މިއީ ފުޓްބޯޅަ ދަނޑުމަތީގައި އެންމެން ދަންނަ ބޮޑު ސިއްރެކެވެ. އިދިކޮޅު ކުޅުންތެރިއަކާ ދިމާއަށް ބުނަން ނުވާ ވަރުގެ އެއްޗެއް ބުނަން ބޭނުން ނަމަ، އަތުން ނުވަތަ ޖާޒީން އަނގަ ނުފެންނަ ގޮތް ހަދާފައި އެ ބުނާ އެއްޗެއް ބުނާނީ އެވެ. ނަމަވެސް މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕްގައި މިހެން މަކަރު ހަދާފައި ސަލާމަތް ނުވެވޭނެކަން މިއަދު ޕެރަގުއޭ އާއި ތުރުކީގެ މެޗުގައި އެ ފެނުނީ އެވެ.

ގްރޫޕް ޑީ ގެ ފޯރިގަދަ މެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި، ޕެރަގުއޭގެ މިގޭލް އަލްމިރޯން އާއި ތުރުކީގެ ރައިޓް-ބެކް މާޓް މުލްދުރްއާ ދެމެދު ހިނގި ހޫނު ކުރިމަތިލުމެއްގެ ތެރެއިން އަލްމިރޯން އަނގަމަތީގައި އަތް އެޅި އެވެ. ތުރުކީ ކުޅުންތެރިން އެކަން ސަމާލުކަމަށް ގެނައުމާ އެކު ދެން ފެނުނީ ރަތް ކާޑެވެ. 

ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން މަންޒަރު ރިވިއު ކުރުމަށް ފަހު، ރެފްރީ އިވާން ބާޓަން ވަނީ އަލްމިރޯން އަށް ސީދާ ރަތް ކާޑެއް ދައްކައި، ދަނޑުން ފޮނުވާލީ އެވެ. މިއާއެކު، ނިއުކާސަލް ޔުނައިޓެޑްގެ ތަރި އަލްމިރޯން ވެގެން ދިޔައީ، ފުޓްބޯޅައިގެ އާ "އެންޓި-ކޮންސީލްމަންޓް" ނުވަތަ އަނގަ ނިވާކުރުން މަނާކުރާ ގަވާއިދުގެ ދަށުން ވޯލްޑް ކަޕްގައި ރަތް ކާޑުގެ އަދަބު ލިބުނު ފުރަތަމަ ކުޅުންތެރިޔާ އަށެވެ.

އިންޓަނޭޝަނަލް ފުޓްބޯލް އެސޯސިއޭޝަން ބޯޑުން މި ގަވާއިދު ފާސްކުރީ، ދަނޑުމަތީގައި ހިނގާ ނަސްލީ ދިމާކުރުންތަކާއި ބޭއަދަބީ ބަހުރުވަ ހުއްޓުވުމަށެވެ. ކުރިން ނަމަ، ކުޅުންތެރިން އަނގަ ފޮރުވައިގެން ހުރެ ހުތުރު އެއްޗެހި ކިއުމުން، ރެފްރީއަށް ސީދާ އަޑު ނީވޭ ނަމަ އަދަބެއް ނުދެވެ އެވެ. ޓީވީ ރިޕްލޭތަކުން "ލިޕް-ރީޑް" ކުރާ މާހިރުންގެ ހެކިބަސް ވެސް ސްޕޯޓްސް ކޯޓުތަކުގައި ސާބިތެއް ނުވެ އެވެ.

ނަމަވެސް، މިދިޔަ ފެބްރުއަރީ މަހު ޗެމްޕިއަންސް ލީގުގައި ބެންފީކާގެ ޕްރެސްޓިއާނީ، ރެއާލް މެޑްރިޑްގެ ވިނީޝިއަސް ޖޫނިއާއާ ދިމާއަށް، އަނގަ ފޮރުވައިގެން ހުރެ އެއްޗެހި ކިއުމުން ހިނގި ހާދިސާއަށް ފަހު ފީފާއިން މުޅި ގޭމް ބަދަލުކޮށްލި އެވެ.

ފީފާގެ ނިންމުމަކީ މިއީ އެވެ؛ ކުށްވެރިވަނީ ބުނި އެއްޗަކުންނެއް ނޫނެވެ. އަނގަ ފޮރުވުމުގެ އަމަލެވެ. 

"ޒުވާބެއްގެ ތެރޭގައި ކެމެރާތަކަށް އަނގަ ފޮރުވަން ޖެހޭ ނަމަ، އޭގެ މާނައަކީ ތިމާ އެ ބުނަނީ ގޯސް އެއްޗެކޭ. އެއީ ކުށުގެ އަމަލެއް،" ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ މި ގަވައިދާ ބެހޭ ގޮތުން ވިދާޅުވެފައިވެ އެވެ. 

