20 ޖެނުއަރީ 2025 - 08:04
މެންޗެސްޓާ (ޖެނުއަރީ 20) – މެންޗެސްޓާ ޔުނައިޓެޑުގެ ތާރީހުގައި ވެސް އެންމެ ދަށް ޓީމު ލިބުނީ އޭނާ އަށް ކަމަށް އެ ކްލަބުގެ ކޯޗު ރުބެން އަމޯރިމް ބުނެފި އެވެ.
އޭނާ މިހެން ބުނީ ޕްރިމިއާ ލީގުގައި ރޭ ބްރައިޓަން ހޯވް އެލްބިއޯން އަތުން 3-1 އިން ބަލިވެ އަނެއްކާ ވެސް މައްސަލަތައް ކުރިމަތިވި މެޗަށް ފަހު އެވެ. ކުރިން ކުޅުނު ދެ މެޗުގައި ލިވަޕޫލާއި އާސެނަލްއާ ދެކޮޅަށް ކުޅުނު މެޗުގައި ރަނގަޅު ކުޅުމެއް ދެއްކުމުން އެ ކްލަބް ހަމަޔަކަށް އެޅިދާނެކަމަށް ބެލެވުނެވެ.
އެކަމަކު ރޭ އަމިއްލަ ދަނޑުގައި ބައިކޮޅަށް ތިން ލަނޑު ވަދެ، އެ ޓީމު ވަނީ އަނެއްކާވެސް ބަލިވުމުގެ ޓްރެކަށް ފުރޮޅާލައިފަ އެވެ.
ނޮވެމްބަރު މަހު ޔުނައިޓެޑާ ހަވާލުވި އަމޯރިމް ބުނީ މި ނަތީޖާތަކުން ޔުނައިޓެޑެ ކުރީގެ ކޯޗު އެރިކް ޓެން ހަގަށް ވުރެ އޭނާ ހުރެގެން ބަލިވި މެޗުތައް ގިނަ ވެދާނެ ކަމަށެވެ.
"އެކަން ވަރަށް ރަނގަޅަށް އަހަންނަށް އެނގޭ. އެކަމަކު އަހަރެން މި ކުޅުވާ ގޮތް ބަދަލެއް ނުކުރާނަން ކޮންމެ ގޮތެއް ވިޔަސް ހެޔޮ،" ސްޕޯޓިން ލިޒްބަން ދޫކޮށް ޔުނައިޓެޑާ ހަވާލުވި ކޯޗު ބުންޏެވެ.
"އަހަންނަށް އެނގޭ އަހަރެމެންނަށް ކާމިޔާބާ ހަމައަށް ދެވޭނެކަން. އެކަމަކު މި ވަގުތަށް އަހަރެމެން ސަލާމަތްކަން ހޯދަން އެބަޖެހޭ. ފަހަރެއްގައި އަހަރެމެންގެ މި ޓީމަކީ މެންޗެސްޓާ ޔުނައިޓެޑްގެ ތާރީހުގައި ވެސް (ކްލަބްގައި) އޮތް އެންމެ ދަށް ޓީމަށް ވެދާނެ."
އަމޯރިމް ބުނީ ނޫސްވެރިން އެ ސުރުހީތައް ހަދަން ބޭނުންވާނެކަން އޭނާ އަށް އެނގޭ ކަމަށެވެ. އެކަމަކު އޭނާ އެ ވާހަކަ ދެއްކަނީ ހަގީގަތާ ކުރިމަތިލައި އެ ހާލަތު ބަދަލު ކުރުމުގެ މަގްސަދުގައި ކަމަށް ޕޯޗުގަލްގެ ކޯޗު ބުންޏެވެ.
ޔުނައިޓެޑްގެ ކޯޗުކަމުގައި އަމޯރިމް ނުކުތް 15 މެޗުގެ ތެރެއިން ހަތް މެޗުން އެ ޓީމު ވަނީ ބަލިވެފަ އެވެ. ޕްރިމިއާ ލީގު ތަވާލުގައި އެ ޓީމު އޮތީ 13 ވަނައިގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރެޑް ޑެވިލް
20 January 2025
ޑިއާލޯ، ގްރެނާޗޯ، އެންތަނީ، ޑަލޮޓް އަދި މަޒްރާވީ އަކީ ފުލްބެކުންނެއް ނޫން، މި ކުޅުންތެރިން ވިންގް ބެކަށް ލައިގެން 3ސެންޓްރަލް ޑިފެންޑަރުންނާ ނަމްބަރ 10 ގެ ރޯލަށް ދެކުޅުންތެރިން ލައިގެން އަމޯރިމް ތި ހަދަން އުޅޭ އެކްސްޕެރިމެންޓް ކާމިޔާބެއް ނުވާނެ. އެންމެ ރަނގަޅުވާނީ ޑިއާލޯ އާއި ގްރެނާޗޯ ވިންގަށް ލައިގެން 2-4-4 ގެ ފޯމޭޝަނަށް ކުޅުން
ކޯޗު ސާމިހް
20 January 2025
ކޯޗެއްނޫން ކަޑައީ. ކަޑައީ ދެންއުޅޭ ޓީމުތައް. މާމޮޅުވެގެން މެންޔޫ ބަލިކުރާތީ ކަޑައީ. ހަމަ ސީރިއަސްކޮށް