ސައު ޕައުލޯ (މެއި 18) - ކުރިއަށް އޮތް ފީފާ ވޯލްޑް ކަޕަށް، ބްރެޒިލްގެ ސްކޮޑް ފައިނަލް ކުރުމުގެ ކުރިން ލީގުގައި ސަންޓޯސް ކުޅުނު ފަހު މެޗުގައި، ހަތަރުވަނަ ރެފްރީ އަށް ހެދުނު ގޯހަކާ ގުޅިގެން ނޭމާ އަށް ދަނޑުން ފައިބަން މަޖުބޫރު ވެއްޖެ އެވެ.

ކޯޓިބާއާ ދެކޮޅަށް ރޭ ކުޅުނު މެޗުގެ 65 ވަނަ މިނިޓުގައި ނޭމާގެ ފަޔަށް ފަރުވާ ހޯދަނިކޮށް ރެފްރީ ވަނީ އިތުރު ފަރުވާ ހޯދަން ދަނޑުން ފައިބަން އަންގައިފަ އެވެ. އޭނާއަށް ފަރުވާ ދެނިކޮށް ހަތަރުވަނަ ރެފްރީ ވަނީ ސަންޓޯސް އިން ބަދަލެއް ގެންނަން އުޅުނު ވަގުތު، ފައިބާ ކުޅުންތެރިޔާގެ ނަމްބަރަކަށް ނޭމާގެ 10 ނަމްބަރު އަޅުވައިފަ އެވެ. އޭނާގެ ބަދަލުގައި ކުޅެން އެރުވީ ރޮބީނިއޯގެ ދަރިފުޅު، ރޮބީނިއޯ ޖޫނިއާ އެވެ.

ނޭމާއަށް ދަނޑު ބޭރުގައި ފަރުވާ ދެނީ.-- ފޮޓޯ: އޭއެފްޕީ
ނޭމާއަށް ދަނޑު ބޭރުގައި ފަރުވާ ދެނީ.-- ފޮޓޯ: އޭއެފްޕީ

މި މެޗުން ސަންޓޯސް ވަނީ 3-0 އިން ބަލި ވެފަ އެވެ. މި ބަދަލު ގެނައި އިރު ވެސް ނަތީޖާއަކީ މިއީ އެވެ.

"އަހަރެންނަށް އެނގުނު ރޮބީނިއޯ ކަން އެ އަރަނީ، އެކަމަކު އަހަރެންކަމެއް ނޭނގޭ ބަދަލު ކުރަނީ. ބޯޑެއް ވެސް ނުދެކެން. އެކަމަކު މިއީ ބޯޑުގަ ނަމްނަރު އެޅުވި ރެފްރީގެ ބޮޑޫ އިހުމާލެއް،" ނޭމާ ބުންޏެވެ.

ސަންޓޯސްގެ ކޯޗު ކޫކާ އާއި ކެޕްޓަން ނޭމާ ވެސް ވަނީ އެއީ ގޯހެއް ކަމަށް ބުނެ، ރެފްރީ އާއި ހަތަރުވަނަ ރެފްރީ ކައިރީ މައްސަލަ ޖައްސައިފަ އެވެ.

ފައިބާ ކުޅުންތެރިއަކީ 31 ނަމްބަރު ޑިފެންޑަރު ގޮންޒާލޯ އެސްކޮބާ ކަން ރެފްރީއަށް ހުށަހެޅި ސަބްސްޓިޓިއުޝަން ނޯޓުގައި ލިޔެފައި އޮތް ކަމަށް ވަނީ ރިޕޯޓް ކޮށްފަ އެވެ. އަދި ނޭމާ ވަނީ އެ ސަބްސްޓިޓިއުޝަން ނޯޓު، އެ ވަގުތު މެޗު ބްރޯޑްކާސްޓް ކުރަމުން ދިޔަ ޗެނަލްގެ ކެމަރާއިން ބެލުންތެރިންނަށް ދައްކާލައިފަ އެވެ.

