ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިރޭ ޓީސީ ސްޕޯޓްސް ކްލަބް މެޗުގެ 98 ވަނަ މިނިޓުގައި ކާމިޔާބު ކުރި ގޯލުން 1-0 އިން ކްލަބް ވެލެންސިއާ ބަލިކޮށް ޕްލޭއޮފްގެ ޖާގައެއް ޔަގީން ކޮށްފި އެވެ.
މި ނަތީޖާއާ އެކު އަންނަ ސީޒަންގައި ވެސް އެއްވަނަ ޑިވިޝަންގައި ދެމި އޮތުމުގެ އުންމީދެއް ޓީސީ އަށް ލިބިފައި ވާއިރު، ޓީސީ ވަނީ ހަތްވަނައިގައި 16 މެޗުން 15 ޕޮއިންޓް ހޯދައިފަ އެވެ. އަށްވަނައިގައި އޮތް ގްރީން ސްޓްރީޓްސް އަށް 11 ޕޮއިންޓް ލިބިފައި ވާއިރު، ނުވަވަނައިގައި އޮތް ވެލެންސިއާ އަށް ލިބިފައި ވަނީ އަށް ޕޮއިންޓެވެ. ފުލުގައި އޮތީ ހަތް ޕޮއިންޓް ލިބިފައިވާ ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އެވެ.
ފުލަށް ދާ ދެ ޓީމު އޮޓަމެޓިކުން ދެވަނަ ޑިވިޝަނަށް ރެލިގޭޓް ވާއިރު، ހަތްވަނަ އާއި އަށްވަނަ ޓީމު، ރެލިގޭޝަން ޕްލޭއޮފް ކުޅޭނެ އެވެ.
ޓީސީ އަކީ 2014 ވަނަ އަހަރުގެ ދެވަނަ ޑިވިޝަން ފައިނަލްގައި 1-0 އިން ޔޫވީ ބަލިކޮށްގެން، ޕްލޭއޮފް ކުޅެގެން ދިވެހި ޕްރިމިއާ ލީގަށް ޕްރޮމޯޓްވި ޓީމެކެވެ. އޭގެ ފަހުން ވަނީ ފުރަތަމަ ތިން ސީޒަންގައި ލީގުގެ ދެވަނަ ހޯދައި، 2018 ގައި ޗެމްޕިއަންކަން ހޯދައިފަ އެވެ.
ވެލެންސިއާ ވަނީ 2018 ގައި އެއްވަނަ ޑިވިޝަނުން ރެލިގޭޓް ވެފަ އެވެ. އެއަށް ފަހު އަލުން ޕްރިމިއާ ލީގަށް އައީ 2020 ގައި ދެވަނަ ޑިވިޝަންގެ ޗެމްޕިއަންކަން ހޯދައިގެން 2020/2021 ސީޒަންގަ އެވެ.
ގަލޮޅު ދަނޑުގައި މިރޭ ލަނޑެއް ނުޖެހި އެއްވަރުވާން ދިޔަ މެޗުން ޓީސީ މޮޅުވި ގޯލު ޖެހީ، ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރު ވަގުތުގެ އަށްވަނަ މިނިޓުގައި ޗަލަނަ ޗަމީރާ ނަގައިދިން ކޯނަރު އިބްރާހިމް ޖިމޯ ބޮލުން ފޮނުވާލުމުން ވެލެންސިއާ ކުޅުންތެރިއަކު ބްލޮކް ކުރި ވަގުތު ރީބައުންސް ވެފައި އައި ވަގުތު ބޯޑު ޕްރިންސް ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.
މީލުގައި ބާކީ ކޮންމެ ޓީމަކަށް ވެސް މިހާރު ބާކީ އޮތީ ދެ މެޗެވެ. ޓީސީ އަށް ވިކްޓަރީ އާއި ބުރު ސްޕޯޓްސް ކްލަބް އޮތް އިރު ވެލެންސިއާ އަށް އޮތީ ޔޫވީ އާއި އީގަލްސް އެވެ.