ނިޔޯން (ފެބްރުއަރީ 27) - ޕީއެސްޖީގެ ކޯޗު ލުއިސް އެންރީކޭ ބޭނުންވި ގޮތަށް ޗެމްޕިއަންސް ލީގުގެ ގަދަ 16 ގައި ޕީއެސްޖީ އާއި ޗެލްސީ ވާދަ ކުރަން ޖެހިއްޖެ އެވެ.

މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަނުންނަކީ ޕީއެސްޖީ އެވެ. އަދި ޗެލްސީ ވަނީ މިދިޔަ އަހަރު އޮތް ފީފާ ކްލަބް ވޯލްޑް ކަޕްގެ ފައިނަލްގައި ޕީއެސްޖީ ބަލިކޮށް ދުނިޔޭގެ ޗެމްޕިއަންކަން ހޯދައިފަ އެވެ. ނޮކައުޓް ބުރުގެ ގުރު ނެގުމުގެ ކުރިން އެންރީކޭ ވަނީ، ގަދަ 16 ގައި ޗެލްސީއާ ވާދަކުރަން ބޭނުންވާކަން ހާމަ ކޮށްފަ އެވެ.

"އުނދަގޫ ވާނެ، އެކަމަކު އަހަތރެމެން ބިރެއް ނުގަންނާނެ،" ޗެލްސީގެ ޑިރެކްޓާ އޮފް ފުޓްބޯލް ޑޭވިޑް ބާނާޑް ބުންޏެވެ. 

މިއަދު ހަވީރު ނެގި ގުރަށް ފަހު، މުބާރާތުގެ އެންމެ ކާމިޔާބު ރެއާލް މެޑްރިޑް ވާދަ ކުރަން ޖެހިފައި ވަނީ މެންޗެސްޓާ ސިޓީއާ އެވެ. މިއީ މުބާރާތުގެ ނޮކައުޓް ބުރުގައި މި ދެ ޓީމު ޖެހިޖެހިގެން ވާދަ ކުރަން ޖެހޭ ފަސްވަނަ ސީޒަނެވެ.

މިދިޔަ ސީޒަންގެ ނޮކައުޓް ޕްލޭއޮފްގައި ރެއާލުން ސިޓީ ބަލި ކުރި އިރު، އޭގެ ކުރީ ސީޒަންގެ ކުއާޓާގައި ރެއާލް ކުރި ހޯދީ ޕެނަލްޓީ ޖަހައިގެންނެވެ. އަދި އޭގެ ކުރީ ސީޒަންގައި ސިޓީ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ސެމީގައި ރެއާލް ބަލިކޮށް ފައިނަލް ކުޅެގެންނެވެ. އޭގެ ކުރީ ސީޒަންގައި ރެއާލް ވަނީ ސެމީގައި ސިޓީގެ މައްޗަށް ގަދަވެފަ އެވެ. މީގެ އިތުރުން މި ސީޒަންގެ ލީގު ބުރުގައި ވެސް މި ދެ ޓީމު ވާދަ ކުރި އެވެ. ރެއާލްގެ ދަނޑުގައި ކުޅުނު އެ މެޗުން ސިޓީ ވަނީ މޮޅުވެފަ އެވެ.

"މިއީ ދެ ޓީމަށް ވެސް ބޮޑު މެޗެއް. މި ވާނީ ފައިނަލެއް ކަހަލަ މެޗަކަށް، އަހަރެމެން އަލުން ކުޅެން ޖެހޭތީ އުފާވޭ،" ސިޓީގެ ޑިރެކްޓާ އޮފް ފުޓްބޯލް ހޫގޯ ވިއާނާ ބުންޏެވެ.

ސިޓީގެ އިތުރުން އިނގިރޭސި ދެ ކްލަބް ކަމަށްވާ ނިއުކާސަލް ޔުނައިޓެޑާއި ލިވަޕޫލް ވެސް ވަނީ ލީގު ބުރުގައި، ގަދަ 16 ގައި ވާދަކުރާ ޓީމުތަކާ ދެކޮޅަށް ކުޅެފަ އެވެ. ނިއުކާސަލް އާއި ބާސެލޯނާ ވާދަ ކުރަން ޖެހޭ އިރު ލިވަޕޫލް ކުޅޭނީ ގަލަތަސަރާއިއާ އެވެ.

ލީގު ބުރުގައި ފުރިހަމަ ރެކޯޑެއް ހޯދި އާސެނަލް ގަދަ 16 ގައި ނުކުންނާނީ ބެޔާ ލެވަކޫސަންއާ ދެކޮޅަށެވެ. އަދި ޓޮޓްނަމް ހޮޓްސްޕާ ނުކުންނާނީ އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށެވެ.

ގަދަ 16 ގައި ބެޔާން މިއުނިކާއި އެޓަލާންޓާ ވާދަ ކުރަން ޖެހޭއިރު، ބޮޑެތި ކްލަބްތައް ހައިރާން ކޮށްލަމުން އަންނަ ނޯވޭގެ ބޯޑޯ/ގްލިމްޓް ނުކުންނާނީ ޕޯޗުގަލްގެ ސްޕޯޓިންއާ ދެކޮޅަށެވެ.

ޗެލްސީ އާއި ލިވަޕޫލް ވެސް މޮޅު ވެއްޖެ ނަމަ ކުއާޓާގައި ދެ ޓީމު ވާދަ ކުރަން ޖެހޭއިރު، ޓޮޓެންހަމާއި ނިއުކާސަލް ވެސް މޮޅުވެއްޖެ ނަމަ ކުއާޓާގައި ވާދަކުރަން ޖެހޭނެ އެވެ.

ޔޫރޮޕާ ލީގުގެ ގަދަ 16 ގައި އިނގިރޭސި ކްލަބް ނޮޓްނަމް ފޮރެސްޓް ނުިކުންނާނީ ޑެންމާކްގެ މިޖިލަންޑާ އެވެ. އަދި އެސްޓަން ވިލާ ނުކުންނާނީ ފްރާންސްގެ ލިލްއާ ދެވެ.

ޔޫރޮޕާ ލީގުގެ ނޮކައުޓް ބުރުން ފުރުސަތު ހޯދި އިޓަލީގެ ދެ ޓީމު ކަމަށްވާ ރޯމާ އާއި ބޮލޯނިއާއަށް އޮތީ ދެ ޓީމުގެ ކުރިމަތިލުމެކެވެ.

ކޮންފަރެންސް ލީގުގައި ކްރިސްޓަލް ޕެލަސް ނުކުންނާނީ ސައިޕްރަސްގެ އޭއީކޭ ލާނަކާއާ އެވެ. އަދި އިޓަލީގެ ފިއޮރެންޓީނާ ނުކުންނާނީ ޕޮލެންޑްގެ ރާކޯ ޒެސްޓޮޗޯވާއާ އެވެ.

ގަދަ 16 ގެ މެޗުތައް އަންނަ މަހު ކުޅުމަށް ހަމަޖެހިފައި ވާއިރު، ޗެމްޕިއަންސް ލީގުގެ ފައިނަލް އޮންނާނީ ހަންގޭރީގެ ބުދަޕެސްޓުގަ އެވެ. ޔޫރޮޕާ ލީގުގެ ފައިނަލް ތުރުކީގެ އިސްތަންބޫލުގައި ކުޅުމަށް ހަމަޖެހިފައި ވާއިރު، ކޮންފަރެންސް ލީގުގެ ފައިނަލް އޮންނާނީ ޖަރުމަންގެ ލައިޕްޒިގުގަ އެވެ.