ވިކްޓަރީގެ ކުޅުންތެރިން އުފާފާޅު ކުރަނީ --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
02 ޑިސެމްބަރ 2025 - 08:21
ދިހަ އަހަރަށް ފަހު އެފްއޭއެމުން ފުރަތަމަ ފަހަރަށް ބާއްވާ އަންހެން ފުޓްބޯޅައިގެ މުބާރާތުގެ ފުރަތަމަ މެޗު ޓީސީ ބަލިކޮށް ވިކްޓަރީން ކާމިޔާބު ހޯދައިފި އެވެ.
ހެންވޭރު ދަނޑުގައި އިއްޔެ ހަވީރު ކުޅުނު މެޗު ވިކްޓަރީން ކާމިޔާބު ކުރީ 6-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.
ވިކްޓަރީގެ އުޒްބެކިސްތާނުގެ ފޯވާޑް ލައިލާ ރުސްތުލައިވާ އެވެ. މެޗުގައި އެ ޓީމަށް ލީޑް ނަގައި ދިނީ ވެސް އޭނާ އެވެ.
ލައިލާ ރުސްތުލައިވާ ފޮޓޯ: ފަޔާޒު މޫސާ | މިހާރު
އަނެއް ދެ ލަނޑު ޖެހީ ރާއްޖޭގެ ފާތިމަތު ސައިނާ އާއި އުޒްބެކިސްތާނުގެ ރޫޝަނިއާ ސަފީނާ އެވެ.
އެ މެޗަކީ 10 އަހަރަށް ފަހު، އެފްއޭއެމްގެ އަންހެން ފުޓްބޯޅައިގެ އިލެވެން ސައިޑް މުބާރާތެއްގައި ކުޅުނު ފުރަތަމަ މެޗެވެ.
އަންހެން ފުޓްބޯޅައިގެ އިލެވެން ސައިޑް މުބާރާތެއް އެފްއޭއެމުން މީގެ ކުރިން ބޭއްވީ 2015 ގަ އެވެ. ހަތަރު ޓީމު ވާދަކުރި އެ އަހަރުގެ މުބާރާތުގެ ޗެމްޕިއަންކަން ނިއު ރޭޑީއަންޓުން ހޯދީ ފައިނަލުގައި ދިވެހި ސިފައިންގެ ކްލަބްގެ މައްޗަށް 4-1 ން ކާމިޔާބު ހޯދައިގެންނެވެ.
މިފަހަރު މުބާރާތުގައި ހަ ޓީމު ވާދަ ކުރެ އެވެ. ވިކްޓަރީ އާއި ޓީސީގެ އިތުރުން އަނެއް ހަތަރު ޓީމަކީ ނިއު ރޭޑިއަންޓް، މާޒިޔާ، އޮޑި އަދި ބިސް ބުރެވެ.
އިލެވެން ސައިޑް މުބާރާތެއް ނުބޭއްވި ނަމަވެސް އެފްއޭއެމުން ވާނީ އެކި އަހަރުތަކުގައި އަންހެން ފުޓްބޯޅައިގެ މިނީ ފުޓްބޯޅަ މުބާރާތްތަކާއި ނައިން ސައިޑް މުބާރާތްތައް ބާއްވާފަ އެވެ.
އެފްއޭއެމުން މުބާރާތް ފެށީ ލީގު ފޯމެޓަށެވެ. އެ އެސޯސިއޭޝަންގެ ރައީސް އަހްމަދު ތޯރިގް މީގެ ކުރިން ވިދާޅުވި ގޮތުގައި މެދުނުކެނޑި ކޮންމެ އަހަރަކު އަންހެން ލީގު ކުރިއަށްދާނެ އެވެ. އަދި އަހަރުން އަހަރަށް ބައިވެރިވާ ޓީމުތަކުގެ އަދަދު އިތުރުކޮށް އަންހެން ލީގުގައި ވެސް ޕްރިމިއާ ޑިވިޝަނާއި ދަށް ޑިވިޝަން އޮންނަ ގޮތަށް ކުރިއަށްގެންދާނެ ކަމަށް އޭނާ ވިދާޅުވެފައި ވެއެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy