ޖުމުލަ 22 އަހަރުގެ ދިގު އިންތިޒާރެކެވެ. ކުރު މުއްދަތެއް ނޫނެވެ. އިނގިރޭސި ފުޓްބޯޅައިގެ ރަސްކަމުގެ ތަހުތު އާސެނަލުން އަލުން މި ވަނީ ހޯދާފަ އެވެ.
އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން 2004 ގެ ފަހުން އާސެނަލުން ރޭ ވަނީ ކަށަވަރު ކޮށްފަ އެވެ. މިއީ ހަމައެކަނި ދަނޑުމަތީގައި ހޯދި މޮޅެއް ނޫނެވެ. މިއީ މީގެ ހަ އަހަރު ކުރިން، ވަރަށް ދުރާލައި ރޭވިގެން، ހިސާބުތަކަކުން އިންޖިނިއާ ކުރެވިގެން ހޯދި އަގުހުރި ތާރީހީ ކާމިޔާބީއެކެވެ.
މި ބޮޑު ބަދަލުގެ ފަހަތުގައި ހަމަ ޔަގީނުން ވެސް އެންމެ ބޮޑު ދައުރެއް އަދާކުރި މޭސްތިރިއަކީ ކޯޗު މިކެލް އާޓެޓާ އެވެ.
ދި އެތުލެޓިކްގެ ފުޓްބޯޅަ ލިޔުންތެރިޔާ އޮލިވާ ކޭ ލިޔެފައިވާ ގޮތުގައި، އާޓެޓާ އަށް މެންޗެސްޓާ ސިޓީގައި ޕެޕް ގާޑިއޯލާގެ ހިޔަނީގައި ހުރެ ސިޓީގެ ހެޑް ކޯޗުގެ ގޮނޑި ވެސް ކާމިޔާބު ކުރުމުގެ ފުރުސަތު އޮތެވެ. ތިން އަހަރު ވަންދެން ގާޑިއޯލާގެ އެންމެ އިސް އެސިސްޓެންޓްގެ ގޮތުގައި އާޓެޓާ ކުރި މަސައްކަތަކީ ކޯޗިންގެ ދާއިރާގައި ލިބޭނެ އެންމެ ފުރިހަމަ ތަމްރީނެވެ. އާޓެޓާ އަމިއްލައަށް އެކަން ސިފަކުރަމުން ބުނީ "އެއީ އާދަޔާހިލާފް" ތަޖުރިބާއެއް ކަމަށެވެ.
އޮލިވާ ކޭގެ އެނަލިސިސްގައި ބުނެފައިވެ އެވެ.؛
"ސިޓީގެ މެނޭޖްމެންޓުންނާއި ގާޑިއޯލާ ވެސް ގަބޫލުކުރި ގޮތުގައި، 2021 ގެ ހޫނު މޫސުމުގައި ސިޓީގެ މަގާމާ ހަވާލުވާން އެންމެ އެކަށީގެންވާ މީހަކީ އާޓެޓާ އެވެ."
ނަމަވެސް 2019 ގެ ފަހުކޮޅު އާޓެޓާ ނިންމީ އަމިއްލަ މަގެއް އިހުތިޔާރު ކުރާށެވެ.
"މެންޗެސްޓާގައި އެތައް އަހަރަކު އިންތިޒާރު ކުރުމުގެ ބަދަލުގައި، އޭނާ ހުރީ އަމިއްލަ ޓީމެއް ކުރިއަށް ނެރުމަށް ތައްޔާރަށް،" އޮލިވާ ކޭ ފާހަގަކުރި އެވެ.
އޭނާ އަށް ކުރިން މަގުދައްކައިން ދިން ގާޑިއޯލާ، މި ސީޒަނަށް ފަހު ސިޓީ ދޫކޮށްލާނެ އެވެ. އޭރު ޒުވާން އާޓެޓާ ސިޓީގައި މަޑުކޮށްގެން ހުރި ނަމަ ގާޑިއޯލާގެ ހިޔަނީގެ ގޮތުގައި ސިޓީގެ ހެޑް ކޯޗުގެ ގޮތުގައި އަންނަ ސީޒަނުން ފެށިގެން ހުންނާނީ އޭނާ އެވެ.
އެކަމަކު ގާޑިއޯލާގެ ހިޔަނީގައި ނުހުރެ އާޓެޓާ ނިންމީ އޭނާ ކުރިން ކުޅުނު، އާސެނަލްގެ ހެޑް ކޯޗުކަމެވެ. އޭނާ ބޭނުންވީ އަމިއްލަ ގޮތުގައި ކުރިއަށްދާށެވެ. އާޓެޓާ ހަވާލުވި އިރު އާސެނަލްގެ ހާލަތު އޮތީ އެންމެ ރަނގަޅަކަށް ނޫނެވެ. ދެމެހެއްޓެނިވި ގޮތުގައި ވިދވިދިގެން ދެ ސީޒަން އެއްގޮތަކަށް ނުގެންދެވެ އެވެ. ޓީމުތެރޭގައި އޮތީ މައްސަލަތަކުން ފުނިޖެހިފަ އެވެ.
