މެންޗެސްޓާ (ފެބްރުއަރީ 2) - މެންޗެސްޓާ ޔުނައިޓެޑް ރޭ ފުލަމްއާ ވާދަކޮށް އިތުރު ވަގުތުގެ ވެސް ފަހު ވަގުތު ގޯލު ޖަހައިގެން 3-2 އިން ފުލަމް ބަލި ކޮށްފި އެވެ.
ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުުރު ވަގުތުގެ ހަތަރުވަނަ މިނިޓުގައި ބެންޖަމިން ސެސްކޯ ޔުނައިޓެޑް މޮޅު ކޮށްދިން ގޯލު ޖެހި ވަގުތު އެ ޓީމުގެ ލެޖެންޑަރީ ކޯޗު ސާ އެލެކްސް ފާގަސަން ވެސް ދަނޑުގައި އިނެވެ. އަދި މެޗު ލައިވް ކުރަމުން ދިޔަ ކެމެރާތައް ވެސް އަމާޒުވީ ޔުނައިޓެޑްގައި މިފަދަ ގިނަ ވަގުތުކޮޅުތަކެއް ސަޕޯޓަރުންނަށް ހޯދައިދިން ފާގަސަން އަށެވެ.
ފަހު 15 މިނިޓަށް ކުޅެން އެރި ސެސްކޯގެ ގޯލާ އެކު، އާވެގެން ދިޔައީ ފާގަސަންގެ ދަށުން ކެރިކް ކުޅުނު ދުވަސްވަރު، އޮލެ ގުނަ ސޯލްޝެއާ، ފެޑެރިކޯ މަކޭޑާ ނުވަތަ ހަވިއޭ ހެނާންޑޭޒް ފަދަ ސުޕަ ސަބެއް އަރައި ފަހު ވަގުތު ނަތީޖާ އަނބުރާލައި "ފާގީ ޓައިމް" ގައި ޓީމު މޮޅު ކޮށްދިން ފަދަ ހަނދާނެކެވެ.
ޔުނައިޓެޑް ވަނީ 19 ވަނަ މިނިޓުގައި ކަސެމީރޯގެ ގޯލަކުން ލީޑު ނަގައިފަ އެވެ. އަދި ދެވަނަ ހާފު ފެށިގެން 11 ވަނަ މިނިޓުގައި ލީޑު ފުޅާ ކުރީ މެތިއުސް ކުންޔާގެ ގޯލަކުންނެވެ.
ނަމަވެސް ފުލަމް ވަނީ ފަހު ވަގުތު ގާތްގާތުގައި ޖެހި ގޯލުތަކުން އެއްވަރު ކޮށްފަ އެވެ. މެޗުގެ 85 ވަނަ މިނިޓުގައި ރައުލް ހިމިނޭޒް ޕެނަލްޓީއަކުން ފަރަގު ކުޑަ ކޮށްދިން އިރު، އެއްވަރު ކޮށްފައި ވަނީ އިތުރު ވަގުތުގެ ގޮތުގައި ދެއްކި ނުވަ މިނިޓުގެ ތެރެއިން ފުރަތަމަ މިނިޓުގައި ކެވިން ކާމިޔާބު ކުރި ގޯލުންނެވެ.
ޔުނައިޓެޑްގެ މި މޮޅާ އެކު އެ ޓީމް މި ވަނީ މައިކަލް ކެރިކް އަލުން އެ ކްލަބާ ހަވާލުވެ ކުޅުނު ލީގުގެ ތިން މެޗު ވެސް ކާމިޔާބު ކޮށްފަ އެވެ.
ކެރިކް އެންމެ ފުރަތަމަ ވަގުތީ ކޯޗެއްގެ ގޮތުގައި ޔުނައިޓެޑް ގޮވައިގެން 2021 ގައި ވެސް ތިން މެޗު ކުޅުނެވެ. އެ ފަހަރު ވަނީ ޗެމްޕިއަންސް ލީގު މެޗަކާއި އިނގިރޭސި ލީގު މެޗެއް ކާމިޔާބު ކޮށްފަ އެވެ. އެ ފަހަރު ލީގުގައި ކެރިކްގެ އިރުޝާދުގެ ދަށުން ކުޅުނު ފުރަތަމަ މެޗުން ވަނީ އެއްވަރު ވެފަ އެވެ.
ޔުނައިޓެޑްގެ ކުރީގެ ކޯޗު ރުބެން އަމޯރިމްގެ އިރުޝާދުގެ ދަށުން އެ ޓީމު ލީގުގައި ޖެހިޖެހިގެން ތިން މެޗުން މޮޅުވާން 36 މެޗު ކުޅެން ޖެހުނެވެ. ނަމަވެސް ކެރިކް މި ވަނީ ތިން މެޗުން ވެސް ނަތީޖާ ނެރެދީ، ޔުނައިޓެޑަށް ގަދަ ހަތަރެއްގެ އުންމީދެއް ހޯދައިދީފަ އެވެ.
މި މެޗުން ހޯދި ތިން ޕޮއިންޓާ އެކު ޔުނައިޓެޑް ވަނީ 24 މެޗުން 41 ޕޮއިންޓް ހޯދައި ތާވަލްގެ ހަތަރުވަނައަށް ޖެހިލައިފަ އެވެ. ޗެލްސީ ވަނީ މިއާ އެކު ލިބުނު 40 ޕޮއިންޓާ އެކު ފަސްވަނައަށް ވެއްޓިފަ އެވެ. ހަވަނައިގައި އޮތީ ހޮނިހިރު ދުވަހުގެ ރޭ 4-1 އިން ނިއުކާސަލް ޔުނައިޓެޑް ބަލިކޮށް 39 ޕޮއިންޓް ހޯދާފައިވާ ލިވަޕޫލެވެ.
ޔުނައިޓެޑްގެ ކުރީގައި، 46 ޕޮއިންޓް ހޯދައިގެން ލީގުގެ ތިންވަނައިގައި އޮތީ އެސްޓަން ވިލާ އެވެ. އެސްޓަން ވިލާ ވަނީ މިރޭ އެކަކު މަދުކޮށް ކުޅުނު ބްރެންޓްފޯޑް އަތުން 1-0 އިން އަމިއްލަ ދަނޑުގައި ބަލިވެފަ އެވެ.
ލީގުގެ ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ އަށް ވަނީ 47 ޕޮއިންޓް ލިބިފަ އެވެ. ސިޓީ ވަނީ މިރޭ ޓޮޓްނަމް ހޮޓްސްޕާއާ ވާދަކޮށް 2-2 އިން އެއްވަރު ވެފަ އެވެ.
މީގެ އިތުރުން ކްރިސްޓަލް ޕެލަސް އާއި ނޮޓްނަމް ފޮރެސްޓް ބައްދަލުކުރި މެޗު ނިމުނީ 1-1 އިން އެއްވަރު ވެގެންނެވެ.