މޯލްޑިވްސް ސްޕޯޓްސް އެވޯޑްގެ ކުރު ތާރީހުގައި، އެންމެ ގިނަ އެވޯޑްތައް ހާސިލު ކުރި އެތުލީޓަކީ ޓީޓީގެ ތަރި ފާތުމަތު ދީމާ އަލީ އެވެ. މިފަހަރުގެ އެވޯޑާ އެކު ހަތަރު އަހަރުތެރޭ ދީމާ ވަނީ 13 އެވޯޑެއް ހާސިލުކޮށްފަ އެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން 2022 ގައި ދޭން ފެށި، އެވޯޑްގައި އެންމެ ފަހަރަކު ފިޔަވައި ދީމާ ވަނީ ރާއްޖޭގެ އެންމެ މޮޅު އެތުލީޓްގެ އެވޯޑް ހޯދާފަ އެވެ. މިދިޔަ އާދިއްތަ ދުވަހުގެ ރޭ ބޭއްވި ހަފުލާގައި ރާއްޖޭގެ އެންމެ މޮޅު އެތުލީޓްގެ އެވޯޑް ހޯދައި އުމުރުން 18 އަހަރުގެ އެތުލީޓް ވަނީ އެ ކާމިޔާބު ވެސް ފަށްފަށް ކޮށްފަ އެވެ.
މިފަހަރުގެ އެވޯޑް ހަފުލާގައި ދީމާ ވަނީ ހަތަރު ކެޓަގަރީއަކުން އެވޯޑް ހާސިލުކޮށްފަ އެވެ. އެއީ ސްޕޯޓްސް އެވޯޑްގެ އެއް ހަފުލާގައި އެންމެ ގިނަ އެވޯޑް އެއް އެތުލީޓަކު ގެންދިޔަ ފުރަތަމަ ފަހަރެވެ.
އެއް އަހަރުގެ މެދުކެނޑުމަކަށް ފަހު ބޭއްވި ސްޕޯޓްސް އެވޯޑްގައި މި އަހަރުގެ ފުރަތަމަ ހަފުލާގައި ފާހަގަ ކުރީ 2024 ގައި ކުޅިވަރުތަކުން އެތުލީޓުންނާއި އޮފިޝަލުން ހޯދި ކާމިޔާބުތަކެވެ. އެ އަހަރަކީ ރާއްޖޭގެ ކުޅިވަރުގެ ހަޔާތުގައި ވެސް އެންމެ ތާރީހީ އަހަރެވެ.
ސްޕޯޓްސް އެވޯޑްގެ ތާރީހުގައި ދީމާ:
2022 ގައި ބޭއްވި 2021 ގެ އެވޯޑް ހަފުލާ:
- 1. އެންމެ މޮޅު އަންހެން އެތުލީޓްގެ އެވޯޑްގައި ތިންވަނަ
- 2. އެންމެ އުއްމީދީ އެތުލީޓްގެ އެވޯޑް
- 3. އެންމެ މޮޅު އަންހެން ޓީޓީ ކުޅުންތެރިޔާ
2023 ގައި ބޭއްވި 2022 ގެ އެވޯޑް ހަފުލާ
- 4. އެންމެ މޮޅު އަންހެން އެތުލީޓްގެ އެވޯޑް
- 5. އެންމެ އުއްމީދީ އެތުލީޓްގެ އެވޯޑް
- 6 އެންމެ މޮޅު އަންހެން ޓީޓީ ކުޅުންތެރިޔާގެ އެވޯޑް
2024 ގައި ބޭއްވި 2023 ގެ އެވޯޑް ހަފުލާ
- 7. އެންމެ މޮޅު އަންހެން އެތުލީޓްގެ އެވޯޑް
- 8. އެންމެ އުއްމީދީ އެތުލީޓްގެ އެވޯޑް
- 9. އެންމެ މޮޅު އަންހެން ޓީޓީ ކުޅުންތެރިޔާގެ އެވޯޑް
2026 ގައި ބޭއްވި 2024 ގެ އެވޯޑް ހަފުލާ
- 10. އެންމެ މޮޅު އަންހެން އެތުލީޓްގެ އެވޯޑް
- 11. ސްޕޯޓްސް ރިކޮގޮނިޝަން އެވޯޑް
- 12. އެންމެ އުއްމީދީ އެތުލީޓްގެ އެވޯޑް
- 13. އެންމެ މޮޅު އަންހެން ޓީޓީ ކުޅުންތެރިޔާގެ އެވޯޑް
އޮލިމްޕިކްސް ކޮލިފައިން މަރުހަލާއެއް ކާމިޔާބުކޮށް، އެ ޝަރަފުވެރި ގޭމްސްއަށް ދީމާ ކޮލިފައިވި އެވެ. އެއީ ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު މުބާރާތަށް ކޮލިފައިން މަރުހަލާއެއް ކާމިޔާބުކޮށް ދިވެއްސަކު ކޮލިފައިވި ފުރަތަމަ ފަހަރެވެ. އެ ޝަރަފުވެރި ކާމިޔާބާ އެކު ސްޕޯޓްސް އެވޯޑް ހަފުލާގައި ދީމާ އަށް ވަނީ އޭނާގެ ހިދުމަތަށް "ރިކޮގޮނިޝަން" އެވޯޑް ދީފަ އެވެ.
