ޔޫރަޕިއަން ޔޫނިއަންގެ ޕާލިމަންޓްގެ 50 މެންބަރަކު އިސްވެ، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯއާ ދެކޮޅަށް ހުށަހަޅާފައިވާ ޑިސިޕްލިނަރީ މައްސަލަ ބެލުމަށް އެދި ފީފާއަށް ސިޓީއެއް ފޮނުވައިފި އެވެ.
މި މައްސަލައަކީ ޑިސެމްބަރު މަހު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް "ފީފާ ޕީސް ޕްރައިޒް" ގެ ނަމުގައި އެވޯޑެއް އެރުވުމަށް އިންފަންޓީނޯ ނިންމެވި ނިންމެވުމާ ގުޅިގެން ހުށަހެޅި މައްސަލައެކެވެ.
ފީފާގެ އެތިކްސް ކޮމިޓީއަށް މިދިޔަ ޑިސެމްބަރު މަހު ހުށަހެޅި މި ޝަކުވާގައި ބުނެފައިވަނީ، އިންފަންޓީނޯ ވަނީ ސިޔާސީގޮތުން ވަކިފަރާތަކަށް ނުޖެހުމަށް ފީފާއިން ހިފަހައްޓާ އުސޫލުތަކާ ތަކުރާރުކޮށް ޚިލާފުވެފަ އެވެ. މި މައްސަލަ ފުރަތަމަ ހުށަހެޅީ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާއެއް ކަމަށްވާ "ފެއާ ސްކުއާ" އިންނެވެ.
މި މައްސަލައަށް ނޯވޭގެ ފުޓްބޯޅަ އެސޯސިއޭޝަނުންވެސް ވަނީ ތާއީދުކޮށްފަ އެވެ. އެ އެސޯސިއޭޝަންގެ ރައީސް ލީސާ ކްލެވެނަސް ވިދާޅުވި ގޮތުގައި، ފީފާ ކައުންސިލްގެ އެއްވެސް މަޝްވަރާއެއް ނެތި އިންފަންޓީނޯ އަމިއްލައަށް މިފަދަ އެވޯޑެއް ދޭން ނިންމެވުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫނެވެ.
ޔޫރަޕްގެ ޕާލިމަންޓް މެންބަރުން ފޮނުއްވި ސިޓީގައި ބުނެފައިވަނީ، ފީފާއިން ހަމަހަމަކަމާއި އިންސާނީ ކަރާމާތަށް އިހުތިރާމްކުރާކަން ހާމަކުރުމުގެ ގޮތުން މި މައްސަލަ އަވަހަށް ބަލަންޖެހޭނެ ކަމަށެވެ.
މި ސިޓީގައި އަޔަލޭންޑް، ޖަރުމަނު، ފްރާންސް އަދި ނެދަލޭންޑްސް ފަދަ ގައުމުތަކުގެ މެންބަރުން ވަނީ ސޮއިކުރައްވާފަ އެވެ.