"އާޓެޓާ އާސެނަލްއާ ހަވާލުވިއިރު އެ ކްލަބް އޮތީ ބޮޑު ހައިޖާނެއްގެ ތެރޭގައި،" އޮލިވާ ކޭ ލިޔުނެވެ.
ބާރުތައް ދޫކޮށްލަން ބޭނުންނުވާ މެނޭޖްމެންޓެއް އޮތް ކްލަބުގެ އަމިއްލަ ވަންތަކަން އޮތީ ގެއްލިފަ އެވެ. މެސުޓް އޮޒިލް އާއި ޕިއާ އޮބާމަޔަންގް ފަދަ ތަރިންނާ އެކު ޓީމުގެ އެތެރޭގެ މަސްލަހަތު އޮތީ ވަރަށް ބޮޑަށް ގޯސްވެފަ އެވެ. އެއީ އޭރު ފަސޭހައިން ހައްލުކުރެވެން އޮތް މައްސަލަތަކެއް ވެސް ނޫނެވެ.
އޭނާގެ ކޮލަމްގައި އޮލިވާ ކޭ ބުނެފައި ވަނީ އޭރު އާސެނަލްގައި، އަވަސް ހައްލުތަކެއް ގެނެވޭނެ ގޮތެއް އަދި ކާމިޔާބު ހޯދޭނެ ހާލަތެއް ވެސް ނެތް ކަމަށެވެ.
އާޓެޓާ ކުރިމަތިލީ އެ ގޮންޖެހުންތަކާ އެވެ.
ނަމަވެސް އޭގެ ހަ އަހަރާއި ބައި ފަހުން މިއަދު ފެންނަމުންދާ އާސެނަލް އަކީ މުޅިން ތަފާތު ޓީމެކެވެ. އާޓެޓާގެ މަސައްކަތުގެ ނަތީޖާ ފޮންޏެވެ.
މި ބޮޑު ކާމިޔާބީގެ ފަހަތުގައިވާ "ސިއްރު ރޭވުންތަކަށް" އަލިއަޅުވާލަމުން، ދި އެތުލެޓިކްގެ އާސެނަލް ކޮރެސްޕޮންޑަންޓް ޖޭމްސް މެކްނިކޮލަސް ލިޔެފައިވާ ގޮތުގައި، އާސެނަލްގެ މެނޭޖްމަންޓުން ވަނީ ވަރަށް ދުރާލައި ވާދަވެރި ޓީމުތަކުގައި އޮތް ސްކޮޑްތަކުގެ އުމުރާއި، ކޯޗުންގެ މުއްދަތު ދިރާސާކޮށްފަ އެވެ.
"އެގޮތުން 2023 އާއި 2027 އާ ދެމެދު ބޮޑު ކާމިޔާބަކާ ހަމައަށް ދެވޭނެ ކުޑަދޮރެއް ހުޅުވޭނެކަން އެމީހުން ދެނެގަތް،" މެކްނިކޮލަސްގެ ތަފުސީލީ އެނަލިސިސްގައި ލިޔެފައިވެ އެވެ.
ލިވަޕޫލުން ޔާގަން ކްލޮޕް ވަކިވުމާއި، މުހައްމަދު ސަލާހު އަދި ކެވިން ޑި ބްރޭނާ ފަދަ ކުޅުންތެރިންގެ ކުޅުން ދަށްވާނެ ދުވަސްވަރާ، އާސެނަލުން ހެދި ހިސާބުތަކާ ދިމާވާކަމަށް މެކްނިކޮލަސް ބުނެފައިވެ އެވެ.
ޖެނުއަރީ 2020 ގައި ޓީމުގެ ނަތީޖާތައް ދަށްވެ އާޓެޓާއަށް ބޮޑު ޕްރެޝަރެއް ކުރިމަތިވި އެވެ. އެ ދަނޑިވަޅެއްގައި، އޭނާ އެމެރިކާގެ ޑެންވާއަށް ދަތުރުކޮށް ކްލަބުގެ ވެރިޔާ ސްޓޭން ކްރޮއެންކޭއާ ބައްދަލު ކުރި އެވެ.
"އެ ބައްދަލުވުމުގައި އާޓެޓާ އާއި ކްލަބުގެ ޑިރެކްޓަރު ޓިމް ލެވިސް ހުށަހެޅީ އާސެނަލް އަލުން ސުޕަ ކްލަބަކަށް ހެދުމުގެ ދިގު މުއްދަތުގެ ޕްލޭނެކެވެ. މިއާ އެކު ޓެކްނިކަލް ޑިރެކްޓަރު އެޑޫގެ ބެލުމުގެ ދަށުން އާ ޔުނިޓެއް އުފައްދައި، ބޮޑު ބަދަލަކަށް މަގުކޮށުނެވެ.." މެކްނިކޮލަސްގެ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.
