ދެ އަހަރުގެ މެދުކެނޑުމަކަށް ފަހު ތަޖުރިބާކާރު ޑިފެންޑަރު އަކުރަމް އަބްދުލް ގަނީ އަލުން ދަނޑަށް ނުކުމެއްޖެ އެވެ.
ވިކްޓަރީގެ ޑިފެންޑަރު، ވަނީ ރޭ ގައްދުއާ ދެކޮޅަށް އެ ކްލަބުން ކުޅުނު މެޗަށް، އަކުރަމް ނެރުނީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގަ އެވެ.
ދެވަނަ ހާފުގައި ކުޅެން ނުކުމެ، އޭނާ ވަނީ ވިކްޓަރީގެ ދެ ލަނޑުގެ ލީޑް ހިފަހައްޓައި ދިނުމުގައި މޮޅު ކުޅުމެއް ދައްކާފަ އެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ވެސް ހޮވުނީ އޭނާ އެވެ.
ރޭގެ މެޗަކީ، ދެ އަހަރަށް ފަހު ވިކްޓަރީގެ ޖޯޒީގައި ވެސް އަދި ގަލޮޅު ދަނޑުގައި ވެސް ރަސްމީ މެޗެއް، އޭނާ ކުޅުނު ފުރަތަމަ ފަހަރެވެ. ގަލޮޅު ދަނޑުގައި އޭނާ އެންމެ ފަހުން ރަސްމީ މެޗެއް ކުޅުނީ ފެބްރުއަރީ 2024 ގަ އެވެ. އެއީ ދެވަނަ ޑިވިޝަން ފައިނަލު މެޗުގައި އޮޑި ސްޕޯޓްސްއާ ދެކޮޅަށް ވިކްޓަރީ ކުޅުނު މެޗުގަ އެވެ.
ސާފް ޗެމްޕިއަންޝިޕް 2018 ގެ ތަށި ރާއްޖެ އަށް ހޯދައި ދިން އޭރުގެ ގައުމީ ކެޕްޓަން އަކުރަމް ދިވެހި ޕްރިމިއާ ލީގު މެޗެއްގައި ވެސް އެ ކުޅުނީ ހަތަރު އަހަރަށް ފަހު އެވެ. ލީގުގައި މީގެ ކުރިން އޭނާ ކުޅުނީ 2022 ގައި މާޒިޔާގަ އެވެ.
ގައްދުއާ ދެކޮޅަށް ރޭ ކުޅުނު މެޗު ކާމިޔާބުކޮށް ވިކްޓަރީން ވަނީ ލީގުގެ އެއްވަނައިގައި ތިން ޕޮއިންޓް ލީޑް ނަގާފަ އެވެ.