އަންދްރޭ ވިޔަސް ބޯސްގެ ރައީސްކަމުގެ ދަށުން ޕޯޓޯއިން ޕޯޗުގީޒް ލީގު ކާމިޔާބުކޮށް، އެ ޓީމުގެ 31 ވަނަ ލީގު ތަށި އުފުލާލައިފި އެވެ.
މި ކާމިޔާބީއާ އެކު ވިޔަސް ބޯސް ވަނީ އޭނާގެ ކުރީގެ މެންޓޯ ނުވަތަ އެދުރެއް ކަމަށްވާ ހޯސޭ މޮރީނިއޯގެ ބެންފީކާގެ މައްޗަށް ކުރި ހޯދާފަ އެވެ.
ކުރިން ކޯޗެއްގެ ގޮތުގައި މަސައްކަތް ކުރި ވިޔަސް ބޯސްއަކީ މޮރީނިއޯގެ ކުރީގެ އެސިސްޓެންޓެވެ. މޮރީނިއޯގެ ކޯޗުކަމުގެދަށުން 2004 ގެ ޔޫއެފާ ޗެމްޕިއަންސް ލީގު ޕޯޓޯއިން ކާމިޔާބު ކުރި އިރު އޭނާގެ އެންމެ އިސް އެހީތެރިޔަކަށް ހުރީ އޭރު އުމުރުން 24 އަހަރުގެ ވިޔަސް ބޯސް އެވެ.
މޮރީނިއޯގެ ފަހަތުން ގޮސް ހެޑް ކޯޗުގެ މަސްއޫލިއްޔަތުތައް ވެސް ބޯސް އަދާކުރަން ފެށި އެވެ. އެކަމަކު ކޯޗެއްގެ ގޮތުގައި އޭނާ އަށް ކާމިޔާބު މަސައްކަތެއް ނުކުރެވުނެވެ. ކޯޗުކަމުން ރިޓަޔާކޮށް، ފަހުން އޭނާ ގުޅުނީ ފުޓްބޯޅައިގެ އިދާރީ އަދި ހިންގުމުގެ ދާއިރާއާ އެވެ.
އޭޕްރީލް 20024 ގައި ޕޯޓޯގެ ރައީސްކަމުގެ އިންތިހާބު ކާމިޔާބު ކުރި އެވެ. އުމުރުން 42 އަހަރުގެ ބޯސް، އެ ތާރީހީ ކާމިޔާބު ކުރީ 42 އަހަރު ވަންދެން ޕޯޓޯގެ ރައީސްކަމުގެ މަގާމު އަދާކުރި އޭރުގެ ރައީސް ހޯޖޭ ނޫނޯ ޕިންޓޯ އާއި ވިޔާފަރިވެރިޔާ ނޫނޫ ލޯބާއާ ވާދަކޮށެވެ.
ޕޯޓޯއިން ލީގު ކަށަވަރުކުރީ އަމިއްލަ ދަނޑުގައި އަލްވެރްކާ އަތުން 1-0 އިން މޮޅުވެގެންނެވެ. މެޗުގެ 40 ވަނަ މިނެޓުގައި ޔާން ބެޑްނަރެކް ޖެހި ލަނޑާއެކު ޕޯޓޯއަށް މިހާރު ވަނީ 85 ޕޮއިންޓް ލިބިފަ އެވެ. މިއީ ދެވަނާގައި އޮތް ބެންފީކާއަށް ވުރެ ނުވަ ޕޮއިންޓް އިތުރު އަދަދެކެވެ. ލީގުގައި ބާކީ އޮތީ އެންމެ ދެ މެޗު ކަމަށްވާތީ، މޮރީނިއޯގެ ބެންފީކާއަށް ދެން ޕޯޓޯއާ އަރާ ހަމައެއް ނުކުރެވޭނެ އެވެ.
"މިއީ އަހަރެންގެ ހިތާ އެންމެ ގާތް ކްލަބު. ދެ އަހަރު ތެރޭގައި ކްލަބު އަލުން ކޮޅަށް ޖަހައި ތަށި ހޯދުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް،" ކާމިޔާބަށް ފަހު، ވިޔަސް ބޯސް ބުންޏެވެ.
މިދިޔަ ސެޕްޓެމްބަރު މަހު ބެންފީކާއާ ހަވާލުވި މޮރީނިއޯއަށް މިއީ ވަރަށް ހިތްދަތި ނަތީޖާއެކެވެ. އެއީ ލީގުގައި ކުޅުނު 32 މެޗުން ވެސް އޭނާގެ ޓީމު ބަލިވެފައެއް ނުވެ އެވެ. ނަމަވެސް މާ ގިނައިން މެޗުތައް އެއްވަރުވުމުގެ ސަބަބުން ތަށި ގެއްލުނީ އެވެ.
ޕޯޓޯގެ މި ކާމިޔާބީގެ ފަހަތުގައި ހުރީ އުމުރުން އެންމެ 37 އަހަރުގެ އިޓަލީ ކޯޗު ފްރެންޗެސްކޯ ފަރިއޯލީ އެވެ. އޭނާ ވަނީ ކޯޗުކަމުގެ ފުރަތަމަ އަހަރުވެސް ޕޯޓޯއަށް ލީގު ތަށި ހޯދައިދީފަ އެވެ.