12 ޖޫން 2025 - 12:54
އެފްއޭއެމް އަސާސީ ގާވާއިދު އިސްލާހު ކުރުމަށް މި މަހު ފަހުކޮޅު ބާއްވަން މަސައްކަތް ކުރާ ކޮންގްރެސް ބާއްވަން އުޅެނީ ގަވާއިދާ ހިލާފަށް ކަމަށް އެ އެސޯސިއޭޝަނުގެ ކުރީގެ ޖެނަރަލް ސެކްރެޓަރީ ޝާހް އިސްމާއީލް ވިދާޅުވެއްޖެ އެވެ.
މިއީ އެ ވާހަކަ އޭނާ ދައްކަވާ ފުރަތަމަ ފަހަރެއް ނޫނެވެ.
އަސާސީ ގަވާއިދު އިސްލާހު ކުރުމަށް ބާއްވާ ކޮންގްރެސް މި މަހު 27 ގައި ބާއްވަން އެފްއޭއެމުން ވަނީ ނިންމައިފަ އެވެ. އަދި ކޮންގްރެސްގައި ބައިވެރިވުމުގެ ދައުވަތު ވެސް ކްލަބްތަކަށް އެފްއޭއެމްގެ ނޯމަލައިޒޭޝަން ކޮމިޓީން ވަނީ ފޮނުވައިފަ އެވެ.
އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ ފަހު ދައުރުގައި އެފްއޭއެމްގެ އިދާރީ މަގާމެއް ވެސް އަދާކުރެއްވި ޝާހް ވިދާޅުވީ ރާއްޖޭގެ ނުވަ ޒޯނުގެ ޓީމުތައް ބައިވެރިނުކޮށް ބާއްވާ ކޮންގްރެސް އަސާސީ ގަވާއިދާ ހިލާފު ވާނެ ކަމަށެވެ.
ފުޓްބޯޅަ އާއި އެފްއޭއެމް ރިފޯމް ކުރުމަށް ކެމްޕޭން ކުރާ "ސޭވް އެފްއޭއެމް" ގެ ގުރޫޕަށް ޝާހު ވަނީ އެފްއޭއެމްގެ އިނގިރޭސި އަސާސީ ގަވާއިދުގެ ބައެއް ސޮފްހާތަކުގެ ސްކްރީންޝޮޓް ފޮނުވައިފަ އެވެ.
އެ ސޮފްހާތައް ހިއްސާކުރުމަށް ފަހު ޝާހް ވިދާޅުވީ އެ އަސާސީ ގަވާއިދަށް އަމަލު ކުރާނަމަ ރާއްޖޭގެ އުތުރާއި މެދު އަދި ދެކުނުން، ކޮންމެ ސަރަހައްދަކުން ތިން ޒޯނުން މަންދޫބަކު ކޮންގްރެސްގައި ތަމްސީލު ކުރަން ޖެހޭނެ ކަމަށެވެ.
ސޭވް އެފްއޭއެމް ގުރޫޕަށް ޝާހް ފޮނުއްވި އިނގިރޭސި ކޮޕީގެ ސްކްރީންޝޮޓް
އެކަމަކު އެފްއޭއެމުން މިހާތަނަށް އެގޮތަށް އަމަލުކޮށްފައެއް ނުވެ އެވެ. ހަމަ ކޮންމެ ކޮންގްރެސްއެއްގައި ފުރުސަތު ދެނީ މާލެ ޒޯންގެ ޓީމުތަކަށް އެކަންޏެވެ.
ޝާހް ވެސް ހިމެނޭ ގޮތަށް ސޭވް އެފްއޭއެމްގެ ބައެއް ހަރަކާތްތެރިން ވަނީ މިދިޔަ މަހު ނޯމަލައިޒޭޝަން ކޮމިޓީގެ މެންބަރުންނާ ބައްދަލުކޮށް ރާއްޖޭގެ އެހެން ޒޯންތަކަށް ވެސް ކޮންގްރެސްއިން ފުރުސަތު ދޭން އެފްއޭއެމްގެ އިނގިރޭސި ގަވާއިދުން ބާރު އަޅާ ކަމަށް ބުނެ އެގޮތަށް އަމަލުކުރަން އިލްތިމާސް ކޮށްފަ އެވެ.
"މި ހަމައިން އަމަލުނުކޮށް ހިންގާ ގަވައިދު އިސްލާހު ކުރާން މަންދޫބުން އެހަމަ ކުރާގޮތެއް ހަމަ ނުވިސްނެ އެވެ. ގައިމު ޒިންމާ އުފަލަންވެސް ބައަކު ތިބޭނެ ނޫންތޯއެވެ." ސޭވް އެފްއޭއެމްގެ ގުރޫޕްގައި ޝާހް ލިޔުނު މެސެޖްގައި ބުންޏެވެ.
އެފްއޭއެމްގެ ކުރީގެ ލީޑާޝިޕުން ޖުލައި 2020 ގައި ބޭއްވި ކޮންގްރެސްއިން ވަނީ ދިވެހި ގަވާއިދުގައި ބުނާ ރާއްޖޭގެ ނުވަ ޒޯނަށް ފުރުސަތު ދިނުމުގެ މާއްދާތައް އުވާލައިފަ އެވެ. އަދި އެ ގަވާއިދުގެ އިނގިރޭސި ތަރުޖަމާއެއް އޭއެފްސީގެ ވެބްސައިޓްގައި ވެސް ޕޯސްޓްކޮށްފައި ވެއެވެ.
