ދިވެހި ޕްރިމިއާ ލީގުގައި މިއަދު ވިކްޓަރީއާ ދެކޮޅަށް މާޒިޔާ އަށް ލަނޑު ޖަހައިދިން ދެ ކުޅުންތެރިން، އަިހަމް (ކ) އާއި އިގްލޭސިއަސް: މިދިޔަ ހަފުތާއަކީ އައިހަމް އަށް ފާޑުކިޔުން އަމާޒުވި ހަފުތާއެއް --- ފޮޓޯ: ނިޝާން އަލީ | މިހާރު
22 ނޮވެމްބަރ 2025 - 19:23
އަހްމަދު އައިހަމް (ފަތޯ) ލަނޑުޖަހައި ވިކްޓަރީގެ މައްޗަށް މާޒިޔާ މޮޅުކޮށްދިނުމުގައި ހިއްސާވެއްޖެ އެވެ.
ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު މާޒިޔާއިން ވިކްޓަރީގެ މައްޗަށް ކުރި ހޯދީ 3-0 ންނެވެ.
މިދިޔަ އިންޓަނޭޝަނަލް ބްރޭކަކީ މާޒިޔާގެ މީޑްފީލްޑަރު އަހިހަމް އަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވި ހަފުތާ އެވެ. ގައުމީ ޓީމަށް ނަގާފައިވަނިކޮށް ފުޓްސަލް މުބާރާތެއްގައި ކުޅެން ދިއުމުން، އޭނާ ގައުމީ ޓީމުން ބޭރު ކުރި އެވެ.
އެ މައްސަލައިގައި މިދިޔަ ހުކުރު ދުވަހު މައާފަށް އެދި އައިހަމް ވަނީ އޭނާ އަށް އަމަލުކުރެވުނީ ރަނގަޅަށް ނޫން ކަމަށް އިއުތިރާފު ވެފަ އެވެ. އަދި އަލުން ގައުމީ ޓީމުން ޖާގަ ހޯދުމަށް ބުރަކޮށް މަސައްކަތް ކުރާނެ ކަމަށް އޭނާ ބުނެފައި ވެއެވެ.
އިންޓަނޭޝަނަލް ބްރޭކަށް ފަހު ލީގުގެ ކުޅުން އަލުން މިއަދު ފެށީ މާޒިޔާ އާއި ވިކްޓަރީގެ މެޗުންނެވެ. މާޒިޔާގެ ދެވަނަ ލަނޑު ޖެހީ އައިހަމް އެވެ.
އައިހަމް ބޯޅަ ހިފައިގެން ދާން މަސައްކަތް ކުރަނީ: އޭނާ ވަނީ މާޒިޔާ މޮޅުކޮށްދިނުމުގައި ހިއްސާވެފަ --- ފޮޓޯ: ނިޝާން އަލީ | މިހާރު
މާޒިޔާގެ ފުރަތަމަ ލަނޑު ސްޕެއިންގެ ފޯވާޑް ސާޖިއޯ އިގްލޭސިއަސް ޖެހީ އައިހަމް ނަގައިދިން ކޯނަރުންނެވެ. މެޗުގެ 37 ވަނަ މިނެޓްގައި ލިބުނު ކޯނަރު އައިހަމް ނަގައި ދިނުމުން އިގްލޭސިއަސް ބޮލުން ޖަހައި ގޯލްގެ ތެރެއަށް ވައްދާލި އެވެ.
އައިހަމް ލަނޑު ޖެހީ ހަސަން ނަޒީމް (ޗޯޓް) އާ އެކު ހިއްސާވި ވަން ޓޫ ޕާހުން ތަނަވަސް ކުރި ފުރުސަތުގަ އެވެ. އޭރިއާގެ ބޭރުން އައިހަމް، ޗޯޓް އަށް ބޯޅަ ދިނުމަށް ފަހު އޭރިއާގެ ތެރެއަށް ވަންނަން ދިޔަ އެވެ. އޭރިއާގެ ބޭރުން ޗޯޓް ބޯޅަ އަލުން އައިހަމް އަށް ދިނެވެ. އޭރިއާގެ ތެރެއަށް ބޯޅަ ހިފައިގެން ވަދެ އޭނާ ގޯލްގެ ތެރެއަށް ބޯޅަ ފޮނުވާލީ ވިކްޓަރީގެ އުޒްބެކިސްތާނުގެޑިފެންޑަރު ޖަވާޚިރު އަޒަމޯވް ކަޓުވާލުމަށް ފަހު އެވެ.
މާޒިޔާގެ ކުޅުންތެރިން އުފާފާޅު ކުރަނީ: ސީޒަނުގައި މިހާތަނަށް ކުޅުނު ނުވަ މެޗުން ވެސް އެ ޓީމު މޮޅުވި --- ފޮޓޯ: ނިޝާން އަލީ | މިހާރު
މިއީ މި ސީޒަނުގައި އައިހަމް ޖެހި ތިންވަނަ ލަނޑެވެ. ލީގުގައި ޖެހި ދެވަނަ ލަނޑެވެ. ސީޒަން ހުޅުވުމުގެ ގޮތުން އީގަލްސްއާ ދެކޮޅަށް ކުޅުނު މެޗުގައި އަދި ލީގުގައި ވެލެންސިއާއާ ދެކޮޅަށް ކުޅުނު މެޗުގައި، މީގެ ކުރިން އޭނާ ވަނީ ލަނޑު ޖަހައިފަ އެވެ.
މެޗުގައި މާޒިޔާގެ ތިންވަނަ ލަނޑު ހައިޝަމް ހަސަން (ބިޑި) ޖެހީ ނާއިޒު ހަސަން (ދާދު) ދިން ބޯޅައިންނެވެ. ދާދު އޭރިއާ ބޭރުގައި ހުރެފައި އޭރިއާތެރެއަށް ފޯރުކޮށްދިން ބޯޅަ އަށް އަރައި ހައިޝަމް ބޮޅަ ފޮނުވާލީ ވިކްޓަރީގެ ގޯލްގެ ތިރީ ކަނަށެވެ.
ސީޒަންގައި މާޒިޔާއިން ކުޅުނު ހުރިހާ މެޗަކުން ވެސް އެ ޓީމު ދަނީ މޮޅުވުމުގެ ރޭހުގައި ހިފަހައްޓަމުންނެވެ. މިއީ އެ ޓީމުން ކުޅުނު ނުވަ ވަނަ މެޗެ. ލީގުގައި ކުޅުނު އަށްވަނަ މެޗެވެ. ތާވަލުގެ އެއްވަނައިގައި މާޒިޔާ އޮތީ 24 ޕޮއިންޓާ އެކު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy