އިޒްރޭލުގެ ކުރީގެ ސިފައިންގެ މީހަކު ބޭނުންކޮށްގެން ހެދި އިސްތިހާރަކާ ގުޅިގެން އާންމުންގެ ނުރުހުން އަމާޒުވެ،  އުފެއްދުންތައް ބޮއިކޮޓްކުރުމަށް ގޮވާލަން ފެށުމުން، އެ ކުންފުނީގެ ސަރަހައްދީ ގޮފިން މައާފަށް އެދިއްޖެ އެވެ. 

ޖަރުމަނުގެ މަޝްހޫރު ކުޅިވަރު ސާމާނު އުފައްދާ ކުންފުނީގެ އަރަބި ގޮފި، "އެޑިޑާސް އަރަބިއާ" އިން ނެރުނު ބަޔާނުގައި ބުނެފައި ވަނީ އެ އިސްތިހާރާ ގުޅިގެން ފެންމަތިވެފައިވާ ކަންބޮޑުވުން އެ ކުންފުންޏަށް އެނގިފައިވާ ކަމަށެވެ. އެކަމަކު އެއީ އެއްވެސް ބަޔަކު ހިތުގައި ޖެއްސުމަށް ކޮށްފައިވާ ކަމެއް ނޫން ކަމަށް ބަޔާނުގައި ބުނެފައި ވެއެވެ. 

"އަހަރެމެންގެ ސަރަހައްދީ ކެމްޕޭނެއްގައި ބޭނުންކުރެވުނު ފޮޓޯއަކާ ގުޅިގެން އާންމުންގެ ކަންބޮޑުވުމާއި ހިތްހަމަނުޖެހުން އުފެދިފައިވާކަން ގަބޫލުކުރަމެވެ،" އެޑިޑާސް އަރަބިއާއިން ލިޔެފައިވެ އެވެ. 

"އެކަކުގެ ވެސް ހިތުގައި ޖެއްސުމަކީ އަހަރެމެންގެ މަގުސަދެއް ނޫނެވެ. އަދި މިކަމުގެ އަސަރުކުރި އެންމެހައި ފަރާތްތަކުގެ ކިބައިން މައާފަށް އެދެމެވެ."

އެއް ކިބައިގެ ބޫޓް އިސްތިހާރުކުރުމުގެ ކެމްޕޭނުގައި އެޑިޑާސްއިން ބައިވެރިކޮށްފައިވަނީ 2021 ވަނަ އަހަރު އިޒްރޭލުން ގާޒާ އަށް ދިން 11 ދުވަހުގެ ހަމަލާތަކުގައި އަމަލީގޮތުން ބައިވެރި އޭރުގެ އަސްކަރީ އޮފިސަރު ޝަލޭވް ބިޓަން އެވެ.

އެ ހަމަލާތަކުގެ ރައްދުގައި، ހަމާސްއިން ދިން ހަމަލާއެއްގައި ޒަހަމްވެ، އޭނާގެ ފައި ބުރިކޮށްލަން ޖެހުނެވެ. އިޒްރޭލުގައި ހުންނަ އެޑިޑާސްގެ ފިހާރަތަކުގައި ބެހެއްޓި ޕޯސްޓަރުތަކުގައި ބިޓަންގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ 11 އެތުލީޓުން ބޭނުން ކުރި އެވެ. 

ފަލަސްތީނުގެ ހައްގުތަކަށް މަސައްކަތްކުރާ އެކްޓިވިސްޓުން ވަނީ އިޒްރޭލުން ގާޒާގައި ހިންގަމުންދާ އުދުވާނުގައި ފަލަސްތީނުގެ އެތައް ހާސް ބައެއް ގުނަވަންތައް ބުރިވެފައިވާ ދަނޑިވަޅެއްގައި، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ޚާއްޞަ ކެމްޕޭނެއްގައި އިޒްރޭލު ސިފައިންގެ މީހަކު ބޭނުންކުރުމުން އެކަމަށް ވަރަށް ބޮޑަށް ފާޑުކިޔާފަ އެވެ.

ދުނިޔޭގެ ސިއްހަތުގެ ޖަމިއްޔާގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، އިޒްރޭލުގެ ލާއިންސާނީ އަނިޔާވެރިކަމުގެ ސަބަބުން ގާޒާ 5،000 އާއި 6،000 ދެމެދުގެ އަދަދަކަށް މީހުންގެ ފައި ނުވަތަ އަތް ވަނީ ބުރިކޮށްލަންޖެހުނެވެ. 

އިންޓަނޭޝަނަލް ރެސްކިއު ކޮމިޓީން ބުނާގޮތުގައި، ޣައްޒާއަކީ މިހާރު މުޅި ދުނިޔޭގައި ވެސް އާބާދީގެ ނިސްބަތުން އެންމެ ގިނަ ކުޑަކުދިންގެ ގުނަވަންތައް ބުރިކުރަންޖެހިފައިވާ ސަރަހައްދެވެ.

އިޒްރޭލުގެ ގާޒާގެ ހޮސްޕިޓަލްތައް ހަލާކުކޮށް، ބޭހާއި އާޓިފިޝަލް ގުނަވަންތައް (ޕްރޮސްތެޓިކްސް) އެތެރެކުރުން ހުއްޓުވާފަ އެވެ.

އެޑިޑާސްގެ މި އިޝްތިހާރާ ދެކޮޅަށް ސްޕެއިންގެ އެކްޓަރު ހާވިއޭ ބާޑެމް އާއި، ލިޔުންތެރިޔާ ސޫޒަން އަބުލްހަވާ އަދި ފާތިމާ ބުއްޓޯ ހިމެނޭހެން ގިނަ އަދަދެއްގެ އާންމުން ވަނީ އެޑިޑާސްގެ އުފެއްދުންތައް ބޮއިކޮޓްކުރުމަށް ގޮވާލައިފަ އެވެ.