ނޭމާ އަންނަނީ ވޯލްޑް ކަޕް ސްކޮޑުން ޖާގަ ހޯދަން ބުރަ ކޮށް މަސައްކަތް ކުރަމުން.-- ފޮޓޯ: އޭއެފްޕީ
ނޭމާ އަންނަނީ ވޯލްޑް ކަޕް ސްކޮޑުން ޖާގަ ހޯދަން ބުރަ ކޮށް މަސައްކަތް ކުރަމުން.-- ފޮޓޯ: އޭއެފްޕީ

"އެއީ ހަމަ ޔަގީނުން ވެސް ހަތަރުވަނަ ރެފްރީ ހެދި ބޮޑު ގޯހެއް. އެކަމަކު އެއީ އަހަރެމެން ބަލިވާން ދިމާވި ސަބަބެކޭ ނުބުނާނަން، އެއީ ރަނގަޅު ގޮތެއް ނޫން،" މެޗަށް ފަހު ކޫކާ ބުންޏެވެ.

މި ބަދަލަށް، އިތުރު ބަދަލެއް ގެނެވެން ނެތީ، އެ ވަގުތު ރެފްރީގެ އެންގުމަކަށް ނޭމާ ދަނޑު ބޭރުގައި ހުރުމުންނާއި، ރޮބީނިއޯ ޖޫނިއާ ދަނޑަށް އަރާފައިވާތީ އެވެ.

މި ބަދަލު ގަބޫލު ކުރުމަށް ނޭމާ ދެކޮޅު ހެދުމުން ރެފްރީ ޕައުލޯ ސެޒާ ޒަނޯވެލީ ވަނީ އޭނާއަށް ރީނދޫ ކާޑެއް ވެސް ދައްކައިފަ އެވެ.

މި ކަމާ ބެހޭ ގޮތުން ބްރެޒިލްގެ ފުޓްބޯޅަ ފެޑެރޭޝަނުން އަދި އެއްޗެއް ބުނެފައެއް ނުވެ އެވެ.

އުމުރުން 34 އަހަރުގެ ނޭމާ އަށް 2023 ގެ އޮކްޓޯބަރުގައި ކުރިމަތިވި ކަކުލުގެ އަނިޔާއަކަށް، މިދިޔަ އަހަރު ދާއިމީ ފަރުވާ ހޯދުމަށް ފަހު، އޭނާ މިހާރު އަންނަނީ މި އަހަރުގެ ވޯލްޑް ކަޕް ސްކޮޑުން ފުރުސަތު ހޯދަން މަސައްކަތް ކުރަމުންނެވެ.

ބްރެޒިލްގެ ގައުމީ ކޯޗު ކާލޯ އަންޗެލޮޓީ ބުނިގޮތުގައި، ނޭމާއަށް ވެސް ސްކޮޑުން ފުރުސަތު ޔަގީން ވާނީ އޭނާގެ ކުޅުން ދަނޑުމަތީގައި އެއް ފެންވަރެއްގައި ދައްކަމުން ގެންދާނަމަ އެވެ.

ފީފާ ވޯލްޑް ކަޕަށް ދާ ބްރެޒިލްގެ ސްކޮޑް، ކޯޗު އަންޗެލޮޓީ މިއަދު އިއުލާން ކުރާނެ އެވެ. މި ފަހުން ނޭމާ ދައްކަމުން ދާ ކުޅުމާ އެކު އޭނާ އަށް އަންޗެލޮޓީގެ 26 ކުޅުންތެރިންގެ ތެރޭގައި ހިމެނުމުގެ ފުރުސަތު ބޮޑު ކަމަށް ބްރެޒިލްގެ މީޑީއާތަކުން މީގެ ކުރިން ވަނީ ބުނެފަ އެވެ. އަދި އަންޗެލޮޓީ މި ވަގުތު ޝޯޓްލިސްޓް ކޮށްފައިވާ 55 ކުޅުންތެރިންގެ ތެރޭގައި ވެސް ނޭމާ ހިމެނެ އެވެ.