ފީފާ ފޯވާޑް އެންޓަޕްރައިޒް، ޕްލޭން އަނބުރައި ގެންދަން އެ އިދާރާގެ ރައީސް ޖިއާނީ އިންފަންޓީނޯ ނިންމުމުން، އެކަމަށް މަރްހަބާ ކިޔައި އޭނާ އަށް އިތުބާރު އޮތްކަންކަން، ލަންކާގެ ފުޓްބޯޅަ އިދާރާއިން އިއުލާންކޮށްފި އެވެ.
ވޯލްޑް ކަޕާއި ފީފާގެ އެހެނިހެން މުބާރާތްތަކުގެ ވިޔަފާރީގެ ޕްރޮޖެކްޓްގެ ބައިން އަމިއްލަ އިންވެސްޓަރުންނަށް ހިއްސާ ވިންކަން ފީފާއިން އިއުލާން ކުރި ޕްލޭނަށް، ބައްރުތަކުގެ ފުޓްބޯޅަ ކޮންފެޑެރޭޝަންތަކުން ދެކޮޅެވެ.
އެހެންވެ، އެ ޕްލޭން އަނބުރައި ގެންދަން ނިންމިކަން ފީފާއިން މިދިޔަ ހޮނިހިރު ދުވަހު އިއުލާން ކުރި އެވެ.
ޕްލޭން އަނބުރައި ގެންދިއުމުން، އޭޝިއާގެ ބައެއް ގައުމުތަކުން އެ ނިންމުމަށް މަރްހަބާ ކިޔައި، ބަޔާން ނެރުނެވެ. އަދި އިންފަންޓީނޯ އަށް ތާއީދުކުރާކަން ހާމަ ކުރި އެވެ. އޭގެ ތެރޭގައި ހިމެނީ ގަތަރާއި، ލުބުނާނާއި ކުވައިތު އަދި އަވަށްޓެރި ލަންކާ އެވެ.
ފުޓްބޯލް ޝްރީ ލަންކާ (އެފްއެސްއެލް) ރައީސް ޖަސްވާރު އުމަރު، ސޮއި ކުރައްވައި ނެރުނު ބަޔާނުގައި ބުނެފައި އެ ޕްލޭން އަނބުރައި ގެންދިއުމުން އިންފަންޓީނޯއަކީ ފީފާ މެންބަރު ގައުމުތަކުގެ އަޑުއަހާ "ލީޑަރެއްކަން" ހާމަވާ ކަމަށެވެ.
"ރައީސް އިންފަންޓީނޯގެ ލީޑަޝިޕްގެ އެންމެ ހާއްސަ އެއް ސިފައަކީ އަބަދުވެސް މެންބަރު އެސޯސިއޭޝަންތަކުގެ ހިޔާލުތަކާއި ކަންބޮޑުވުންތަކަށް ސަމާލުކަން ދެއްވުމެވެ. މި ނިންމެމަކީ މަޝްވަރާ އާއި ގައުމުތަކުގެ ހިޔާލަށް އިހްތިރާމުކޮށް މުޅި ދުނިޔޭގެ ފުޓްބޯޅަ އާއިލާއަށް ހިދުމަތްކުރުމަށް އޭނާ ގެންގުޅުއްވާ ލީޑަޝިޕްގެ ސާފު ހެއްކެކެވެ.،" ލަންކާގެ ބަޔަނުގައި ލިޔެފައިވެ އެވެ.
އިންފަންޓީނޯ އަށް ލަންކާ އެފްއޭގެ އިތުބާރާއި ތާއީދު އޮތްކަން ބަޔާން ނިންމާލަމުން އިއުލާންކޮށްފައިވެ އެވެ.
"އޭޝިއާގެ ގިނަ އެހެން ގައުމުތަކެކޭ އެއްފަދައިން އަހަރެމެން (އެފްއެސްއެލް) ގެ ތާއީދު ރައީސް ޖިއާނީ އިންފަންޓީނޯ އަށް އޮތްކަން ހާމަކުރަން. މި ހިތްގައިމު ކުޅިވަރު މެދުވެރިކޮށް ގުޅުންތައް ގުޅުވައި ވަރުގަދަކޮށް މުޅި ދުނިޔޭގެ ފުޓްބޯޅަ އާއިލާގެ މެދުގައި އެއްބައިވަންތަކަން އާލާކުރުމަށް އޭނާ ގެންގުޅުއްވާ ތަސައްވުރަށް އަހަރެމެން ކުރާ ތާއީދު އަލުން އާ ކުރަން،" ބަޔާނުގައިވެ އެވެ.
އިންފަންޓީނޯ އަށް ތާއީދުކުރާކަން، ލަންކާ އާއި އޭޝިއާގެ ބައެއް ގައުމުތަކުން މި އިއުލާން ކުރީ، އޭނާގެ އިތުބާރު ގެއްލިފައިވާކަމަށް ޔޫރަޕްގެ ފުޓްބޯޅަ އިދާރާ، ޔޫއެފާއިން އިއުލާންކޮށްފައި ވަނިކޮށެވެ.