އާސެނަލްއިން ޓްރާންސްފާގެ ބާޒާރަށް ނުކުތީ ވަކި އުސޫލެއްގެ ދަށުންނެވެ. އެއީ އުމުރުން 23 އަހަރުން ދަށުގެ، އަދި 40 މިލިއަން ޔޫރޯ އަށް ވުރެ އަގުހެޔޮ ކުޅުންތެރިން ހޯދުމަށެވެ. މާޓިން އޮޑެގާޑާއި ބެން ވައިޓް ފަދަ ކުޅުންތެރިންނަކީ މި ސިޔާސަތުގެ ދަށުން ގެނައި ކުޅުންތެރިންނެވެ. މީގެ އިތުރުން، އޮޒިލް އަދި އޮބާމަޔަންގް ފަދަ ބޮޑު މުސާރައިގައި ތިބި ކުޅުންތެރިންގެ ކޮންޓްރެކްޓް އުވާލައި، ކްލަބުން ބޮޑެތި ގުރުބާނީތަކެއް ވި އެވެ.
ޓީމަށް ނަތީޖާ ނުލިބި މުހިންމު މެޗުތަކުން ބަލިވި ދަނޑިވަޅެއްގައި، މުޅި އާސެނަލަށް ބޮޑު ޕްރެޝަރެއް ކުރިމަތިވި އެވެ. އާޓެޓާ އާއި ކްލަބްގެ މެނޭޖްމެންޓަށް ވެސް އެ ޕްރެޝަރުގައި ހިފަހައްޓާ ލެވުނީ ބަދަހި ގުޅުމެއް ދެ ފަރާތުގެ ދެމެދުގައި އުފެއްދުމުންނެވެ.
"އަހަރެން ފުރިހަމައަށް ކަލެއަށް އިތުބާރު ކުރަން، އަހަންނަށް ވެސް އިތުބާރު ކުރޭ،" ޕްރެޝަރު އެ ދަނޑިވަޅުގައި ކްލަބުގެ ވެރިޔާ ޖޯޝް ކްރޮއެންކޭ، އާޓެޓާ އަށް ހިތްވަރު ދެމުން ފޮނުވި މެސެޖްގައި ބުނި ކަމަށް އާސެނަލްއާ ގުޅޭ ދިރާސާތައް ހަދައި ލިޔުމުގައި އަހަރުތަކެއް ހޭދަކުރި ލިޔުންތެރިޔާ މެކްނިކޮލަސް ލިޔެފައި ވެ އެވެ.
އާސެނަލަށް ހާއްސަ ނޫސްވެރިޔެއް އަދި ލިޔުންތެރިންގެ ގޮތުގައި ޖޭމްސް މެކްނިކޮލަސްގެ މަސައްކަތް ކުރާތާ މިހާރު 10 އަހަރު ވެއްޖެ އެވެ.
އޭނާގެ އެންމެ ފަހުގެ ރިޕޯޓުގައި ބުނެފައި ވެ އެވެ.؛
"އާޓެޓާ ބިނާކުރި ސްކޮޑަކީ އެކަކު އަނެކަކާ ވަރަށް ގާތް ގުޅުމެއް އޮތް ބައެކެވެ. ބުކާޔޯ ސަކާ، މާޓިނެލީ އަދި ސަލީބާ ފަދަ ޒުވާން ކުޅުންތެރިން އެކުގައި ބޮޑުވަމުން އައިސް، ހުސްވަގުތުތަކުގައި ބޯޑު ގޭމް ކުޅެ، އެކުވެރި މާހައުލެއް އުފެއްދި އެވެ. ކްލަބުގައި 2019 ގައި އޮތް "ޓޮކްސިކް" ނުވަތަ ވިހަ މާހައުލު، އާޓެޓާ ވަނީ ބަދަލުކޮށްފާ އެވެ. މިއަދު އާސެނަލްގެ ކުޅުންތެރިންނަށް އެތަނަކީ ރައްކާތެރި މާހައުލެކެވެ. މެޗުތަކަށް ނުކުންނައިރު ޓީމުގެ މޮޓޯއަކީ "މޭކް އިޓް ހެޕަން" އެވެ."
ދެ އަހަރު ކުރިން، ބަލި ކުރަން އުނދަގޫ ޓީމެއްގެ ގޮތުގައި އޮތުމަށްފަހު، މިހާރު އާސެނަލް މިވަނީ ދެބަސްނުވެވޭނެ ފަދަ ވަރުގަދަ ޗެމްޕިއަނުންނަށް ވެފާ އެވެ.
ގާޑިއޯލާގެ އެހީތެރިޔެއްގެ ގޮތުގައި އާޓެޓާ ސިޓީގައި މަޑުނުކޮށް ނިންމި ނިންމުމަކީ އޭނާގެ ހަޔާތުގެ އެންމެ ކާމިޔާބު ނިންމުމެވެ.