ގަލޮޅު ދަނޑުގައި މިއަދު ހަވީރު ޕާކިސްތާނާއި ބަންގްލަދޭޝްގެ އޮލިމްޕިކް ޓީމް ބައްދަލުކުރި ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ މެޗު ލަނޑެއް ނުޖެހި އެއްވަރު ވެގެން ނިމިއްޖެ އެވެ.

ފުރަތަމަ ހާފުގައި ބަންގްލަދޭޝް ވަނީ ގިނަ ފުރުސަތުތަކެއް އުފައްދައިފަ އެވެ. އެގޮތުން އެންމެ ނުރައްކާތެރި ހަމަލާ ފޮނުވާލީ މުހައްމަދު މުރުސިދު އަލީ އެވެ. މުހައްމަދު ރައްބީ ހޮސެއިން ރާހުލް ނަގައިދިން ބޯޅައަށް ހުސްވެލާފައި މުރުސިދު ފޮނުވާލި ހަމަލާ ދިފާއު ކުރީ ޕާކިސްތާންގެ ކީޕަރު ޔޫސުފް އީޖާޒް ބަޓް އެވެ.

ދެވަނަ ހާފު ފެށިގެން 10 ވަރަކަކށް މިނިޓު ތެރޭ ޕާކިސްތާނުން ވަނީ ނުރައްކާތެރި ހަމަލާއެއް ފޮނުވާލައިފަ އެވެ. ނަމަވެސް އަލަމްގިރު އަލީ ހާން އޭރިއާ ބޭރުގައި ހުރެ ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ.

އެއަށް ފަހު ބަންގްލަދޭޝް އަލުން އެޓޭކްތަކެއް އުފައްދަން މަސައްކަތް ކުރަންފެށި އިރު، މިރާޖުލް އިސްލާމް ބޯޅަ ހިފައިގެން އޭރިއާ ތެރެއަށް ވަތް އިރު ޕާކިސްތާންގެ ކެޕްޓަން އަބްދުﷲ އިގްބާލް ފައުލް ކުރި ކަމަށް ބުނެ ބަންގްލަދޭޝް އިން ޕެނަލްޓީއަކަށް އެޕީލް ކޮށް ރެފްރީގެ ނިންމުމާ ދެކޮލު ހެދުމުގެ ސަބަބުން މިރާޖުލް އިސްލާމަށް ވަނީ ރީނދޫ ކާޑެއް ދައްކައިފަ އެވެ.

ފުރަތަމަ ހާފުގައި ބަންގްލަދޭޝްގެ މުރުސިދަށް ލިބުނު ހުސް ފުރުސަތުގައި އޭނާ ހަމަލާ ފޮނުވާލަނީ--- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު
ފުރަތަމަ ހާފުގައި ބަންގްލަދޭޝްގެ މުރުސިދަށް ލިބުނު ހުސް ފުރުސަތުގައި އޭނާ ހަމަލާ ފޮނުވާލަނީ--- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

އޭގެ އިރުކޮޅެއް ފަހުން ބަންގްލަދޭޝްގެ ކެޕްޓަން މޮންޖުރުރް ރަހްމާން ބޮލުން ބޯޅައަށް މަސައްކަތް ކުރަން އުޅުމުގެ ތެރޭގައި ޕާކިސްތާންގެ ކީޕަރާ އެއްކޮށް ވެއްޓުނު ވަގުތު އޭނާ ކީޕަރު ގައިގައި ފައިން ޖެހުމުން އޭނާއަށް ރެފްރީ މުހައްމަދު ޖާވިޒް ވަނީ ވަގުތުން ސީދާ ރަތް ކާޑެއް ދައްކައިފަ އެވެ. މިއާ އެކު ފަހު ހާފުގެ ބާކީ 27 މިނިޓު ބަންގްލަދޭޝް ކުޅެން ޖެހުނީ އެއް ކުޅުންތެރިއަކު މަދުކޮށެވެ.

އެއަށް ފަހު އަނެއްކާ ވެސް ފެނުނީ ޕާކިސްތާނުގެ ނުރައްކާތެރި ހަމަލާއެކެވެ. އަލީ ހާން ނިޒާއީ ނަގައިދިން ހުރަހެއް ސިކްސް ޔާޑު ބޮކްސް ތެރޭ ހުސްކޮށް ހުރެ އަލީ ހައިދަރު ޝާހް ފޮނުވާލި ބޯޅަ ބަންގްލަދޭޝްގެ ކީޕަރު މުހައްމަދު މަހްދީ ހަސަން ސްރަބޯން ވަނީ ކޯނަރަކަށް ބޭރު ކޮށްލައިފަ އެވެ. އެ ކޯނަރުން ޕާކިސްތާންގެ ސައީދު އަބްދުﷲ ޝާހް އަށް ލިބުނު ފުރުސަތުގައި ރަނގަޅަށް ފޮނުވާނުލެވި، ބަންގްލަދޭޝްގެ ކީޕަރު ވަނީ އެ ބޯޅަ ދިފާއު ކޮށްފަ އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ވެސް ކީޕަރު މަހްދީ އެވެ.

