ނިއު ރޭޑިއަންޓްގެ ކޯޗު އަލީ ސުޒޭން: އޭނާ ބުނީ ދެވަނަ ޑިވިޝަނުގައި ވާދަކުރަން ޖެހުނު ނަމަވެސް ނިއުއާ ހަވާލު ވާނެ ކަމަށް --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
29 ސެޕްޓެމްބަރ 2025 - 15:18
ނިއު ރޭޑިއަންޓް ގޮވައިގެން ދެވަނަ ޑިވިޝަނުގައި ވާދަކުރަން ޖެހުނަސް، އެ ޓީމާ ހަވާލުވާނެ ކަމަށް އެ ޓީމުގެ ކޯޗު އަލީ ސުޒޭން ބުނެފި އެވެ.
ހަތް އަހަރުގެ މެދުކެނޑުމަކަށް ފަހު ނިއު އެނބުރި އައީ، އެ ކްލަބްގެ ކުރީގެ އެންމެ ވާދަވެރި ވިކްޓަރީގެ ލެޖެންޑް ސުޒޭންއާ އެކު އެވެ. ކުޅުނު އިރު ވެސް އަދި ކޯޗެއްގެ ގޮތުގައި ވެސް އޭނާ ފާހަގަ ކުރެވިފައިވަނީ ނިއުގެ ވާދަވެރިއެއްގެ ގޮތުގަ އެވެ.
ސުޒޭން ބުނީ މި ސީޒަނުގައި ނިއު، ފުރަތަމަ ޑިވިޝަނުގައި ވާދަކުރާނެކަމުގެ ޔަގީންކަން ކުރިން ވެސް އޮތް ކަމަށެވެ. އެ ޓީމުގެ ކޯޗުކަން އޭނާ އަށް ހުށަހެޅުމުން އެކަން ގަބޫލު ކުރީ ވެސް އެ ޔަގީންކަން އޮތުމުން ކަމަށް ތަޖުރިބާކާރު ކޯޗު ބުންޏެވެ.
"އަޅުގަނޑުމެން ހަގީގަތަށް ވާހަކަ ދައްކަމާ ހިނގާ. ބައިވަރު ޕޮޒިޓިވް ވާހަކަތައް ހުރި، މި ސީޒަނުގައި ނިއު ރޭޑިއަންޓް އެއްވަނަ ޑިވިޝަނުގެ ވާދަކުރާނެކަމުގެ. އެ ހުރިހާ އެއްޗަކަށް ބަލާފަ އެ ނިންމި ނިންމުން ނިންމީ،" ސުޒޭން ވާހަކަ ދެއްކި އެވެ.
ހަތް އަހަރަށް ފަހު ނިއު އެއްވަނަ ޑިވިޝަނުގައި ވާދަކުރަން ފުރުސަތު ލިބުނީ، ކުރިން އެއްވަނަ ޑިވިޝަނުގައި އޮތް ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ލީގުން ވަކިވުމުންނެވެ. ދެވަނަ ޑިވިޝަނުގެ ސެމީ ފައިނަލުން ބަލިވި ދެ ޓީމުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާއެއް ނެރުނު ޓީމަށް، ނިއު ވުމުން އެ ޖާގަ ދިނީ އެ ކްލަބަށެވެ.
އެކަމަކު އެ ފުރުސަތު ނިއު އަށް ނުލިބި، ދެވަނަ ޑިވިޝަނުގައި ވާދަކުރަން ޖެހުނު ނަމަވެސް ނިއުއާ އެކު މަސައްކަތް ކުރާނެ ކަމަށް ސުޒޭން ބުންޏެވެ.
