ނިއު ރޭޑިއަންޓްގެ އެއްވެސް އިހްސާސެއް އޭނާގެ ކިބައިގައި މިހާރު ނެތް ކަމަށް، ވިކްޓަރީގެ ކޯޗު މުހައްމަދު ޝިޔާޒު (މޯހަން) ބުނެފި އެވެ. 

މޯހަންގެ ބައްޕަ، އަދި ފުޓްބޯޅައިގެ ހިދުމަތްތެރިޔާ ކުއީން އަހްމަދު ވަހީދަކީ ވިކްޓަރީގެ އެންމެ ބޮޑު ވާދަވެރިޔާ، ނިއު ރޭޑިއަންޓްގެ ޒަމާންވީ މަސްއޫލުވެރިޔާ އެވެ. އޭނާގެ މުޅި އާއިލާ އޮތީ އެ ކްލަބާ ގުޅިފަ އެވެ. 

އާ ސީޒަނުގެ ދިވެހި ޕްރިމިއާ ލީގުގެ ފުރަތަމަ ޕްރެސް ކޮންފަރެންސަށް، ހާޒިރުވާން ވިކްޓަރީގެ ރަތް ޖޯޒީ ލައިގެން މޯހަން މިއަދު ވެސް ނުކުތީ "ނިއު ރޭޑިއަންޓްގެ ގެ"އިންނެވެ. 

އެކަމަކު ވެސް އޭނާ ބުނީ ނިއު ރޭޑިއަންޓްގެ އިހްސާސެއް، އޭނާގެ ގަޔަކު މިހާރަކު ނެތް ކަމަށެވެ. ހުރިއްޔާ އެ ހުރި އެއްޗެއް ހުރީ މާޒީގެ ހަންދާންތަކާ އެކުވެފަ އެވެ.

"މިހާރު އަޅުގަނޑު މިހާ ދުވަސްވަންދެން ނިއު ރޭޑިއަންޓާ ދެކޮޅަށް އެކި ކްލަބްތަކަށް ކޯޗުކޮށްދެވިފައި ހުރީމަ އެ ފީލިންގްއެއް ހަމަ އެއްގޮތަކަށް ވެސް ނުހުރެޔޭ ބުންޏަސް ދޮގަކަށް ނުވާނެ،" ޔަގީންކަމާ އެކު މޯހަން ވާހަކަ ދެއްކި އެވެ.

"ވަރަށް ދުވަސްވެއްޖެ މި ކަމުގަ އުޅެވޭތާ. އެހެންވީމަ 2012 ގެ ފަހުން ނިއު ރޭޑިއަންޓަކަށް ކޯޗުކޮށް ދޭކަށް ފުރުސަތެއް ނުލިބޭ. ދެން މުޅިން ވެސް އެކީ އެހެން ކުލަބުތަކަށް ނިއު ރޭޑިއަންޓާ ދެކޮޅަށް ނިކުންނަން މި ލިބުނީ. އެހެންވީމަ އެކަންވެސް މިހާރު ގޮސް ގޮސް ފަރިތަވެފައި އާދަވެފައޭ ބުންޏަސް ގޯހަކަށް ނުވާނެ."

ވިކްޓަރީއާ އެކު މޯހަންގެ ފުރަތަމަ ރަސްމީ މެޗަށް ނުކުންނާނީ ހުކުރު ދުވަހުގެ ރޭ ޓީސީއާ ދެކޮޅަށެވެ. 

ވިކްޓަރީން ޓްރޭނިން ފެށީ ކަޕް ވިނާސް ކަޕްގައި ވާދަކުރި ހަތަރު ޓީމަށް ވުރެ ވެސް ފަހުންނެވެ. އެ ޓީމުން ވަނީ ލަންކާގައި ހަފުތާއެއް ހާ ދުވަހުގެ މުއްދަތަށް ޓްރޭނިން ކޭމްޕެއް ކުރިއަށް ގެންދިޔަ އެވެ.

އެ ކޭމްޕް ނިންމައި ޓީމު އެނބުރި ރާއްޖެ އައީ އިއްޔެ އެވެ. 

މޯހަން ބުނީ ވިކްޓަރީ އަށް އޮތީ ލީގަށް ވާދަކުރުމުގެ ޓާގެޓެކެވެ. ފުރަތަމަ މެޗުން ފެށިގެން އެ ގިޔަރުގައި ދާން ޖެހޭނެ ކަމަށް ތަޖުރިބާކާރު ކޯޗު ބުންޏެވެ.