޓީމު ކޮޅަށް މި މެޗު ދިޔަނުދީ ހިފެހެއްޓޭނެ،" ނަޒީހު ބުންޏެވެ.

ކޮންމެ ޓީމަކާ ދެކޮޅަށް ކުޅެން ޖެހުނު ނަމަވެސް އަމާޒަކަށްވާނީ މޮޅުވުން ކަމަށާއި އެއީ ބަދަލުނުވާނެ ކަމެއް ކަމަށް ނަޒީހު ބުންޏެވެ.

"އަޅުގަނޑު ހުންނަ ކޮންމެ ތަނެއްގައި ވެސް މޮޓިވޭޝަން އޮންނާނެ. އަޅުގަނޑަކީ ކޮންމެ ތަނެއްގައި ވިޔަސް މޮޅުވާން ކުޅޭ މީހެއް. އެ ވަރިހަމަ ބޭބެ ވިޔަސް ބައްޕަ ވިޔަސް އިދިކޮޅުގައި ހުރީ. އެއީ މޮޅުވާން ބޯޅަ ކުޅެނީ ވަކި މި މެޗަކީ ވިކްޓަރީއާ ވެގެން ހާއްސައެއް ނުވޭ. މި ތިން ޕޮއިންޓް އަޅުގަނޑު ބޭނުމީ،" ނަޒީހު ބުންޏެވެ.

ޔުނައިޓެޑް ވިކްޓަރީއާ އަޅާކިޔާއިރު ވިކްޓަރީގައި ތަޖުރިބާކާރު ގިނަ ކުޅުންތެރިންތަކެއް އެބަތިއްބެވެ. އަދި ސްކޮޑުގެ ގޮތުންނާއި ތިބި ކުޅުންތެރިންނަށް ބަލާއިރު ވިކްޓަރީ ފެންނަނީ ވަރުގަދަ ކޮށެވެ. ނަޒީހު ބުނީ އޭނާ ދެކޭ ގޮތުގައި ސްކޮޑު ބޮޑުވުމަކުން ގެނެވޭނެ މާ ބޮޑު ތަފާތެއް އޮތް ކަމަށް ނުދެކޭ ކަމަށެވެ.

"އަޅުގަނޑު ވެސް މި އިންނަނީ ބޯޅަކުޅޭ ބޫޓެއް ހިފައިގެން. އެއީ ފަހަރެއްގައި ވިކްޓަރީ އަށް ބޭނުންވެދާނެ އިތުރު މިޑްފީލްޑަރެއް. އެއީ ވިކްޓަރީގައި އެބަތިބި އެ ހާލަތުގެ ކުޅުންތެރިން. އެއީ 37 ނޫނީ 38 ގެ ކުޅުންތެރިން އެބަތިބި. އެ ކުޅުންތެރިންނަށް ވުރެން އަޅުގަނޑު ދެކޭ ގޮތުގައި ނުރައްކާ ބޮޑީ މަސައްކަތްކުރާ ޒުވާން ކުޅުންތެރިން. ވިކްޓަރީގައި އެބަތިބި އެ ފެންވަރުގެ ކުޅުންތެރިން،" އޭނާ ބުންޏެވެ.

ކޮންމެ ޓީމެއްގައި ހުރި ނަމަވެސް ވިކްޓަރީ އަކީ ހާއްސަ ގުޅުމެއް އޮންނާނެ ކްލަބެއް ކަަމަށާއި އެހެން ނަމަވެސް މާދަމާ ހުރިހާ ވިސްނުމެއް ހުރީ ވިކްޓަރީ އަތުން މޮޅެއް ހޯދުމަށް ކަަމަށް ނަޒީހު ބުންޏެވެ.

ވިކްޓަރީ އާއި ޔުނައިޓެޑް ވިކްޓަރީ ކުޅޭ މެޗު ފަށާނީ މާދަމާ ހަވީރު ހަތަރެއް ޖަހާއިރު އެވެ.