"ސެކަންޑް ޑިވިޝަނުގައި ކުޅެން ޖެހުނު ނަމަވެސް އެ ޗެލެންޖަކީ އަޅުގަނޑު ނުނަގާނެ ޗެލެންޖެއް ނޫން. އެ ޗެލެންޖް ނަގަން ތައްޔާރަށް ހުރީ. ފުޓްބޯޅައިގައި މަސައްކަތް ކުރާ ކަމަށް ވަންޏާ އެބަ ޖެހޭ އެ ޗެލެންޖް ނަގަން. އަޅުގަނޑުގެ 40 ވަނަ ސީޒަން މި ގޮލޮޅު ދަނޑުގައި މި ފަށަނީ. އެ ފަށާއިރު ސެކަންޑް ޑިވިޝަނުގެ ޓީމެއްގައި މަސައްކަތް ކޮށްލަން ޖެހުމަކީ އެއްވެސް މައްސަލައެއް ނޫން،" ސުޒޭން ބުންޏެވެ.
"އެކަމަކު އަޅުގަނޑުމެން ހަގީގަތް ގަބޫލުކުރަން ޖެހޭ. ނިއު ރޭޑިއަންޓް ފަސްޓް ޑިވިޝަނަށް އަންނާނެކަމުގެ ޔަގީންކަމާ އެކު ކުޅުންތެރިން ހަމަކޮށް ހުރިހާ ތައްޔާރީތަކެއް ވަމުން ދިޔައީ. އެހެންވީމަ އޭގެ ތެރެއިން އަޅުގަނޑާ ދެކެވުނު ވާހަކައިގައި އަޅުގަނޑު ވެސް އެއްބަސްވީ."
ވިކްޓަރީ އަށް ގިނަ ކާމިޔާބުތަކެއް ހޯދައި ދިން ކޯޗު ސިފަ ކުރި ގޮތުގައި އޭނާ އަކީ އެ ޓީމު އޭރު މެޗަކުން ބަލިވެއްޖެނަމަ ގެއަށް ވަދެ ބަނޑުން އޮށާވެގެން އޮވެ ރޯން އޮތް ޖީލުގެ މީހެކެވެ.
އޭނާ ސިފަ ކުރި ގޮތުގައި އޭނާގެ ޖީލުގައި ވިކްޓަރީގެ ސަޕޯޓަރުންނަށް ނިއު ރޭޑިއަންޓް ބަލައިގަނެފައި ވަނީ ވާދަވެރިއަކަށް ވުރެ ވެސް ބޮޑަށް ހަތުރުވެރިއެއް ގޮތަށެވެ. އަދި ނިއު ރޭޑިއަންޓްގެ ސަޕޯޓަރުންނަށް ވިކްޓަރީ ވެސް ބަލައިގަނެވިފައި ވަނީ ހަތުރުވެރިއެއް ގޮތަށް ކަމަށް ސުޒޭން ބުންޏެވެ.
"އެ އިހްސާސް ކުރެވިފައި ހުރި މީހެއް އަޅުގަނޑަކީ،" ސުޒޭން ބުންޏެވެ.
އެކަމަކު މިހާރު އެ އިހްސާސް ތަފާތު ކަމަށް އޭނާ ބުންޏެވެ.
"އަޅުގަނޑުގެ އަމިއްލަ މަސައްކަތެއް ކުރާއިރު އަޅުގަނޑު ފޯކަސް ހުންނާނީ އަޅުގަނޑަށް ކާމިޔާބު ހޯދަން. އިރާދަކުރެއްވިއްޔާ އެކަމަށް އަޅުގަނޑު މިއައީ،" ސުޒޭން ބުންޏެވެ.
"ދެން ނިއު ރޭޑިއަންޓް ކަހަލަ ބޮޑު ޓީމެއްގެ އޮފާއެއް (ހުށަހަޅައިފިނަމަ) ދިވެހި ކޯޗެއް ވަރަށް ނޫނެކޭ ނުބުނާނެ. އަދި ބޭރު ކޯޗުން ވެސް އެ އޮފާ ނަގާނެ،" ސުޒޭން ބުންޏެވެ.
