ވޯލްޑް ކަޕުގައި ރޭ ޑީއާރް ކޮންގޯއާ 1-1 އިން ޕޯޗުގަލް އެއްވަރުވި މެޗުގައި އެ ޓީމުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ދެއްކި ކުޅުމަށް ފްރާންސްގެ ކުރީގެ ފޯވާޑް ތިއެރީ އޮންރީ ފާޑުކިޔައިފި އެވެ.

ވަރުގަދަ ސްކޮޑަކާ އެކު މުބާރާތާ ކުރިމަތިލި ޕޯޗުގަލް މޮޅަކުން ފަށާނެ ކަމަށް ބެލެވުނު ނަމަވެސް ކޮންގޯގެ ވަރުގަދަ ޑިފެންސިވް ފާރު ފޫއަޅުވާލުމުގައި އެ ޓީމަށް ކާމިޔާބެއް ނުހޯދުނެވެ.

ފޮކްސް ސްޕޯޓްސްގެ މެޗު އެނަލިސްޓަކަށް މިވަގުތު މަސައްކަތްކުރާ އޮންރީ ބުނި ގޮތުގައި ޕޯޗުގަލަށް ލަނޑު ޖަހަން ހުރަހަކަށްވި އެއް ސަބަބަކީ އެ ޓީމުގެ ފޯވާޑް ރޮނާލްޑޯގެ ކުޅުން ކަމަށެވެ.

"ޓީމުން ގޯލެއް ޖެހުން މުހިއްމީ، ތިމަންނަ އަމިއްލަ އަށް ގޯލެއް ޖެހުމެއް ނޫން،" ފްރާންސާ އެކު 1998 ގެ ވޯލްޑް ކަޕް ކާމިޔާބުކުރި އޮންރީ ބުންޏެވެ.

އޭނާ ފާހަގަކުރި ގޮތުގައި ދެ ވަނަ ހާފުގައި ޔޮއާ ކެންސެލޯ އާއި ބްރޫނޯ ފެނާންޑޭޒްގެ އެޓޭކެއް ކާމިޔާބުނުވުމުގެ ސަބަބަކީ ރޮނާލްޑޯގެ ހަރަކާތް ކަމަށެވެ. އެގޮތުން ރޮނާލްޑޯ އަމިއްލަ އަށް ގޯލެއް ޖަހަން ކުރާ މަސައްކަތުގެ ސަބަބުން މުޅި ޓީމުގެ އެޓޭކަށް ހުރަސް އެޅި، ކޮންގޯ އަށް ފަސޭހައިން ދިފާއުކުރަން ފުރުސަތު ލިބޭ ކަމަށް އޭނާ ބުންޏެވެ.

"ރޮނާލްޑޯ ޖެހޭނީ ކުޑަ އޭރިއާ ތެރެއިން އެޓޭކްކުރަން. އޭރަށް ޑިފެންޑަރުން އޭނާ ފަހަތުން އަޅުވާލުމުން ޑިފެންސުން އެހެން ކުޅުންތެރިންނަށް ހުސް ޖާގަތަކެއް ލިބޭނެ،" އޮންރީ ބުންޏެވެ.

"އެކަމަކު (ކެންސެލޯގެ ހުރަހުން) ގޯލު ޖަހަން ރޮނާލްޑޯ މަސައްކަތްކުރުމުން ފެނާންޑޭޒް އަށް ބޯޅަ އަށް ލިބެން އޮތް މަގު ބަންދުވެ، އިދިކޮޅު ޑިފެންޑަރުންނަށް ބޯޅަ އަތުލައިގަންނަން ފަސޭހަވީ."

އުމުރުން 41 އަހަރުގެ ފޯވާޑަށް ރޭގެ މެޗުގައި ގޯލަށް އަމާޒުކޮށް އެންމެ ބޯޅައެއް ވެސް ފޮނުވާނުލެވުނެވެ. މުޅި ޖުމްލަ ހެދުނީ ދެ ޝޮޓެވެ. ރޮނާލްޑޯ އަކީ ފުޓްބޯޅަ ތާރީހު ދުށް އެންމެ މޮޅު އެއް ފޯވާޑް ނަމަވެސް، އުމުރުގެ ސަބަބުން ސްޕީޑް ދަށްވެ، އޭގެ އަސަރު ޕޯޗުގަލްގެ ޒުވާން، ހަލުވި އެޓޭކަށް ކުރާ ކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ.