ގޯސްތަކެއް ހެދިފައިވާ ކަމަށް އިއުތިރާފުވެ، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ދުނިޔޭގެ ފުޓްބޯޅަ ކޮމިޔުނިޓީގެ ކިބައިން މއާފަށް އެދިއްޖެ އެވެ.

ވޯލްޑް ކަޕާއި ފީފާގެ އެހެނިހެން މުބާރާތްތަކުގެ ވިޔާފާރީގެ ޕްރޮޖެކްޓްގެ ބައިން އަމިއްލަ އިންވެސްޓަރުންނަށް ހިއްސާވިއްކަން އިއުލާން ކުރި ޕްލޭނުގައި ގޯސްތަކެއް ހެދިފައިވާކަމަށް، އިންފަންޓީނޯ ބުނެފައިވަނީ އިއްޔެ މެންބަރު ގައުމުތަކަށް ފޮނުވި ސިޓީއެއްގަ އެވެ. 

އެ ޕްލޭނަށް ބައްރުތަކުގެ ކޮންފެޑެރޭޝަންތަކުން ދެކޮޅު ހެދުމުން، އިންފަންޓީނޯ ވަނީ އެ ޕްލޭން އަނބުރައި ގެންގޮސްފަ އެވެ. ނަމަވެސް އޭނާ އަށް އޮތް ޕްރެޝަރު ކުޑައެއް ނުވި އެވެ. 

ފީފާގެ އިސް ހިންގުންތެރިންނާ އެކު މޮރޮކޯގައި އިންފަންޓީނޯ ވަނީ މިހާރު ފެންމަތިވެފައިވާ މައްސަލައަށް ހާއްސަކޮށް ބައްދަލުވުމެއް ބާއްވާފަ އެވެ. ގިނަ ވަގުތުތަކަށް ދެމިގެންދިޔަ އެ ބައްދަލުވުމަށް ފަހު ރޭ އާންމުކުރި އެ ސިޓީގައި އިންފަންޓީނޯގެ އިތުރުން ފީފާގެ ޖެނަރަލް ސެކްރެޓަރީ މަޓިއަސް ގްރާފްސްޓްރޮމް ވެސް ވަނީ ސޮއި ކޮށްފަ އެވެ. 

"ފީފާ ފޯވަޑް އެންޓަޕްރައިޒަސް (އެފްއެފްއީ) ގާއިމުކުރުމަށް ހުށަހެޅި ޕްރޮޕޯސަލްގެ މަރުހަލާގައި ގޯސްތަކެއް ހެދިފައިވާކަން ފާހަގަކުރަމެވެ،" ސިޓީގައި ލިޔެފައިވެ އެވެ. 

އިންފަންޓީނޯ ބުނިގޮތުގައި އެ ހުށަހެޅުމުގެ ތަފްސީލުތައް، ދުރާލައި ފީފާގެ މެންބަރު އެސޯސިއޭޝަންތަކަށް ފޮނުވިފައި ނުވުމަކީ ގަސްދުގައި ކުރި ކަމެއް ނޫނެވެ. 

މި ޕްލޭނާ ގުޅޭގޮތުން ފީފާއިން ވަކި ކަމެއް އިއުލާން ކުރުމުގެ ކުރިން، އެފަދަ މަސައްކަތެއް އެ އިދާރާއިން ކުރަމުން ދިޔަކަމށް، އެންމެ ފުރަތަމަ ފެންމަތިކުރީ އިނގިރޭސިވިލާތުގެ ދަ ޓައިމްސް ނޫހާއި ފައިނޭންޝިއަލް ޓައިމްސް ނޫހުންނެވެ. 

"ފީފާ ކައުންސިލާއި ފީފާގެ މެމްބަރު އެސޯސިއޭޝަންތައް މި މަރުހަލާއިން ބާކީވެފައިވާ ކަމުގެ އިޙްސާސްކުރެވުމަކީ ގަސްދުގައި ކުރި ކަމެއް ނޫނެވެ. މިކަން ބަލަހައްޓަން ޖެހުނީ ތަފާތު ގޮތަކަށެވެ. ޕްރޮޕޯސަލް މީޑިއާއަށް ލީކުވުމަށްފަހު ވެސް ގޯސްތަކެއް ހެދިފައިވާކަން ފާހަގަކުރަމެވެ.،" އެ ސިޓީގައިވެ އެވެ.


"މި ގޯސްތަކަށްޓަކައި ތެދުވެރިކަމާ އެކު މައާފަށް އެދި، މިފަދަ ކަންކަން ތަކުރާރު ނުވާނެކަން ކަށަވަރުކުރަމެވެ.