ވޯލްޑް ކަޕުގައި އެންމެ ގިނަ ލަނޑު ޖަހައިގެން ޖަރުމަނުގެ މިރޮސްލާވް ކްލޯސޭ ހަދާފައިވާ ރެކޯޑާ ހަމަހަމަ ކުރެވުމަކީ ޝަރަފެއް ކަމަށާއި، އެކަމަކު އެއީ މާބޮޑު ކަމަކަށް ނަހަދާ ކަމަށް އާޖެންޓީނާގެ ފޯވާޑް ލިއޮނަލް މެސީ ބުނެފި އެވެ.

މެސީ ރެކޯޑާ ހަމަހަމަކުރީ މުބާރާތުގައި ރާއްޖެ ގަޑިން މިއަދު ހެނދުނު އަލްޖީރިއާ އަތުން 3-0 އިން ޗެމްޕިއަން އާޖެންޓީނާ މޮޅުވި މެޗުގައި ހެދި ހެޓްރިކާ އެކު އެވެ.

މެޗަށް ފަހު މެސީ ބުނީ އޭނާ އެންމެ އުފާވީ އަބަދުވެސް އެކުގައި ތިބޭ ޓީމު ކުޅުންތެރިންނާއި އާއިލާއާ އެކު މިފަދަ ކާމިޔާބެއް ހިއްސާކުރަން ލިބުމުން ކަމަށެވެ. ހަމައެއާ އެކު ކްލޯސޭ ފަދަ ކުޅުންތެރިޔަކާ އެއް ހަމަޔަކަށް ދެވުމަކީ ވެސް ޝަރަފެއް ކަމަށް މެސީ ބުންޏެވެ.

"ލިސްޓުގައި (ބްރެޒިލް) ރޮނާލްޑޯ ވެސް އެބައޮތް. އެމްބާޕޭ ވެސް އެ އަންނަނީ ހަމަކުރަން. އެކަމަކު މިއީ ހަމައެކަނި ނަމްބަރުތަކެއް، ތަފާސްހިސާބެއް. އެއަށް ވުރެ ބޮޑު ކަމެއް ނޫން،" މެސީ ބުންޏެވެ.

އާޖެންޓީނާ އިން މި ފަހަރު ނުކުތީ 1962 ގައި ބްރެޒިލުން ތަށި ދިފާއުކުރި ފަހުން އެ ޝަރަފް ހޯދާ ފުރަތަމަ ޓީމަށް ވުމަށެވެ. ޓީމާ ބެހޭގޮތުން މެސީ ބުނީ އާޖެންޓީނާ އަކީ އެކުވެރި، ވަރުގަދަ ގްރޫޕެއް ކަމަށެވެ.

"މޮޅަކާ އެކު މުބާރާތް ފެށުމަކީ މުހިއްމު ކަމެއް. ސަޕޯޓަރުންނާ މެދު ވެސް އުފާކުރަން. އެ މީހުން ސާބިތުކޮށްދީފި މިއީ ފުޓްބޯޅަ ދެކެ ލޯބިވާ ބަޔަކު އުޅޭ ގައުމެއްކަން،" މެސީ އިތުރަށް ބުންޏެވެ.

އާޖެންޓީނާގެ ކޯޗު ލިއޮނަލް ސްކަލޯނީ ބުނީ މެސީ ސިފަކޮށްދޭން އިތުރަށް ދައްކާނެ ވާހަކައެއް ނޭގޭ ކަމަށެވެ.

"އޭނާގެ ކުޅުން ބަލާ ކޮންމެ މީހަކަށް ވެސް ހިތްވަރު ލިބޭ،" ސްކަލޯނީ ބުންޏެވެ.

ގިނަ ބަޔަކު ހީކޮށްގެން ތިބީ 2022 ގެ ވޯލްޑް ކަޕް ކާމިޔާބުވުމާ އެކު އުމުރުން 38 އަހަރުގެ ކުޅުންތެރިޔާ ރިޓަޔާކުރާނެ ކަމަށެވެ.