މެލޭޝިއާގައި މި މަހު ކިޔަވަން ފެށި ދީމާ އަށް އެ ހަފުލާގައި ބައިވެރި ނުވެވުނަސް، މި ފަހަރުގެ ސްޕޯޓްސް އެވޯޑް ދީމާ އަށާއި އޭނާގެ ކުޑަކުޑަ އާއިލާ އަށް ވަރަށް ހާއްސަ އެވެ.
"ސްޕޯޓްސް އެވޯޑްގައި ވެސް މިއީ ދީމާ އަށް އެންމެ ހާއްސަ ފަހަރު. ވަރަށް މަސައްކަތް ކުރި އެވޯޑް ހަފުލާ އަށް އަންނަން. އެކަމަކު ސްޓޫޑެންޓް ވިސާ އަށް މެލޭޝިއާގެ އިމްގްރޭޝަނަށް ޕާސްޕޯޓް ގެންގޮސްފައިވުމުން އެވޯޑް ހަފުލާ ބާއްވަން އޮތް ދުވަހަށް ވެސް ޕާސްޕޯޓް ނުލިބުނީމަ އާދެވޭ ގޮތެއް ނުވި،" ދީމާގެ މަންމަ ފާތިމަތު ވަހީދާ ބުންޏެވެ.
އެ އަހަރުގެ އޮލިމްޕިކްސް އަށް ކޮލިފައިވުމަށް ދީމާ ކުރި މަސައްކަތުގައި ގިނަ އަދަދެއްގެ ބަޔަކު ޝާމިލުވިކަން ވަހީދާ ފާހަގަ ކުރި އެވެ.
"ވަރަށް ބޮޑަށް ފާހަގަކޮށްލަން މަހްލޫފް އޭރު (ސްޕޯޓްސް މިނިސްޓަރުކަމުގެ) މަގާމުގައި ހުރެ އަދާކުރި ދައުރު. އަދި މިހާރުގެ ސްޕޯޓްސް މިނިސްޓަރު (އަބްދުﷲ ރާފިއު) ވެސް މަގާމާ ހަވާލުވި ފަހުން ވެސް ދީމާގެ ކުރިއެރުން ވަރަށް ގާތުން ބައްލަވާ. ކުރިއަށްދާނެ ފުރުސަތުތައް ފަހިކޮށް ދެއްވުމަށް މަސައްކަތް ކުރެއްވި،" ޝުކުރުވެރިކަމާ އެކު ވަހީދާ ފާހަގަ ކުރި އެވެ.
މެލޭޝިއާގައި ދީމާ ކިޔަވަން ފެށީ ބިޒްނަސް ސްޓަޑީޒްގެ ދާއިރާއިންނެވެ. އެކަމަކު ޓީޓީގެ ތަމްރީނުތަކާއި ކިޔެވުން އެކީ ގެންދެވޭނެ ގޮތަށް އިންތިޒާމު ހަމަޖެހިގެން ގޮސްފައިވާ ކަމަށް ވަހީދާ ބުންޏެވެ.