ޗެމްޕިއަންޝިޕްގެ 20 އަހަރުންދަށުގެ މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ލަންކާގެ މައްޗަށް 1-0 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި ސެމީ ފައިނަލުގެ ޖާގައެއް ކަށަވަރުކުރުމާ ގާތަށް ނޭޕާލް ޖެހިލައިފި އެވެ.

އެ ޓީމުން ކުޅުނު ފުރަތަމަ ދެ މެޗުންވެސް މޮޅުވެ، މުބާރާތުގެ ސެމީ ފައިނަލާ މިހާރު އެންމެ ކައިރީގައި އޮތީ ނޭޕާލެވެ. ފުރަތަމަ މެޗުގައި އެ ޓީމުން ވަނީ ބޫޓާން ބަލިކޮށްފަ އެވެ. 

މާލޭގެ ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ނޭޕާލަށް ލީޑު ނެގި އެވެ. އެ ލަނޑު ޖެހީ ސުބާޝް ބާމް އެވެ.  މި ގޯލާއެކު މެޗުގެ ކޮންޓްރޯލް ނޭޕާލުން ދަމަހައްޓައި، ސެމީގެ ޖާގައެއް ވަނީ ކަށަވަރުކޮށްފައެވެ.

ގްރޫޕް ސްޓޭޖުގައި ނޭޕާލަށް ބާކީ އޮތީ އެއް މެޗެވެ. އެ މެޗުގައި އެޓީމު ނުކުންނާނީ ރާއްޖެއާ ދެކޮޅަށެވެ.

ނޭޕާލް ސެމީއަށް ހޮވިފައި އޮތުމުން ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗުގައި އެޓީމުން ބައެއް ބަދަލުތައް ފެނުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް، ރާއްޖެއަށް މި މެޗަކީ މުބާރާތުގައި ކުރިއަށް ދިއުމަށް ނުހަނު މުހިންމު މެޗެކެވެ.