އޮޑީގެ ކެޕްޓަން ސާލިޔާ ބޯޅަ ހިފައިގެންދަނީ: އޭނާގެ ލަނޑުން އޮޑިން ވަނީ ވިކްޓަރީ ބަލިކޮށްފަ --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
18 ޑިސެމްބަރ 2025 - 10:13
އެފްއޭއެމް ވިމެންސް ފުޓްބޯޅަ ލީގުގައި އިއްޔެ ހަވީރު އޮޑި ސްޕޯޓްސް ކްލަބުން 1-0 އިން ވިކްޓަރީ ސްޕޯޓްސް ކްލަބް ބަލިކޮށް، ލީގު ހޯދުމުގެ އުންމީދު ދަމަހައްޓައިފި އެވެ.
އޮޑި ސްޕޯޓްސް އިން އިއްޔެ ހަވީރު ހެންވޭރު ދަނޑުގައި ކުޅުނު މެޗުގައި ޖެހި ހަމައެކަނި ގޯލު ދެވަނަ ހާފު ފެށިގެން ފަސްވަނަ މިނިޓުގައި ޖަހައިދިނީ ކެޕްޓަން ފާތިމަތު ސާލިޔާ އެވެ. އޭނާ މި ގޯލު ޖެހީ ހާފުގެ މެދަކާ ހަމައިން ލިބުނު ހިލޭޖެހުމަކުންނެވެ.
މުޅިން އަލަށް އެފްއޭއެމުން ފެށި އަންހެން ފުޓްބޯޅަ ލީގުގައި މި އަހަރު ހަ ޓީމު ވދަ ކުރާ އެވެ. ކޮންމެ ޓީމަކަށް ވެސް ބާކީ ދެން އޮތީ އެއް މެޗެވެ.
ސާލިޔާ، އޮޑީގެ ކޮންމެ މެޗެއްގައި އޭނާ ދަނީ މޮޅު ކުޅުމެއް ދައްކަމުން --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
މިހާތަނަށް ކުޅުނު ހަތަރު މެޗުން އޮޑި ސްޕޯޓްސް އާއި މާޒިޔާ ވެސް ވަނީ 10 ޕޮއިންޓް ހޯދައިފަ އެވެ. މިއީ ލީގުގައި މިހާތަނަށް ބަލި ނުވެ އޮތް ދެ ޓީމެވެ. ދެ ޓީމަށް ވެސް ފައިދާ 15 ގޯލު ލިބިފައި ވާއިރު، މާޒިޔާ ކުރީގައި އޮތީ މިހާތަނަށް 17 ގޯލު ޖަހައިގެންނެވެ. އޮޑި އަށް ކާމިޔާބު ކުރެވިފައި ވަނީ 16 ގޯލެވެ.
ލީހު ކަށަވަރުވާނީ އަންނަ އަންގާރަ ދުވަހު ކުޅޭ ލީގުގެ ފަހު މެޗުންނެވެ. އެ މެޗުގައި ބައްދަލުކުރާނީ އޮޑި އާއި މާޒިޔާ އެވެ.
ލީގުގެ ތިންވަނައިގައި އޮތް ވިކްޓަރީ އާއި ހަތަރު ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ވެސް ވަނީ ހަތަރު މެޗުން ފަސް ޕޮއިންޓް ލިބިފަ އެވެ.
އޮޑި އާއި ވިކްޓަރީ ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ފަސްވަނައިގައި އޮތީ، އަންގާރަ ދުވަހު 1-0 އިން ބިސް ބުރު ސްޕޯޓްސް ކްލަބް ބަލިކުރި ޓީސީ ސްޕޯޓްސް ކްލަބެވެ. ޓީސީ އެ މެޗުން މޮޅު ކޮށްދިން ލަނޑު ޖަހައިދިނީ ސްރީލަންކާގެ ފޯވާޑް ޕްރަވީނާ ޕެރޭރާ އެވެ.
ބިސް ބުރަށް އަދި ޕޮއިންޓެއް ނުލިބެ އެވެ. ލީގުގައި އެ ޓީމު ކުޅޭ ފަހު މެޗުގައި އަންނަ ހޯމަ ދުވަހު ވިކްޓަރީއާ ދެކޮޅަށް ނުކުންނާނެ އެވެ. އޭގެ ކުރިން އާދިއްތަ ދުވަހު ބައްދަލު ކުރާނީ ނިއު އާއި ޓީސީ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy