ބިސް ބުރު ސްޕޯޓްސް ކްލަބާއި ޓީސީ ސްޕޯޓްސް ކްލަބްގެ އިތުރުން ހއ. ދިއްދޫ އަންނަ ސީޒަންގެ ދިވެހި ޕްރިމިއާ ލީގުގެ ޖާގައެއް އިއްޔެ ޔަގީން ކޮށްފި އެވެ.

ތިން ޓީމަށް ވެސް އަންނަ ސީޒަންގެ ޕްރިމިއާ ލީގުގެ ޖާގައެއް ޔަގީން ވީ، އިއްޔެ ހަވީރު ކްލަބް ގްރީން ސްޓްރީޓްސް އާއި ދިއްދޫ ބައްދަލުކުރި މެޗު 2-2 އިން އެއްވަރު ވުމުންނެވެ.

ފުރަތަމަ ހާފުގައި ދިއްދޫގެ ސެއިންޓް ޑަންޖޫމާ ލީޑު ނަގައިދިން އިރު ގްރީންގެ އެލް ސައީދު އަބްދުލްފައްތާހު ވަނީ ނަތީޖާ އެއްވަރު ކޮށްދީފަ އެވެ. ނަމަވެސް ހާފު ނިމުމުގެ ކުރިން ހުސެއިން ރަޝީދު ވަނީ ދިއްދު އަށް އަލުން ލީޑު ނަގައިދީފަ އެވެ. ދެވަނަ ހާފުގައި މެޗުގެ އިތުރު ވަގުތުގައި ގްރީން އަށް އެއްވަރު ކޮށްދިނީ އޮބެއިދާ ކަދިމް އަހުމަދެވެ.

ގްރީން އާއި ދިއްދޫ ބައްދަލުކުރި މެޗަށް ފަހު ދިއްދޫގެ ސަޕޯޓަރުން ޓީމަށް މަރުހަބާ ކިޔަނީ.-- ފޮޓޯ: އެފްއޭއެމް
ގްރީން އާއި ދިއްދޫ ބައްދަލުކުރި މެޗަށް ފަހު ދިއްދޫގެ ސަޕޯޓަރުން ޓީމަށް މަރުހަބާ ކިޔަނީ.-- ފޮޓޯ: އެފްއޭއެމް

ދިވެހި ޕްރިމިއާ ލީގު ޕްލޭއޮފްގައި ރޭ، ބިސް ބުރު ސްޕޯޓްސް ކްލަބް ވަނީ 6-3 އިން ކ. ހުރާ ބަލި ކޮށްފަ އެވެ. ބިސް ބުރުގެ މަހުމޫދު އަޝްރަފް ހެޓްރިކެއް ހަދާފައި ވާއިރު، މުހައްމަދު ނަޝީދާއި އާމިރު ޝުއެއިބް ވެސް ގޯލެއް ޖެހި އެވެ. އެ ޓީމުގެ ތިންވަނަ ލަނޑު ވަދެފައި ވަނީ ހުރާ ކުޅުންތެރިއެއް އަތުން ބައިކޮޅަށެވެ.

ހުރާގެ ލަނޑުތައް ޖަހައިދިނީ މުހައްމަދު މާއިޝް މައުސޫމް އާއި އޮލުމިޑޭ ފްރާންސިސް އަދި ސާދު އަބްދުލްއަޒީޒް އެވެ.

މި ނަތީޖާތަކާ އެކު، ހަ ޓީމު ވާދަކުރާ ޕްލޭއޮފްގެ އެއްވަނައިގައި ބިސް ބުރު އޮތީ ހަތަރު މެޗުން 10 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައިގައި އޮތީ ތިން މެޗުން ހަތް ޕޮއިންޓް ހޯދާފައިވާ ޓީސީ ސްޕޯޓްސް ކްލަބެވެ. ދިއްދޫ ވަނީ ހަތަރު މެޗު ކުޅެގެން ހަތް ޕޮއިންޓް ހަމަ ކޮށްފަ އެވެ.

