ދުނިޔޭގެ އެންމެ އާބާދީ ބޮޑު ދެ ގައުމު ކަމަށްވާ އިންޑިއާ އާއި ޗައިނާއިން މިފަހަރުގެ ވޯލްޑް ކަޕްގެ ބްރޮޑްކާސްޓިން ރައިޓްސް އަދި ވެސް ކަށަވަރުކޮށްފައިނުވާ ކަމަށް ފީފާއިން ބުނެފި އެވެ.
ދުނިޔޭގެ ގިނަ އެހެން ގައުމުތަކުން ވަނީ އަންނަ މަހު ފަށާ މުބާރާތް ބްރޯޑްކާސްޓް ކުރުމުގެ ރައިޓްސް ގަނެ ރީ ބްރޮޑްކާސްޓް ކުރުމުގެ ޑީލްތައް ވެސް މުޅިންހެން ނިންމައިފަ އެވެ.
ފީފާއިން ބުނި ގޮތުގައި، 175 އަށް ވުރެ ގިނަ ގައުމުތަކުގެ ބްރޯޑްކާސްޓަރުންނާ އެކު މިހާރު ވަނީ އެއްބަސްވުންތައް ގާއިމުކޮށް ނިންމިފަ އެވެ.
އިންޑިއާ އާއި ޗައިނާގެ ހާލަތާ ގުޅޭގޮތުން ފީފާ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ވޯލްޑް ކަޕްގެ މީޑިއާ ރައިޓްސް ވިއްކުމާ ގުޅޭގޮތުން ޗައިނާ އާއި އިންޑިއާއާ އެކު މަޝްވަރާތައް މިހާރުވެސް ކުރިއަށްދާ ކަމަށެވެ.
"މި މަރުހަލާގައި ކުރެވޭ މަޝްވަރާތައް ސިއްރެއްގެ ގޮތުގައި ބާއްވަން ޖެހޭ،" ފީފާގެ ބަޔާނުގައި ބުނެފައި ވެއެވެ.
އެންމެ ފަހުން ބޭއްވި ވޯލްޑް ކަޕް، ގަތަރު 2022 ގެ މުބާރާތުގައި ޑިޖިޓަލް އަދި ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން އެންމެ ގިނަ ވަގުތު މެޗުތައް ބަލާފައިވަނީ އިންޑިއާ އާއި ޗައިނާންނެވެ.
އެކަމަކު އަދި މިހާތަނަށް ވެސް މި އަހަރުގެ ވޯލްޑް ކަޕް، ބްރޮޑްކާސްޓް ކުރުމުގެ އެއްބަސްވުމެއް ޗައިނާ އާއި އިންޑިއާ އެކު ހެދިފައިވާ ކަމަކަށް އިއުލާން ކޮށްފައެއް ނުވެ އެވެ.
މި ފަހަރު މުބާރާތް ފެށުމާ ދެމެދު މިހާރު އޮތީ ފަސް ހަފުތާގެ ކުރު މުއްދަތެކެވެ. ފުޓްބޯޅަ ސަޕޯޓަރުން މިލިއަނުން ގުނާލެވޭ ބޮޑު ދެ އާބަދީގައި މިފަދަ އެއްބަސްވުމެއް އަދި މިހާތަނަށް ވެސް ކަށަވަރުނުވެ އޮތުމަކީ އާދަޔާހިލާފު ކަމެއްކަމަށް ރޮއިޓާސްއިން ސިފަ ކުރި އެވެ.
ރަޝިޔާ އާއި ގަތަރުގައި ބޭއްވި 2018 އަދި 2022 ގެ ވޯލްޑް ކަޕް ދެއްކުމުގެ ރައިޓްސް ހޯދުމަށް ޗައިނާގެ ދައުލަތުގެ ބްރޯޑްކާސްޓަރު ސީސީޓީވީން ވަނީ މާ ކުރިން ދުރާލައި މަސައްކަތް ކޮށްފަ އެވެ. އަދި އެހެން ގައުތަކަށް ވުރެ ކުރިން އެ ދެ މުބާރާތް ދެކުމުގެ އެއްބަސްވުންތައް ވެސް ޗައިނާއިން ނިންމި އެވެ.
އެންމެ ފަހުގެ މުބާރާތް ފެށުމުގެ އެތައް ހަފުތާއެއް ކުރިން އިޝްތިހާރުތައް ދައްކަން ވެސް ފަށި އެވެ.
ނަމަވެސް އަންނަ މަހު 11 ގައި މެކްސިކޯ އާއި ކެނެޑާއާ ގުޅިގެން އެމެރިކާ މައިގަނޑު ދައުރެއް އަދާކުރާ މިފަހަރުގެ ވޯލްޑް ކަޕް ދެއްކުމަށް އެހާ ވަރުގަދަ ފޯރިއެއް ސީސީޓީވީއަކުން ނުފެނުނެވެ. އަދި އިންޑިއާއިން ވެސް އެ ޑީލްތައް އަދި މިހާތަނަށް ވެސް ނުނިންމަ އެވެ.