ރިއޯ ޑި ޖެނީރޯ (މެއި 28) - ނޭމާ އަށް އަނިޔާވެ، ވޯލްޑް ކަޕްގައި ބްރެޒިލްގެ ފުރަތަމަ މެޗުގައި މޮރޮކޯއާ ދެކޮޅަށް ނުކުޅެވިދާނެ ކަމަށް ގައުމީ ޓީމުގެ ޑޮކްޓަރު ރޮޑްރިގޯ ލަސްމާ ބުނެފި އެވެ.
ނޭމާގެ ފައިގެ ކުޑަކަޅުވާ މަސްގަނޑަށް އަނިޔާވެފައިވާ ކަމަށް އެމްއާރްއައި ސްކޭނުން ދައްކާފައިވާ ކަމަށާއި މިކަން ރަނގަޅުވާން ދެތިން ހަފްތާ ނަގާނެ ކަމަށް ޑޮކްޓަރު ބުނެފައިވެ އެވެ. ވޯލްޑް ކަޕަށް ތައްޔާރުވާން ބްރެޒިލް ކުޅޭ ރަހުމަތްތެރިކަމުގެ ދެ މެޗުގައި ވެސް މިކަމާ ހެދި އޭނާއަށް ނުކުޅެވޭނެ އެވެ. އެއީ ޕެނަމާ އާއި މިސްރާ ދެކޮޅަށް ކުޅޭ ދެ މެޗެވެ.
ނޭމާ ވަނީ އިއްޔެ، ގައުމީ ޓީމުގެ ސްކޮޑާ ގުޅިފަ އެވެ. ނަމަވެސް އަނިޔާއާ ހެދި ފުރަތަމަ ފަރިތަކުރުންތަކުގައި ވެސް އޭނާ އަށް ބައިވެރިއެއް ނުވެވެ އެވެ.
ނޭމާ އަށް ވަނީ އޭނާ ކުޅެމުން އަންނަ ސަންޓޯސްއާ އެކު މި ފަހުން މެޗުތަކެއް ގެއްލިފަ އެވެ. ސަންޓޯސްގެ ކޯޗު ކޫކާ ބުނެފައި ވަނީ އޭނާ އަށް މެޗުތައް ގެއްލުނީ ކުޑަ ވަރެއްގެ އަނިޔާއެއްގެ ސަބަބުން ކަމަށެވެ.
ބްރެޒިލްގެ ކޯޗު ކާލޯ އަންޗެލޮޓީ ވޯލްޑް ކަޕަށް ގެންދަން ނަގާފައިވާ ސްކޮޑުން ނޭމާ އަށް ޖާގަ ދީފައި ވާއިރު، އޭނާ ގައުމީ ޓީމުގައި ހިމެނިފައި މި ވަނީ ތިން އަހަރަށް ފަހު އެވެ. އަނިޔާގެ ގިނަ މައްސަލަތަކަކާ ގުޅިގެން އޭނާ އަށް ގައުމީ ޓީމުން ފުރުސަތު ގެއްލުނު އިރު، މީގެ ކުރިން ކޯޗު އަންޗެލޮޓީ ވަނީ އޭނާގެ ފިޓްނަސްއާ ގުޅޭގޮތުން ވެސް ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
ނަމަވެސް ބްރެޒިލަށް މިހާތަނަށް އެންމެ ގިނަ ގޯލު ޖަހައިދީފައިވާ ކުޅުންތެރިޔާ ވަނީ ސްކޮޑުން ޖާގަ ހޯދަން ބުރަކޮށް މަސައްކަތް ކޮށްފަ އެވެ. އަދި އޭނާ ގައުމީ ސްކޮޑުގައި ހިމެނުމުން ބްރެޒިލްގެ އެތައް ބަޔަކު ވަނީ އުފާ ފާޅުކޮށްފަ އެވެ.
ނޭމާ ވަނީ މިހާތަނަށް ގައުމީ ޓީމަށް ކުޅެދިން 128 މެޗުން 79 ގޯލު ޖަހައިފަ އެވެ. މި އަހަރުގެ ވޯލްޑް ކަޕް ވާނީ އޭނާ ކުޅޭ ހަތަރު ވަނަ ވޯލްޑް ކަޕް މުބާރާތަށެވެ.
ނޭމާ އެންމެ ފަހުން ބްރެޒިލް ގައުމީ ޓީމަށް ކުޅެފައި ވަނީ 2023 ވަނަ އަހަރު، އުރުގުއޭއާ ދެކޮޅަށް ކުޅުނު ވޯލްޑް ކަޕް ކޮލިފައިން މެޗެއްގަ އެވެ.