ބިސް ބުރާއި ހުރާ ބައްދަލުކުރި މެޗުގެ ތެރެއިން.-- ފޮޓޯ: އެފްއޭއެމް
ބިސް ބުރާއި ހުރާ ބައްދަލުކުރި މެޗުގެ ތެރެއިން.-- ފޮޓޯ: އެފްއޭއެމް

ހަތަރު ވަނައިގައި އޮތީ ތިން މެޗު ކުޅެގެން ތިން ޕޮއިންޓް ހޯދާފައިވާ ގދ. ގައްދޫ އެވެ. ހަތަރު މެޗުން ދެ ޕޮއިންޓް ހޯދައިގެން ގްރީން އޮތީ ފަސްވަނައިގަ އެވެ. އަދި ހުރައަށް ލިބިފައި ވަނީ ހަތަރު މެޗުން އެއް ޕޮއިންޓެވެ.

ޕްލޭއޮފްގެ ގަދަ ހަތަރު ޓީމު 2026/2027 ސީޒަނުގެ ޕްރިމިއާ ލީގަށް ކޮލިފައި ވާނެ އެވެ.

ގްރީން އަކީ 2016 ވަނަ އަހަރުގެ ދެވަނަ ޑިވިޝަންގެ ޗެމްޕިއަންކަން ހޯދައިގެން އެއްވަނަ ޑިވިޝަން ކުޅެން ފެށި ކްލަބެކެވެ. އަދި 2017 ވަނަ އަހަރުން ފެށިގެން ގްރީން އަންނަނީ މެދުނުކެނޑި ދިވެހި ޕްރިމިއާ ލީގުގައި ކުޅެމުންނެވެ. ޓީސީ ޕްރިމިއާ ލީގަށް ޕްރޮމޯޓް ވީ 2014 ވަނަ އަހަރުގެ ދެވަނަ ޑިވިޝަންގެ ޗެމްޕިއަންކަން ހޯދައި، ޕްލޭއޮފްގެ ގަދަ ދެ ޓީމުގެ ތެރޭގައި ހިމެނިގެންނެވެ.

ގްރީން އާއި ދިއްދޫ ބައްދަލުކުރި މެޗުގެ ތެރެއިން.-- ފޮޓޯ: އެފްއޭއެމް
ގްރީން އާއި ދިއްދޫ ބައްދަލުކުރި މެޗުގެ ތެރެއިން.-- ފޮޓޯ: އެފްއޭއެމް

ގްރީން އަދި 2018 ވަނަ އަހަރުގެ ލީގު ޗެމްޕިއަން ޓީސީ ޕްލޭއޮފްގައި ކުޅެން ޖެހިފައި ވަނީ ދިވެހި ޕްރިމިއާ ލީގުގެ ހަތްވަނަ އަދި އަށްވަނައިގައި ނިންމުމުންނެވެ. ބިސް ބުރު ވަނީ މާލޭ ރީޖަން ލީގު ދެވަނަ ޑިވިޝަންގެ ޗެމްޕިއަންކަން ހޯދައިފަ އެވެ. ނޯތު ރީޖަން ލީގުގެ ޗެމްޕިއަންކަން ދިއްދޫ ހޯދިއިރު، ގައްދޫ ވަނީ ސައުތު ރީޖަން ލީގުގެ ޗެމްޕިއަންކަން ހޯދައިފަ އެވެ. ސެންޓްރަލް ރީޖަން ލީގު ކާމިޔާބު ކުރީ ހުރާ އެވެ.

ޕްލޭއޮފުން ތިން ޓީމު 2026/2027 ސީޒަނުގެ ޕްރިމިއާ ލީގަށް ކޮލިފައި ވެފައި ވާއިރު، ފަހު ޖާގައަށް ވާދަ ކުރަނީ ގްރީން އާއި ގައްދޫ އެވެ.

ކޮލިފައިންގައި ބާކީ ހުރި މެޗުތައް:

* 21 ޖޫން (16:00) - ގައްދޫ / ޓީސީ

* 24 ޖޫން (16:00) - ހުރާ / ޓީސީ

* 24 ޖޫން (21:00) - ގްރީން / ގައްދޫ

* 25 ޖޫން (16:00) - ދިއްދޫ / ބިސް ބުރު