ދިވެހި ޕްރިމިއާ ލީގުގައި ނިއު ރޭޑިއަންޓަށް ކުރިއަށް އޮތީ އެ ޓީމުގެ ކުރީގެ އަނެއް ވާދަވެރިޔާ ވެލެންސިއާ އެވެ. ރާއްޖޭގެ ކުޅުންތެރިންނަށް މުސާރަ ދީގެން އެންމެ ފުރަތަމަ ކުޅުވަން ފެށީ ވެލެންސިއާއިންނެވެ. އެއީ 1992 ގެ ސީޒަނުގަ އެވެ. އެ އަހަރު ވެލެންސިއާއިން މުސާރަ ދީގެން އެ ކްލަބަށް ގެންދިޔަ ކުޅުންތެރިންގެ ތެރޭގައި ސުޒޭން ވެސް ހިމެނެ އެވެ.
ވެލެންސިއާ އާއި ނިއުގެ މެޗު އޮންނާނީ ބުދަ ދުވަހު ހަވީރު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ގަލޮޅު ކަންމަތިން ވާވާ
29 September 2025
ބަލަން ތިބޭ ސުޒޭނެ އެހެން ހުރެފައި ނިއުއަށް ބޮޑު ލަނޑެއްދޭނެ. ހުތުރުގޮތަކަށް ބަލިވުން، ޓީމުތެރޭ ބައިބައިވުން އުފެއްދުން. ނޫނީ މާ ބޮޑަށް އޯވާރ ކޮންފިޑެންޓްވެގެން ފޮނި ކެނޑިކެނޑީނުން ޓީމު ފަހަރަކު މެޗަކުން ބަލިވުން މިކަހަލަ ކޮންމެވެސް ގަޅިކަމެއް އޭނަ ހިންގާނެ...ޔޫ ނޯ "ވަންސް އަ ރެޑް އޯލްވެސް އަ ރެޑް!" ވިކްޓަރީއަށް އޮތް ލޯބި އެހެން ޓީމަކަށް ނޯންނާނެ، ވީމަ ނިއު އެބޮނޑި ބޯނެ، ބޯތަން ބަލަން އަހަރުމެން މިތިބީ.
ހެންވޭރު ޗާޗާ
29 September 2025
انشاءالله ފިތުނަވެރިންގެ ފިތުނައިން ނިއުރޭޑިއަންޓް ރައްކާތެރި ކުރައްވާށި.. އާމީން
ބޮޑު ބޯޅަ އަހައްމައިދީ
29 September 2025
އިންމާ ބޮޑު އެއްޗެއް ބޮޑު އެއްޗެއް ލާ. އަށްޑިހަ އަށްޑިހައިގެ މުންޑެއް ލިބޭ ވަރުގެ
ހަމްދާ
29 September 2025
މިނީހުން ދެން މިކަމުން ދުރައްދާން ވެއްޖެ އެއްނުން..
ރަދީފްއޮފިޝަލް /
29 September 2025
ކޮބާހޭ އާސެނަލް މޮޅުވި މެޗުގެ ވާހަކަ.!!
ރަދީފްއޮފިޝަލް / ބާޒު
29 September 2025
ސިޔާސީ ބަޔަކު ބެކްކުރާތީވެ ދިޔައީއޭ ބުނިނަމަ ވަރަށް ރަނގަޅަށް ހަގީގަތަށް ވާހަކަ ދެއްކިކަމަށް ގަބޫލުކުރަން ފަސޭހަވާނެ.ސުޒޭން މިއަދު ނިއުގަ ހުރުން އެއީ އަހަރުމެންނަށް ލިބޭ ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް.އުއްމީދަކީ ހުރިހާ މެޗަކުން މޮޅުވެ ސުޒޭނުގެ މި ޕްރޮޖެކްޓް ކާމިޔާބުވުން.ގުޑް ލަކް ރާއްޖޭގެ ގުލިޓް އަދި ރައިކާޑް.ވ.ވެދުން