ސޭވް އެފްއޭއެމް ގުރޫޕަށް ޝާހް ފޮނުއްވި އިނގިރޭސި ކޮޕީގެ ސްކްރީންޝޮޓް
އޭއެފްސީގެ ވެބްސައިޓްގައިވާ ގަވައިދުގެ ތިރީގައި ވަކިން ގޮޅިއެއްގައި ފާހަގަވާ ގޮތަށް ލިޔެފައި ވަނީ އެ ގަވާއިދަކީ އެފްއޭއެމުން ޖުލައި 2، 2020 ގައި އިސްލާހުކޮށް ބަދަލު ގެނެސްފައިވާ ގައިވާއިދުގެ ތަރުޖަމާއެއް ކަމަށެވެ. އެ ގަވާއިދު އޭއެފްސީން ބަލައިގަނެ އެޕްރޫވް ކޮށްފައިވާ ކަމަކަށް ބުނެފައެއް ނުވެ އެވެ.
އަސާސީ ގަވާއިދު ފުށު އަރާނަމަ، އަމަލުކުރަން ޖެހޭނީ ފީފާއިން ބަލައިގެންފައިވާ އިނގިރޭސި ގަވާއިދަށް ކަމަށް ގަވާއިދުގެ ނުވަ ވަނަ މާއްދާގައި ބުނުފެައި ވެއެވެ.
ޝާހް ވިދާޅުވީ ފުށުއެރުންތައް އުޅޭނަމަ ފީފާއިން އެޕްރޫވް ކޮށްފައިވާ އިނގިރޭސި ގަވާއިދަށް އަމަލު ކުރުން ނޫން ހަމައެއް ނެތް ކަމަށެވެ.
"ހަތެއް މެއި 2016 ގައި ފާސްކޮށް ދީފައި އޮތް އަސާސީ ގަވާއިދުގައި 9 ޒޯން ގެ ބައިވެރިވުުން އޮތީ ސާފުކޮށް ކަނޑއަޅައި ދީފައިއެވެ. އަދި އެ 9 ޒޯނުން ކޮންގަރެސް އަށް މަންދޫބުން ކަނޑައަޅާނެ ގޮތް އޮތީ ފީފާއިން އެފްރޫވްކޮށްދީ 5 ސެޕްޓެންބަރ 2016 ގައި އެކްސްޓްރާ އޯޑިނަރީ ކޮންގަރެސްް އިން ފާސްކުރި ގަވާއިދުގެ 22 ވަނަ މައްދާގައެވެ،" ޝާހް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނަންނުގަތި1
13 June 2025
ޝާހްމެން އުޅުނުއިރު ތިބުނާ 9 ޒޯން ބޭނުންކޮށްގެން އެއްވެސް ކަމެއް ކުރިންތޯ އަހާލާހިތްވޭ.
ވޯލް
12 June 2025
ގަވާއިދު ވާހަކަ ދައްކާނެ ކަމެއް ނެޔް. ބައްސާމު ވައްކަން ކުރި އިރު އެވާހަކަ ނުދެއްކުނެންނު.
ދިވެހި2.0
12 June 2025
“އަލްއުސްތާޒު” މުއިއްޒު އާއި “އަލްއުސްތާޒް” ސިމަން އަށް ވުރެ މޮޅަށް އަސާސީ ގަވާއިދުގައި އޮތް އެއްޗެއް ޝާހުއަށް ކިހިނެއް އިނގޭނީ؟
ޕަންޕު
12 June 2025
ޝާޙު އަށް ތި އޮޅުން ނުފިލައިގެން އުޅޭ މައސަލަ ބައްސާމު ކައިރިން އޮލުން ފިލުވުން ރަނގަޅު ވާނެ.
ގުބޯޅަ
12 June 2025
ވޭތުވެ ދިއަހާ އަރުތަކެގައި މިހުރިހާ ސަކަރާތެޖެހީ ހަމަ މިމީހުން
ސާންފާ ބަނަފްސާ
12 June 2025
ތި ކަމަކީ ކުރީގެ ކޮންގްރެސް އަކުން މިހާރު ގަޮތެއް ނިންމާފަ ވާ މައްސަލައެއް. ސާޙް ތިއުޅެނީ މާ ފަހަތުގަ ނޫނީ ބަޔަކަށް ނަާޖާޒް ފައިދާއެއް ހޯދައި ދޭން ތި މަސައްކަތް ފަށައިގަތީ. މުބާރާތް ނު ބާއްވާ ޒޯނު ތަކެއް ގަ މެންބަރު ކުލަބް ތަކެއް ނެތެންނު 5 އަހަރުވެފަ ތިބި؟ . ނެތް ؟ނުކުޅެ؟ ތިބޭ ބަޔަކު ކިހިނެއް ތަ ހަމަ އައިސް ކަންގްރެސް ގަ ވޯޓް ލާނީ.
ޒޯން
12 June 2025
ޒޯން މުބާރާތް ނުބޭއްވުމަކީ އެސޯސިއޭޝަން ގެ ފެއިލިއަރ އެއް. ޒޯން ކްލަބް ތަކަށް އޭގެ އަދަބެއް ނުދެވޭނެ. ދެން މިތާންގަ މިބުނާ 5 އަހަރަކީ ޤަވާޢިދު ގެ އެއްވެސް ތަނެއްގައި ލިޔެފައިވާ ވާހަކަ އެއް ނޫން. ޔަޤީން ތިބޭފުޅާ އަކީ ނާޖާއިޒް މަންފާ ، އެފްއޭއެމް އިން ލިބިފައިވާ ބޭފުޅެއް.