ޑޮމިނިކަން ރިޕަބްލިކްގައި ބާއްވާ ޔޫތު ފުޓްބޯޅަ މުބާރާތތުގެ ހަރަކާތްތަކުގައި ބައިވެރިނުވާން، އުތުރު އެމެރިކާ އާއި ކެރީބިއަން ސަރަހައްދުގެ ފުޓްބޯޅައިގެ މައި އިދާރާ (ކޮންކާކަފް) އިން، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އަށް އަންގައިފި އެވެ.
ކޮންކަކާފް ރައީސް ވިކްޓާ މޮންޓަގްލިއާނީ، ސޮއިކޮށް އިންފަންޓީނޯ އަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ، 14 އަހަރުންދަށުގެ އެ މުބާރާތަށް އިންފަންޓީނޯ ވަޑައިގަތުމުން އެ މުބާރަތަށް ލިބޭ ސަމަލާުކަން އިންފަންޓީނޯއާ ދިމާލަށް އެބުރިގެންދާނެ ކަމަށެވެ.
އަންނަ އަހަރު ބާއްވާ ފީފާގެ އިންތިހާބުގައި ރައީސްކަމަށް ވާދަކުރައްވާނެ ކަމަށް ބެލެވޭ، މޮންޓަގްލިއާނީ ބުނެފައި ވަނީ ފީފާއިން އިއުލާން ކުރި ފީފާ ފޯވާޑް އެންޓަޕްރައިޒަސް ޕްލޭން، އަނބުރައި ގެންދިޔަޔަސް، އިންފަންޓީނޯއާ ގުޅިފައިވާ މައްސަލަތައް ފިލައިގެން ނުދާ ކަމަށެވެ. އިންފަންޓީނޯއާ މެދު ސުވާލު އުފެދޭ ކަންތަތަކެއް ހުރުމުން އޭނާ އަށް ބޮޑު ސަމާލުކަމެއް ހުއްޓިފައިވުމުން، ޒުވާން ކުޅުންތެރިންނަށް ލިބެންޖެހޭ ސަމާލުކަން ފަނޑުވެގެން ހިނގައިދާނެ ކަމަށް މޮންޓަގްލިއާނީ ބުނެފައިވާ ކަމަށް ދި އެތުލެޓިކުން ބުންޏެވެ.
އެތުލެޓިކުން ބުނީ، މިދިޔަ ހުކުރު ދުވަހު ފޮނުވި އެ ސިޓީގެ ކޮޕީއެއް އެ ނޫހަށް ލިބިފައިވާ ކަމަށެވެ.
"ތިޔަ ބޭފުޅާގެ ބަހުސްކުރެވިފައިވާ ފީފާ ފޯވާޑް އެންޓަޕްރައިޒް ހުށަހެޅުއްވުމުގެ ސަބަބުން ފީފާއަށް ކުރިމަތިވެފައިވާ ގަވަރނަންސް ބިރުވެރި ހާލަތަށް ބަލާއިރު، މީޑިއާގެ ސަމާލުކަން މިކަމަށް ހުއްޓޭނެ އެވެ. މިކަމުގެ ސަބަބުން ސީއެފްޔޫގެ ޒުވާނުންގެ މުބާރާތުގެ ޓެކްނިކަލް ފެންވަރަށް އަސަރުކުރާނެ ކަމަށް އަޅުގަނޑަށް ގަބޫލުކުރެވެ އެވެ.،" ކެނަޑާގެ ވިޔަފާރިވެރިޔާ މޮންޓަގްލިއާނީ ވިދާޅުވި އެވެ.
"އެހެންކަމުން ފުޓްބޯޅައިގެ ނަމުގައި ތިޔަ ބޭފުޅާ ބައިވެރިވެވަޑައިގަތުމާ މެދު އަލުން ވިސްނަވައިދެއްވުމަށް އަޅުގަނޑު އިހްތިރާމާ އެކު އެދެން. ސަބަބަކީ މިއީ މުހިންމު ޒުވާނުންގެ ތަރައްގީގެ ހަރަކާތެއްގެ ޓެކްނިކަލް ފެންވަރު ދަށްކޮށްލާނެ ކަމަކަށްވާތީ."
މޮންޓަގްލިއާނީގެ ސިޓީ އަށް އިންފަންޓީނޯ އަޅައެއް ނުލި އެވެ. ހުކުރު ދުވަހު ޑޮމިނިކަން ރިޕަބްލިކަށްވަޑައިގެން، އެގައުމުގެ ސިޔާސީ ފަރާތްތަކާއި، ގައުމުގެ ފުޓްބޯޅަ އެސޯސިއޭޝަނުގެ ރައީސް ހޯސޭ ޑެޝޯމްޕްސްއާ ބައްދަލުކުރެއްވި އެވެ.
އުމުރުން 56 އަހަރުގެ އިންފަންޓީނޯ، ކެރީބިއަން ފުޓްބޯޅަ ޔޫނިއަން (ސީއެފްޔޫ) ގެ ފަރާތްތަކާ އެކު ބޭއްވި ރޭގަނޑުގެ ފަރިއްކޮޅެއްގައި ވެސް ބައިވެރިވެވަޑައިގަތެވެ.
ފީފާގެ މަސްދަރުތަކުން، ނަން ހާމަނުކުރުމަށް އެދި، ދި އެތުލެޓިކަށް މައުލޫމާތު ދެއްވަމުން ބުނެފައިވަނީ، ގައުމަށް އިންފަންޓީނޯ ވަޑައިގަތުމުން ހޫނު މަރުހަބާއެއް ދެންނެވި ކަމަށެވެ. އަދި ސީއެފްޔޫން، ފީފާ ފޯވާޑް ޕްރޮގްރާމްގެ ފައިސާ ބޭނުންކޮށްގެން، ސީއެފްޔޫ ޗެލެންޖު އަންޑަރ 14 ސީރީޒް ފަދަ އަހަރީ މުބާރާތްތައް ބާއްވަމުން ގެންދާ ކަމަށް ވެސް ފާހަގަކޮށްފައިވެއެވެ.