އެންމެ ފަހުގެ އެފްއޭ ކަޕްގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ބަލިކޮށް ބުރު ސްޕޯޓްސް ކްލަބް މުބާރާތުގެ ސެމީ ފައިނަލަށް ދަތުރު ކޮށްފި އެވެ.
ގަލޮޅު ދަނޑުގައި މިރޭ ކުޅުނު ކުއާޓާ ފައިނަލްގެ ފަހު މެޗުގެ 90 މިނިޓުގެ ކުޅުން ހަމަވި އިރު ނަތީޖާ 2-2 އިން އެއްވަރު ވުމުން ޕެނަލްޓީގައި ބުރު ކުރި ހޯދީ 6-5 އިންނެވެ.
ދެވަނަ ހާފުގައި މާޒިޔާގެ ހައިޝަމް ހަސަން (ބިޑި) އަށް ބުރުގެ ފާރޫގް އިސްމާއީލް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއަކުން 51 ވަނަ މިނިޓުގައި މާޒިޔާއަށް ލީޑު ނަގައިދިނީ ހަމްޒާ މުހައްމަދު (ހަމްޕު) އެވެ. މާޒިޔާ އިން ލީޑު ފުޅާ ކުރީ 62 ވަނަ މިނިޓުގައި މުހައްމަދު އިލާން އިމްރާން ޖަހައިދިން ގޯލުންނެވެ.
ބުރުން ނަތީޖާ އެއްވަރު ކުރީ ގާތްގާތުގައި ޖެހި ދެ ގޯލުންނެވެ. މެޗުގެ 70 ވަނަ މިނިޓުގައި ގާސިމް ތޯއިފް އެ ޓީމަށް ފަރަގު ކުޑަ ކޯށްދިން އިރު 72 ވަނަ މިނިޓުގައި ނަތީޖާ އެއްވަރު ކުރި ލަނޑު ޖެހީ ޑިއަވަންޑޫ ޑިއާނޭ އެވެ.
ޕެނަލްޓީގައި މާޒިޔާގެ ކެޕްޓަން ސަމޫހް އަލީ (ސަމުއްޓެ) ޖެހި ޕެނަލްޓީ ގޯލު މަތިން ބޭރަށް ދިޔަ ނަމަވެސް އިލާން އާއި އަހުމަދު އައިހަމް (ފަތޯ) އަދި ހަމްޕު އާއި ބިޑި ވެސް ވަނީ ޕެނަލްޓީ ކާމިޔާބު ކޮށްފަ އެވެ.
ބުރުގެ ފުރަތަމަ ފަސް ޕެނަލްޓީގެ ތެރެއިން އަލާ ނާސިރާއި އަހްމަދު އަބްދުﷲ (ލިލީ) އަދި އަބްދުﷲ ޔާމީން (ޔާނު) އާއި ހަޑްސަން ޑިއާޒްގެ ޕެނަލްޓީ ކާމިޔާބު ކުރި އިރު، ކާމިޔާބު ނުވީ ތިންވަނައަށް ޖެހި އަލީ ހަމްދާންގެ ޕެނަލްޓީ އެވެ. އެ ޕެނަލްޓީ މާޒިޔާގެ ކީޕަރު ހުސެއިން ޝަރީފް ވަނީ ދިފާއު ކޮށްފަ އެވެ.
ހަވަނައަށް މާޒިޔާގެގެ ޑިފެންޑަރު ލުއިސް އަލްމެއިޑާގެ ޕެނަލްޓީ، މެޗުގެ މޮޅު ކުޅުންތެރިއަކަށް ވެސް ހޮވުނު ބުރުގެ ކީޕަރު އަބްދުﷲ އަރުޝަން ވަނީ ދިފާއު ކޮށްފަ އެވެ. އޭގެ ފަހުން ބުރުގެ ޝަމްވީލް މުހައްމަދު (ބޮންޑާ) ގެ ޕެނަލްޓީގެ ހުރަހަކަށް ވީ މާޒިޔާގެ ކީޕަރު ހުސެއިން އެވެ.
އައިސަމްގެ ޕެނަލްޓީން މާޒިޔާ ހިތްހަމަ ޖެހުމެއް ހޯދި އިރު ޑިއާނޭ ވަނީ ބުރުގެ ހަތްވަނަ ޕެނަލްޓީ ކާމިޔާބު ކޮށްފަ އެވެ. އެއަށް ފަހު ހުސެއިން ސިފާއު ޔޫސުފް (ކުރޯ) ގެ ޕެނަލްޓީ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ. އަދި ބުރު މޮޅުވި ޕެނަލްޓީ ޖަހައިދިނީ އުމުރުން 18 އަހަރުގެ މުހައްމަދު ނައިޝަމް ނަދީމް އެވެ.
މާޒިޔާ ވަނީ ޝީލްޑް މެޗު ކާމިޔާބު ކުރުމަށް ފަހު މެޗަކުން ބަލި ނުވެ ލީގު ވެސް ކާމިޔާބު ކޮށްފަ އެވެ. އެއަށް ފަހު ޕްރެޒިޑެންޓްސް ކަޕުން ކެޓީ ފައިނަލްގައި އޮޑި އާ ވާދަކޮށް ޕެނަލްޓީ ޖަހައިގެންނެވެ. ނިމިދިޔަ ޕްރެޒިޑެންޓްސް ކަޕަށް ފަހު މާޒިޔާގެ ސްޕެއިނުގެ ކޯޗު ލުއިސްމާ ހެނާންޑޭޒްގެ ކޮންޓްރެކްޓް ހަމަވުމާގުޅިގެން ވަނީ ޓީމުން ވަކިވެފަ އެވެ. މިއާ އެކު އެފްއޭ ކަޕަށް މާޒިޔާގެ ކޯޗަކަށް ހަމަޖެއްސީ އެސިސްޓެންޓް ކޯޗު އަހުމަދު ސުޒެއިރު (ކޮއްކޮ) އެވެ.
އެފްއޭ ކަޕްގެ ސެމީ ފައިނަލްގައި ބުރު ނުކުންނާނީ ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ. އެ މެޗު ކުޅޭނީ ބުދަ ދުވަހުގެ ރޭ 9 ޖަހާއިރެވެ.
ސެމީގެ ފުރަތަމަ މެޗުގައި ބުދަ ދުވަހު ހަވީރު 4 ޖަހާއިރު ބައްދަލުކުރާނީ ބްލޫ ސްޕޯޓްސް ކްލަބާއި ނިއު ރޭޑިއަންޓެވެ.