ޕާކިސްތާނުން ފުލުފުލުގައި އުފެއްދި އެޓޭކްތަކުގައި އޯޓިސް ހާން ފޮނުވާލި ހަމަލާ ބަންގްލަދޭޝްގެ ޑިފެންޑަރުން ބްލޮކް ކުރި އިރު މުހައްމަދު ހައްޔާން ފޮނުވާލި ހަމަލާ ގޯލާ އަމާޒެއް ނުވި އެވެ.

ބަންގްލަދޭޝްގެ ކީޕަރު މަހްދީ، އޭނާގެ މޮޅު ކުޅުމާ އެކު ވަނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ހޯދައިފަ.--- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު
ބަންގްލަދޭޝްގެ ކީޕަރު މަހްދީ، އޭނާގެ މޮޅު ކުޅުމާ އެކު ވަނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ހޯދައިފަ.--- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

ޕާކިސްތާންގެ ކޯޗަކީ، ކުރިން ނިއުކާސަލް ޔުނައިޓެޑާއި އެސްޓަން ވިލާ އަދި ވެސްޓް ހޭމް ޔުނައިޓެޑާ އެކު އިނގިރޭސި ޕްރިމިއާ ލީގުގައި 300 އަށް ވުރެ ގިނަ މެޗު ކުޅެ 49 ގޯލު ޖަހައިދީފައިވާ ޕެރޫގެ މިޑްފީލްޑަރު ނޮލްބާޓޯ ސޮލާނޯ އެވެ. އުމުރުން 51 އަހަރުގެ ސޮލާނޯ ވަނީ ޕެރޫގެ ގައުމީ ޓީމަށް 1994 އާއި 2009 އާ ދެމެދު 95 މެޗު ކުޅެދީ 20 ގޯލު ޖަހައިފަ އެވެ. ކުޅުން ހުއްޓާލުމަށް ފަހު ޕެރޫގެ އެސިސްޓެންޓް ކޯޗުކަން ކޮށް، އެ ގައުމުގެ އޮލިމްޕިކް ޓީމުގެ ހެޑް ކޯޗުކަން ވެސް ކޮށްފައިވާ ސޮލާނޯ ޕާކިސްތާނާ ހަވާލުވީ މިދިޔަ އަހަރެވެ.

ރާއްޖޭގެ ފުޓްބޯޅައަށް 75 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން އެފްއޭއެމް އިން އިންތިޒާމުކޮށްގެން ބާއްވާ ޑަޔަމަންޑް ޖުބިލީ އިންޓަނޭޝަނަލް ފުޓްބޯޅަ މުބާރާތުގައި ވާދަ ކުރަނީ ރާއްޖެ އާއި ޕާކިސްތާން އަދި އަފްްޣާނިސްތާންގެ އިތުރުން ބަންގްލަދޭޝްގެ 23 އަހަރުން ދަށުގެ އޮލިމްޕިކް ޓީމެވެ. ސްރީ ލަންކާ މި މުބާރާތުގައި ވާދަކުރާ ގޮތަށް ފުރަތަމަ ހަމަޖެހުނު ނަމަވެސް ފަހުން ވާދަ ނުކުރަން ނިންމުމުން އެ ޖާގަ ދިނީ އަފްޣާނިސްތާނަށެވެ.

ބަންގްލަދޭޝްގެ އޮލިމްޕިކް ޓީމް ބައިވެރިވީ އެ ގައުމުގެ ސީނިއާ ޓީމު ޔޫރަޕްގައި އެކުވެރިކަމުގެ މެޗުތަކެއް ކުޅެން ތައްޔާރުވާތީ އެވެ. މި ޓީމުގައި އެންމެ ފަހުން އޮތް 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް ކުޅުނު ގިނަ ކުޅުންތެރިންތަކެއް ހިމެނިފައިވެ އެވެ.

މުބާރާތުގައި ރާއްޖޭގެ ފުރަތަމަ މެޗުގައި މިރޭ 9 ޖަހާއިރު އަފްޣާނިސްތާނާ ދެކޮޅަށް ނުކުންނާނެ އެވެ. މުބާރާތް ރަސްމީކޮށް ފެށުމުގެ ރަސްމިއްޔާތު 8:45 ގައި އޮންނާނެ އެވެ.