އެމެރިކާގައި ބާއްވާ ވޯލްޑް ކަޕް މެޗުތަކުގައި ޑްރޯން ހަމަލާތަކެއް ދީފާނެތީ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކުރުމަށް އެމެރިކާގެ ނޭޝަނަލް ގާޑް (ރިޒާވް ފޯސް) އަށް ބާރުތަކެއް ދިނުމަށް ރިޕަބްލިކަން ޕާޓީގެ  މަޖލިސް ދެ މެންބަރަކު ގޮވާލައްވައިފި އެވެ.

އެމެރިކާގެ ގާނޫނު ހަދާ މަޖިލީސް "ކޮންގްރެސް" ގެ މެންބަރު މައިކަލް މެކޯލް އަދި އިލައިޖާ ކްރޭން ސޮއިކުރައްވައި ފޮނުއްވި ސިޓީގައި ބުނެފައިވަނީ، ވޯލްޑް ކަޕް ބާއްވާ 11 ސިޓީގެ ވައިގެ ސަރަހައްދު ރައްކާތެރިކުރުމަށް ފެޑަރަލް ސަރުކާރުގެ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކުރަން ޖެހޭ ކަމަށެވެ .

މި ސިޓީ ފޮނުވާފައިވަނީ ހޯމްލޭންޑް ސެކިއުރިޓީ ސެކްރެޓަރީ މާކްވޭން މުލިން އާއި އެކްޓިން އެޓާނީ ޖެނެރަލް ޓޮޑް ބްލާންޗްގެ އިތުރުން ޕެންޓަގަންގެ ވެރިޔާ ޕީޓް ހެގްސެޓަށެވެ.

އެ މެންބަރުން  ބުނިގޮތުގައި، މުބާރާތް އިންތިޒާމުކުރާ ފަރާތްތަކާއި ސިޓީތަކުގެ މެދުގައި އޮތް އިދާރީ ހިންގުމުގެ ތަފާތުތަކުގެ ސަބަބުން ސަލާމަތީ ކަންކަން ބަލިކަށިވުމުގެ ފުރުސަތު އެބައޮތެވެ. އެހެންކަމުން، މުޅި ގައުމަށް ފެތުރިފައިވާ އަދި އަވަހަށް ހަރަކާތްތެރިވުމުގެ ގާބިލްކަން ލިބިފައިވާ ނޭޝަނަލް ގާޑުގެ އެހީތެރިކަން މިކަމުގައި ކޮންމެހެން ބޭނުންވާ ކަމަށް ވެސް އެ މެންބަރުން ވިދާޅުވި އެވެ.

"ކުއްލި ހާލަތްތަކުގައި ހަރަކާތްތެރިވުމުގެ ތަޖުރިބާ އާއި މުޅި ގައުމަށް ފެތުރިފައިވާ ވަސީލަތްތަކާއެކު، ނޭޝަނަލް ގާޑަކީ ވޯލްޑް ކަޕްގެ ސަލާމަތީ ކަންކަމުގައި ފެޑަރަލް އަދި ސްޓޭޓް އިދާރާތަކަށް އެހީތެރިވުމަށް އެންމެ އެކަށީގެންވާ ފަރާތް،" ސިޓީގައި ވެއެވެ.

ޑްރޯންގެ ނުރައްކަލާ ބެހޭގޮތުން މި ގޮވާލުން އައިސްފައިވަނީ، ވޮޝިންޓަންގައި ބޭއްވި "ވައިޓް ހައުސް ކޮރެސްޕޮންޑެންޓްސް ޑިނާ" ގެ ތެރޭގައި މީހަކު ބަޑިޖަހައި ހަމަލާ ދިން ހާދިސާގެ އެއްދުވަސް ކުރިންނެވެ. އެ ހަފުލާގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ. 

މި ހަމަލާއާއެކު ވޯލްޑް ކަޕްގެ ސަލާމަތީ ކަންކަމާ މެދު އިތުރު ކަންބޮޑުވުންތަކެއް ވަނީ އުފެދިފަ އެވެ. ނަމަވެސް، ވައިޓް ހައުސްއިން ހޯމަ ދުވަހު ބުނެފައިވަނީ މުބާރާތުގެ މެޗުތައް ކުރިއަށްދާނީ ފުރިހަމަ ރައްކާތެރިކަމާއެކު ކަމަށެވެ.

"ރައީސް ޓްރަމްޕް ހުންނެވީ މިއީ ހަމައެކަނި ސަޕޯޓަރުންނަށް ލިބޭނެ ތަފާތު ތަޖުރިބާއަކަށް ހެދުމުގެ އިތުރުން ތާރީހުގައި ވެސް ބާއްވާ އެންމެ އަމާން އަދި އެންމެ ރައްކާތެރި މުބާރާތަށް ހެއްދެވުމަށް ވަރަށް ބޮޑަށް ސަމާލުކަން ދެއްވައިގެނެ،" ވައިޓް ހައުސްގެ ތަރުޖަމާނު ޑޭވިސް އިންގްލް ވިދާޅުވި އެވެ.