ކުޅިވަރު / އެފްއޭއެމް ކޮންގްރެސް

ރާއްޖޭގެ ނުވަ ޒޯން އެފްއޭއެމްގެ ކޮންގްރެސްގައި ތަމްސީލު ވާންޖެހޭނެ: ސޭވް އެފްއޭއެމް

ސޭވް އެފްއޭއެމްގެ ހަރަކާތްތެރިން އެފްއޭއެމް ނޯމަލައިޒޭޝަން ކޮމިޓީއާ އެކު ބޭއްވި ބަދައްލުވުމަށް ފަހު ފޮޓޯއަކަށް ހުއްޓިލައިގެން

އެފްއޭއެމްގައި މިހާރު އޮތް އަސާސީ ގަވާއިދާ އެއްގޮތަށް، އެ އެސޯސިއޭޝަނުގެ ކޮންގްރެސް އަށް ރާއްޖޭގެ ނުވަ ޒޯނަށް ފުރުސަތު ދޭން ސޭވް އެފްއޭއެމުން ގޮވާލައިފި އެވެ.

އެފްއޭއެމާއި ރާއްޖޭގެ ފުޓްބޯޅަ ރިފޯމް ކުރުމަށް ގޮވާލައި ކެމްޕޭނެއް ފެށި "ސޭވް އެފްއޭއެމް" ގެ ހަރަކާތުން އިއްޔެ ވަނީ އެފްއޭއެމްގެ ނޯމަލައިޒޭޝަން ކޮމިޓީއާ ބައްދަލުކޮށްފަ އެވެ.

އެ ބައްދަލުވުމުގައި ސޭވް އެފްއޭއެމްގެ ފަރާތުން ބައިވެރިވި އެފްއޭގެ ކުރީގެ ސެކްރެޓަރީ ޖެނަރަލް ޝާހު އިސްމާއީލް ވިދާޅުވީ އެފްއޭއެމުން 2016 ގައި ފާސް ކުރި އަސާސީ ގަވާއިދުން 44 މަންދޫބުން ކޮންގްރެސްގައި ތަމްސީލު ކުރަން ޖެހޭ ކަމަށެވެ.

އެކަމަކު ޖުލައި 2020 ގައި ބޭއްވި ކޮންގްރެސްގައި އަސާސީ ގަވާއިދުގެ ދިވެހި ކޮޕީ އިސްލާހުކޮށް "އިންޓަރެސްޓް ގުރޫޕްތައް" އުފެއްދުމުގެ މާއްދާ އުވާލި އެވެ.

ޝާހު ވިދާޅުވީ ދިވެހި ގަވާއިދަށް ބަދަލު ގެނައި ނަމަވެސް ފީފާގެ ކުރިމަތީގައި ސައްހަ ގަވާއިދަކީ އިނގިރޭސި ގަވާއިދު ކަމަށެވެ.

"އަސާސީ ގަވާއިދުގެ އަށް ވަނަ މާއްދާގައި ބުނެފައި އޮންނާނެ މާނަ ކުރުމުގައި ތައާރުޒެއް އުފެދޭނެމަ ބަލަން ޖެހޭނީ އިނގިރޭސި ގަވާއިދަށް ކަމަށް،" ޝާހު ވިދާޅުވި އެވެ.

"ފީފާއިން އެޕްރޫވް ކޮށްފައިވާ ގަވާއިދަށް އަމަލު ކުރާނަމަ މިހާރު ބާއްވާ ކޮންމެ ކޮންގްރެސް އަކަށް ވެސް ރާއްޖޭގެ ނުވަ ޒޯނާއި އިންޓަރެސްޓް ގުރޫޕްތަކާ އެކު 44 ޑެލިގޭޓުން ކޮންގްރެސްގައި ތިބޭނެ."

އެ ބައްދަލުވުމުގައި ބައިވެރިވި، ފުޓްބޯޅައިގެ މައްސަލަތަކަށް ފާޑުވިދާޅުވެ ލިޔުންތައް ލިޔުއްވާ ހާމިދު އަބްދުލް ޣަފޫރު ވިދާޅުވީ ޖުލައި 2020 ގައި ފާސް ކުރި އަސާސީ ގަވާއިދު، އިނގިރޭސި ބަހަށް ތަރުޖަމާކޮށްފައިވާކަން، އެފްއޭއެމްގެ ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއާޕާސަން އަހްމަދު މުއިއްޒު ވިދާޅުވި ކަމަށެވެ.

ހާމިދު ވިދާޅުވީ ބަދަލު ގެނައި ގަވާއިދުގެ އިނގިރޭސި ތަރުޖަމާ ކަމަށް ބުނެ އޭއެފްސީގެ ވެބްސައިޓްގައި ވެސް އެ ގަވާއިދު ފެންނަގޮތަށް އެބައޮތް ކަމަށެވެ.

