މަޔާމީ (ޖޫން 25) - މެޗަކުން ބަލި ނުވެ، ގުރޫޕް ސްޓޭޖުގެ ތިން މެޗުން ހަތް ޕޮއިންޓް ހޯދައިގެން ބްރެޒިލް އާއި މޮރޮކޯ ވެސް ފީފާ ވޯލްޑް ކަޕްގެ ނޮކައުޓް ބުރުން ފުރުސަތު ހޯދައިފި އެވެ.
ބްރެޒިލް އާއި މޮރޮކޯ ވެސް ވަނީ ރޭ ކުޅުނު ގުރޫޕް ސްޓޭޖްގެ ފަހު މެޗު ކާމިޔާބު ކޮށްފަ އެވެ. ބްރެޒީލް 3-0 އިން ސްކޮޓްލެންޑް ބަލި ކުރި އިރު، ހައިޓީއާ ވާދަ ކޮށް މޮރޮކޯ މޮޅުވީ 4-2 އިންނެވެ.
މި ނަތީޖާއާ އެކު ބްރެޒިލް ގުރޫޕް ސީގެ އެއްވަނަ ހޯދީ ފައިދާ ތިން ގޯލުގެ ތަފާތުންނެވެ. ބްރެޒިލް އަށް ފައިދާ ހަ ގޯލު ލިބިފައި ވާއިރު މޮރޮކޯ އަށް ލިބިފައި ވަނީ ފައިދާ ތިން ގޯލެވެ.
ރޭގެ މެޗުގައި ބްރެޒިލްގެ ލަނޑުތައް ޖަހައިދިނީ ވިނީޝީއުސް ޖޫނިއާ އާއި މެތީސް ކުންޔާ އެވެ. ވިނީޝިއަސް ވަނީ ފުރަތަމަ ހާފުގައި ދެ ގޯލު ޖަހައިފަ އެވެ.
މީގެ އިތުރުން ބްރެޒިލް ގައުމީ ޓީމުގެ ޓޮޕް ސްކޯރާ ނޭމާ ވެސް ވަނީ ގިނަ ދުވަސްތަކަކަށް ފަހު ރޭ ފުރަތަމަ ފަހަރަށް ގައުމީ ޓީމަށް ކުޅެފަ އެވެ. ނޭމާ ކުޅެން ނުކުތީ މެޗުގެ ފަހު 15 މިނިޓަށެވެ.
ހައިޓީ އާއި މޮރޮކޯ މެޗުގެ ފުރަތަމަ ހާފު ނިމުނީ އެއްވަރު ވެގެންނެވެ. މި ހާފުގައި މޮރޮކޯ ޖެހުނީ ދެ ފަހަރު ވެސް ފަހަތުން އަރައި އެއްވަރު ކުރާށެވެ، އެ ޓީމުގެ ލަނޑުތައް ޖަހައިދިނީ އަޝްރަފް ހަކީމީ އާއި އިސްމާއިލް ސައިބަރީ އެވެ. ސައިބަރީ ވަނީ ގުރޫޕް ސްޓޭޖުގެ ތިން މެޗުގައި ވެސް ލަނޑު ޖަހައިފަ އެވެ.
ހައިޓީ އަށް ފުރަތަމަ ލީޑު ލިބުނީ މޮރޮކޯގެ ކީޕަރު ޔަސީން ބޫނޫ އަތުން ބައިކޮޅަށް ވަން ގޯލަކުންނެވެ. ދެވަނަ ފަހަރަށް ލީޑު ނަގައިދިން ލަނޑު ޖެހީ ވިލްސަން އިސިޑޯ އެވެ.
މެޗު ނިމެން 12 ވަރަކަށް މިނިޓަށް ވެފައި ވަނިކޮށް މޮރޮކޯގެ މޮޅުވި ލަނޑުތައް ޖަހައިދިނީ ސުފިއާން ރަހީމީ އާއި ޖާސީމް ޔާސީން އެވެ.
ގުރޫޕް ސީގެ ތިންވަނައިގައި ނިންމާލި ސްކޮޓްލެންޑް ވަނީ ތިން ޕޮއިންޓް ހޯދައިފަ އެވެ. ފުލުގައި ނިންމާލި ހައިޓީ އަށް ޕޮއިންޓެއް ނުލިބެ އެވެ.
ކުރީ އަހަރުތަކާ ހިލާފަށް މި އަހަރުގެ ވޯލްޑް ކަޕްގެ ނޮކައުޓް ބުރު ފެށެނީ ގަދަ 32 ޓީމާ އެކު އެވެ. މިއާ އެކު ގުރޫޕް ތަކުގެ އެއްވަނަ އަދި ދެވަނަ ޓީމުގެ އިތުރުން، ގުރޫޕް ތަކުގެ ތިންވަނަ އަށް ދާ ޓީމު ތަކުގެ ތެރޭން ގަދަ އަށް ޓީމު ނޮކައުޓް ބުރަށް ދާނެ އެވެ.