ވިދިވިދިގެން ހަ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ގޯލު ޖެހި ހަމައެކަނި ކުޅުންތެރިޔާގެ ޝަރަފް، ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ހޯދައިފި އެވެ.

އުމުރުން 41 އަހަރުގެ ރޮނާލްޑޯ މި ޝަރަފް ހޯދީ މިރޭ އުޒްބަކިސްތާނާ ދެކޮޅަށް ކުޅުނު ގުރޫޕް ސްޓޭޖުގެ މެޗުގެ ހަ ވަނަ މިނިޓުގައި އެ ޓީމަށް ލީޑު ނަގައިދީގެންނެވެ.

ރޮނާލްޑޯގެ މި ކާމިޔާބީ ގިނީސް ބުކް އޮފް ވޯލްޑް ރެކޯޑުން ވެސް ވަނީ ފާހަގަ ކޮށްފަ އެވެ.

މި މެޗުން ޕޯޗުގަލް މޮޅުވީ 5-0 އިންނެވެ. ރޮނާލްޑޯ ވަނީ މި މެޗުގައި ދެ ގޯލު ޖަހައިފަ އެވެ. އަދި މިއާ އެކު އޭނާ ވަނީ ފީފާ ވޯލްޑް ކަޕްގައި މިހާތަނަށް ކުޅުނު ޖުމްލަ 24 މެޗުން 10 ގޯލު ހަމަ ކޮށްފަ އެވެ.

މީގެ އިތުރުން ރޮނާލްޑޯ އަކީ މިހާރު ފީފާ ވޯލްޑް ކަޕްގައި ޕޯޗުގަލް އަށް އެންމެ ގިނަ ގޯލު ޖަހައިދީފައިވާ ކުޅުންތެރިޔާ ވެސް މެއެވެ. މީގެ ކުރިން މި ރެކޯޑް އޮންނަނީ 1950 ގައި ނުވަ ގޯލު ޖެހި ޔޫސޭބިއޯ އަތުގަ އެވެ.

ސައުދީ އަރަބިއްޔާގެ އައް ނަސްރަށް ކުޅެމުން އަންނަ ރޮނާލްޑޯ ވަނީ މިހާތަނަށް ޕޯޗުގަލް ގައުމީ ޓީމަށް ކުޅެދިން 230 މެޗުން 145 ގޯލު ޖަހައިފަ އެވެ.

ރޮނާލްޑޯ މިހާތަނަށް ވޯލްޑް ކަޕްގައި ލަނޑު ޖެހުމުގެ ރެކޯޑް:

  1. 2006: 1 ގޯލު
  2. 2010: 1 ގޯލު
  3. 2014: 1 ގޯލު
  4. 2018: 4 ގޯލު
  5. 2022: 1 ގޯލު
  6. 2026: 2 ގޯލު