"އޭއެފްސީގެ ވެބްސައިޓްގައި ވަނީ 2022 ގައި ފާސް ކުރި ކަމަށް ބުނާ ގަވާއިދުގެ އިނގިރޭސި ތަރުޖަމާއެއް ކަމަށް. އެއަކުން އެނގޭކަށް ނެތް އޭއެފްސީން އެޕްރޫވް ކުރި ކަމަކަށް،" ހާމިދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ބަދަލު ގެނައި އެ ގަވާއިދަށް ބެލި ނަމަވެސް އެފްއޭއެމްގެ ކޮންގްރެސްގައި ތިބޭނީ އެންމެ ޒޯނުގެ ކްލަބްތައް އެކަނި ނޫން ކަމަށެވެ.

"އެ ތަރުޖަމާގެ 22 ވަނަ މާއްދާގެ ސީ ގައި ވެސް ސާފުކޮށް ބުނެފައި އެބައޮތް ރާއްޖޭގެ ނުވަ ޒޯނުގެ ރެޕްރެޒެންޓުން ތިބެން ޖެހޭނެޔޭ،" ހާމިދު ވިދާޅުވި އެވެ.

އެފްއޭއެގެ ސެކްރެޓަރީ ޖެނަރަލްކަން ވެސް ކުރެއްވި ހާމިދު ވިދާޅުވީ އެފްއޭއެމްގެ ކުރީގެ ލީޑާޝިޕުން އަމަލުކޮށްފައި ވަނީ އަސާސީ ގަވާއިދާ ހިލާފަށް ކަމަށެވެ.

"ދެން ފީފައިން އައްޔަން ކުރާ ނޯމަލައިޒޭޝަން ކޮމިޓީން އެގޮތަށް އަމަލު ނުކުރާނެކަމަށް އުއްމީދުކޮށްގެން އެންމެން ތިބޭނީ. އެކަމަކު އެންމެ ފަހުގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގައި ވެސް އަމަލު ކުރީ އަސާސީ ގަވައިދާ ހިލާފަށް ހަމައެކަނި އެންމެ ޒޯނެއްގެ ރެޕްރެޒެންޓޭޝަން އޮންނަ ގޮތަށް،" ހާމިދު ވިދާޅުވި އެވެ.

އެނާ ވިދާޅުވީ އެފްއޭއެމްގެ ނޯމަލައިޒޭޝަން ކޮމިޓީ އަށް ފީފާއިން ހަވާލު ކުރީ އަސާސީ ގަވާއިދު މުރާޖާ ކުރަން ކަމަށެވެ.

"އިސްލާހު ކުރާ ނަމަވެސް އެކަން ކުރަން ޖެހޭނީ އަސާސީ ގަވާއިދާ އެއްގޮތަށް ބާއްވާ ކޮންގްރެސްއަކުން. ރާއްޖޭގެ ނުވަ ޒޯނުގެ ރެޕްރެޒެންޓޭޝަން ނެތި ބާއްވާ ކޮންގްރެސް އެއް އަސާސީ ގަވާއިދާ ހިލާފު ވާނެ،" އޭނާ ވިދާޅުވި އެވެ.

އެފްއޭއެމްގެ އަސާސީ ގަވާއިދު އިސްލާހު ކުރަން އަންނަ މަހު ކޮންގްރެސްއެއް ބާއްވަން ނޯމަލައިޒޭޝަން ކޮމިޓީން އަންނަނީ ތައްޔާރު ވަމުންނެވެ.

އަސާސީ ގަވާއިދަށް ޓީސީ ސްޕޯޓްސް ކްލަބުން އިސް ނަގައިގެން ވަނީ އިސްލާހުތަކެއް ހުށަހަޅައިފަ އެވެ. 10 ކްލަބެއްގެ ތާއީދާ ވެސް އެކު ހުށަހެޅި އެ އިސްލާހުތަކުގައި ވަނީ ރާއްޖެ ހަތަރު ޒޯނުގެ ސަބް އެސޯސިއޭޝަންތައް އެއް އަހަރުތެރޭ އުފައްދުމަށެވެ. އަދި ދެ އަހަރުތެރޭ އެ ހަތަރު ޒޯނުގެ މެދުގައި ލީގު ފޯމެޓް އެކުލަވާލުމަށެވެ.

1 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މުލޭ

26 April 2025

އެފްއޭއެމާ ޙަވާލުވާ އެންމެން ގޭންގުތަކުގެ އަތްދަށުވީމަ ކޮންގްރެސްގައި ވެސް ތިބޭނީ އެންމެ ޒޯނެއްގެ ކްލަބުތައް. އެކަމަކާ އަހަރެމެން ޙައިރާނެއް ވެސް ނުވޭ. ގޭންގު ކްލަބުތައް ބޭރުކޮށްގެން ނުވަތަ ގޭންގުތަކުގެ ކޮންޓްރޯލުން ކްލަބުތައް މިނިވަންވި ދުވަހަކުން ފުޓުބޯޅަ ރަނގަޅުވެ ކުރިއަރާނީ. މާލޭގެ 10 ގޭންގަކުން ކޮންޓްރޯލް ކުރާ ކްލަބުތައް ތިޔަ ކްންގްރެސްގައި މިފަހަރުވެސް ބައިވެރިކުރާނީ. އެމީހުން ނުރުހިދާނެތީ ބިރުން އެފްއޭއެމުގެ ވެރިން އަވަދުވެސް ތިބެނީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454