ކުޅިވަރު ކުޅޭ ހުރިހާ ތަނެއްގައި ވެސް ނަމާދު ވަގުތު ޖެހުމާ އެކު 20 މިނިޓަށް ކުޅިވަރު ހަރަކާތްތައް ހުއްޓާލަން އެދިފައިވީ ނަމަވެސް އެކަން ތަންފީޒުކުރާނެ ގޮތުގެ އުސޫލެއް ހަދަމުން އަންނަ ކަމަށް ސްޕޯޓްސް މިނިސްޓްރީން މިއަދު ބުނެފި އެވެ.
އެ މިނިސްޓްރީން ކުޅިވަރު އެސޯސިއޭޝަންތަކަށް ފޮނުވި ސިޓީއެއްގައި ބުނީ ނަމާދަށް ގޮވުމާ އެކު 20 މިނެޓު ވަންދެން ހުރިހާ ކުޅިވަރު ހަރަކާތްތައް މެދުކަނޑާލާ ތަންފީޒުކުރާނެ ގޮތުގެ އުސޫލެއް މިނިސްޓްރީން އެކުލަވާލަމުން އަންނަ ކަމަށެވެ.
އެ އުސޫލު ފާސްކޮށް، ހުރިހާ އެސޯސިއޭޝަންތަކާ ހިއްސާކުރެވެން ދެން އެސޯސިއޭޝަންތަކުން ރާވައި، ހިންގާ ކުޅިވަރު މުބާރާތްތައް އިސްތިސްނާވާނެ ކަމަށް މިނިސްޓްރީގެ ސިޓީގައި ބުންޏެވެ.
މިނިސްޓްރީން ކުޅިވަރު އެސޯސިއޭޝަންތަކަށް އިއްޔެ ފޮނުވި ސާކިއުލާއެއްގައި ބުނީ ކުޅިވަރު ކުޅޭ ހުރިހާ ތަނެއްގައި، ނަމާދަށް ގޮވުމާ އެކު 20 މިނިޓް ވަންދެން ހުރިހާ ކުޅިވަރު ހަރަކާތެއް މެދުކަނޑާލައި، އެކަން ތަންފީޒުކުރަމުން ގެންދިއުމަކީ ސަރުކާރުގެ ސިޔާސަތެއްގެ ގޮތުގައި ކަނޑައަޅާފައިވާ ކަމަށެވެ.
ތަފުސީލް ދެއްވަމުން ސްޕޯޓްސް މިނިސްޓްރީގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ، އުސޫލެއް ހަދަނީ އުސޫލެއް ހަދަނީ ބައިނަލްއަގްވާމީ މުބާރާތްތައް ވެސް ރާއްޖޭގައި ބާއްވާތީއާ އެކު، އެ ކަންކަމަށް ވެސް ވިސްނައިގެން ކަމަށެވެ.
"ބައިނަލްއަގްވާމީ މުބާރާތްތަކުގައި ގެންގުޅޭ ގަވާއިދުތަކަށް ވެސް ފިޓް ކުރަން ޖެހޭނެތީއާ އެކު އުސޫލެއް މި ހަދަނީ. އަނެއްކޮޅުން މުބާރާތް ބާއްވާ ތަންތަނުގައި ނަމާދު ކުރެވޭނެ އިންތިޒާމެއް ހަމަޖައްސަން ވެސް ވިސްނަމުން އެބަދޭ،" އޮފިޝަލް ވިދާޅުވި އެވެ.
ކުޅިވަރު މައިދާންތަކުގައި ނަމާދު ވަގުތަށް ކުޅިވަރު މެދުކަނޑާލަންޖެހޭ ގޮތަށް ބަދަލު ގެނެސް، އެ ތަންތަނުގައި ނަމާދުކުރެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނަ ކަަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މި މަހުގެ ފުރަތަމަ ދުވަހު އެވެ.
ރައީސް ވިދާޅުވެފައި ވަނީ ކުޅިވަރު މައިދާނުގައި އުޅޭއިރު ނަމާދު ގަޑި ނިމޭ ވަގުތު ވެސް ކުޅެން ތިބުމަކީ ދިވެހިންގެ ޒަމާންވީ އާދައަކަށް ވެފައިވާ ކަމަށެވެ. އެހެންވެ، ރާއްޖެއަކީ ސަތޭކަ ޕަސެންޓު މުސްލިމު ގައުމަކަށް ވާއިރު މުޖުތަމައުގައި އަމަލީ ގޮތުން ކަންކަން ތަންފީޒު ކުރެވެން ވާނީ އެ ހަގީގަތުގެ މައްޗަށް ކަމަށް ބިނާކޮށް ކަމަށް ރައީސް ވިދާޅުވި އެވެ.
ސްޕޯޓްސް ކޮމްޕްލެކްސްތަކާއި ސަރުކާރުން އަޅާ ކުޅިވަރާ ގުޅޭ އިމާރާތްތަކުގައި ނަމާދު ކުރެވޭނެ ތަންތަން ހެދުމަށް ނިންމައި މިހާރު އޮތީ ތަންފީޒީ މަރުހަލާގައި ކަމަށާއި، މިހާރު ވެސް ކޮންމެ ދުވަހަކު ގިނަ ބަޔަކު ކުޅިވަރު ކުޅުމަށް ގޮސް އުޅޭ މާފަންނު ސްޓޭޑިއަމާއި ކުޅިވަރު އެކުވެނީގައި ނަމާދު ކުރުމަށް ތަނެއް ނުހުންނަ ކަމަށް ރައީސް ވިދާޅުވި އެވެ.