މި ގަވާއިދު މިހާ އިފެކްޓިވް ވަނީ ވީއޭއާރް ބްރޯޑްކާސްޓް ޓެކްނޮލޮޖީއާ ވެސް އެކުގަ އެވެ. ވީއޭއާރް އިން އަހަނީ އަޑެއް ނޫނެވެ. ބަލާނީ ހަމައެކަނި މަންޒަރަށެވެ.

  •  ކެމެރާ ރިވިއު: ވީއޭއާރް ރޫމުން ބަލާނީ ކުޅުންތެރިޔާގެ އަތް ނުވަތަ ޖާޒީ ބޭނުންކޮށްގެން އަނގަ ނިވާކުރިތޯ އެކަންޏެވެ.
  • ކުރިމަތިލުމެއް ހިނގާ ވަގުތު: މި ގަވާއިދު ހިނގާނީ ހަމައެކަނި 'ކޮންފްރޮންޓޭޝަން' ނުވަތަ ޒުވާބުތަކާއި ކުރިމަތިލުމުގެ ހާލަތުގަ އެވެ. ޓީމުގެ ކުޅުންތެރިން ސިއްރުން ޓެކްޓިކްސް ރާވަން އަނގަ ފޮރުވުމަކީ މައްސަލައެއް ނޫނެވެ.
  • ވަގުތުން ނިންމުން: އިދިކޮޅު ކުޅުންތެރިއަކާ ދިމާއަށް އެއްޗެއް ބުނާއިރު އަނގަ ފޮރުވައިފިނަމަ، ވީއޭއާރުން ސިކުންތުކޮޅެއްގެ ތެރޭގައި ރެފްރީއަށް އެކަން އަންގާނެ އެވެ.

ފުޓްބޯޅައަށް ލިބުނު ކުރިއެރުމެއްތަ؟ ނުވަތަ މާ ހަރުކަށި ގަވާއިދެއްތަ؟

މެޗުގެ ބާކީބައި 10 ކުޅުންތެރިންނާ އެކު ކުޅެ، ޕެރަގުއޭ އިން 1-0 އިން ތުރުކީ ބަލިކޮށް މުބާރާތުން ކަޓުވާލި ނަމަވެސް، ޕެރަގުއޭއަށް ކުރިމަތިވި "ޓެކްޓިކަލް" ގެއްލުން ބޮޑެވެ. އޮސްޓްރޭލިއާއާ ދެކޮޅަށް ކުޅޭ ފައިނަލް ގްރޫޕް މެޗަށް މި ރަތްކާޑުގެ ސަބަބުން އަލްމިރޯން ސަސްޕެންޑްވީ އެވެ. އަދި ފީފާއިން މި ސަސްޕެންޝަން އިތުރުކުރުން ވެސް ގާތެވެ. މި ހާދިސާއާ އެކު ފުޓްބޯޅަ ކޮމެންޓޭޓަރުންނާއި ފޭނުންގެ މެދުގައި ބަހުސް އުފެދިފައިވެ އެވެ

މިއީ ދަނޑުމަތީގައި ހިނގާ ނަސްލީ ދިމާކުރުންތައް ނައްތާލަން އޮތް ހަމައެކަނި ގޮތް ކަމަށާއި، ކުޅުންތެރިން ކުރާ ކަންކަމަށް ޒިންމާވާންޖެހޭނެ ކަމަށް މިކަމަށް ތާއީދުކުރާ މީހުން ބުނެ އެވެ. އެކަމަކު، ފާޑުކިޔާ މީހުން ބުނަނީ ހަމައެކަނި އަތް ހިއްލާލުމުން ސީދާ ރަތް ކާޑެއް ދެއްކުމަކީ މާ ހަރުކަށި އަދަބެއް ކަމަށާއި، މިކަމުގެ ސަބަބުން ފުޓްބޯޅައިގެ ފޯރި ގެއްލޭ ކަމަށެވެ.

އެކަމަކު ފީފާގެ މެސެޖު ސާފެވެ. މި ޒަމާނުގެ ހައި-ޓެކް ކެމެރާތަކުގެ ކުރިމަތީގައި، ދަނޑުމަތީގައި ބުނާ ކޮންމެ ބަހެއް އޮންނަންވާނީ ހާމައަށެވެ. ފޮރުވިގެން ހުރެ ވާހަކަދައްކަން އުޅެފި ނަމަ، ދާން ޖެހޭނީ ބެންޗަކަށް ވެސް ނޫނެވެ. ސީދާ ޑްރެސިންގް ރޫމަށެވެ!