މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގައި 2024 ގެ އެންމެ ހިންގުންތެރި އެސޯސިއޭޝަންގެ އެވޯޑް ޓޭބަލް ޓެނިސް އެސޯސިއޭޝަން (ޓީޓީއޭއެމް) އިން ރޭ ހޯދައިފި އެވެ. 

މިއީ ސަރުކާރުން ދޭ މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގެ ކުރު ތާރީހުގައި ޓީޓީން މި އެ ވޯޑު ހޯދި ދެވަަނަ ފަހަރެވެ. އަދި ޓީޓީއޭއެމް ނޫނީ އެއްފަހަރަށް ވުރެ ގިނަ ފަހަރު އެ އެވޯޑު ހާސިލު ކުރެވުނު އެހެން އެސޯސިއޭޝަނެއް ވެސް ނެތެވެ. 

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި 2022 ގައި ދޭން ފެށި މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގައި 2021 ވަނަ އަހަރުގެ އެންމެ ހިންގުންތެރި އެސޯސިއޭޝަނުގެ އެވޯޑު ވެސް ގެންދިޔައީ ޓީޓީންނެވެ. 

މި ފަހަރު ޓީޓީއޭއެމުން 2024 ގައި އެ އެވޯޑް ހާސިލު ކުރީ ސުވިމިން އެސޯސިއޭޝަނާއި އެތުލެޓިކްސް އެސޯސިއޭޝަނާ ވާދަކޮށްގެންނެވެ. 

ސޯޝަލް ސެންޓަރުގައި ރޭ ބޭއްވި އެވޯޑު ހަފުލާގައި އެންމެ ގިނަ އެވޯޑުތައް ގެންދިޔައީ ވެސް ޓީޓީގެ އެތުލީޓުންނެވެ. 

އޮލިމްޕިކް ކުޅިވަރުތަކުގެ ތެރެއިން އެންމެ މޮޅު އެތުލީޓުންގެ އެވޯޑު ހޯދީ ޓީޓީގެ ފާތިމަތު ދީމާ އަލީ އާއި މޫސާ މުންސިފް އަހުމަދެވެ.

ދީމާ ވަނީ އަހަރުގެ އެންމެ މޮޅު ޒުވާން އެތުލީޓުގެ އެވޯޑް ވެސް ހޯދައިފަ އެވެ. އަދި ކުޅިވަރަށް ހިދުމަތް ކުރުމުން ދިން ރިކޮގޮނިޝަން އެވޯޑް ވެސް ދީމާ ހާސިލު ކުރި އެވެ. 

އެންމެ މޮޅު ޒުވާން އަންހެން އެތުލީޓުގެ ކެޓަގަރީން ދެވަނަ ހޯދީ ޓީޓީ ކުޅުންތެރިޔާ މިޝްކާ މުހައްމަދު އިބްރާހިމެވެ. އަދި އެންމެ މޮޅު ޒުވާން ފިރިހެން އެތުލީޓްގެ އެވޯޑް ކެޓަގަރިގެ ދެވަނަ އާއި ތިންވަނަ ހޯދީ ވެސް ޓީޓީގެ ކުޅުންތެރިންނެވެ. އެއީ ދެވަނަ ޒީކް ހަސަން ލަތީފާއި ތިން ވަނަ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދަރިކަލުން އުމޭރު މުހައްމަދު މުއިއްޒެވެ. 

އަހަރުގެ އެންމެ މޮޅު ޓެކްނިކަލް ފިރިހެން ޓެކްނިކަލް އޮފިޝަލްގެ އެވޯޑް ހޯދީ ޓީޓީގެ އަމްޕެޔަރު މުހައްމަދު ޔާމީނެވެ. އޭނާ އެ އެވޯޑް ހޯދީ ވޮލީގެ ހުސައިން މުހައްމަދާއި އިސްމާއީލް ޖަލީލާ ވާދަކޮށެވެ.