ބޮޑު ކްލަބެއްގެ ގޮތުގައި ވިކްޓަރީގެ ނަމެއް މިހާރު ނުކިޔޭނެކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު ޝިޔާޒު (މޯހަން) ބުނެފި އެވެ.
މިދިޔަ ހަފުތާގައި މާޒިޔާއާ ދެކޮޅަށް ކުޅުނު މެޗު އެއްވަރުކޮށް އެ ޓީމު އަތުން ހޯދި ޕޮއިންޓާ ބެހޭގޮތުން ވާހަކަ ދައްކަމުން މޯހަން ބުނީ ބޮޑެތި ޓީމުތަކަށް އެޑްވާންޓޭޖް އެބައޮތް ކަމަށާއި އެއީ ލީގު ފެށުމުގެ ކުރިން ކަޕް ވިނާސް ކަޕް ކުޅެފައިވުމުން ކަަމަށެވެ.
ވިކްޓަރީ ބޮޑު ޓީމެއްގެ ގޮތުގައި ނުގުނަނީ ތޯ، ނޫސްވެރިޔަކު ސުވާލު ކުރުމުން މޯހަން ބުނީ އަލުން ބޮޑު ޓީމެއްގެ ގޮތުގައި ވިކްޓަރީ ގުނޭނީ ތައްޓެއް ހޯދުމުން ކަމަށެވެ.
"އަޅުގަނޑުމެން މިދިޔައީ މިއޮތްހާ ދުވަހު ވަރަށް ދަށް ހާލެއްގައި. އެހެންވީމަ އެހިސާބަށް ދާން ކުރާ މަސައްކަތުގެ ވާހަކަ މިދައްކަނީ. އަޅުގަނޑުމެން އެހިސާބަށް އަރާފައި ނޫނީ، ބޮޑު ޓީމެކޭ ކިޔާކަށް ނުވާނެ އިނގޭތޯ،" މޯހަން ވާހަކަ ދެއްކި އެވެ.
"ފުރަތަމަ ކަމަކީ އެ ޓީމު [ބޮޑެތި ޓީމު] ތަކުގެ ތެރެއަށް ދިއުން. ޗެމްޕިއަންކަމެއް ހޯދުން. ކާމިޔާބެއް ހޯދުން. ތައްޓެއް ހޯދުން. އެހެން ނޫނީ އިންނާނީ ނަން. ވިކްޓަރީއަކީ ބޮޑު ނަމެއް. އެހެންނަމަވެސް މިހާރު މިތިބަ ބޮޑެތި ޓީމުތައް ހާއްސަކޮށް މިފަހުން ކާމިޔާބު ހޯދި ޓީމުތަކާ ހިސާބަށް ދާން ވިކްޓަރީ ވަރަށް މަސައްކަތް ކުރަން ޖެހޭ."
މޯހަން ބުނީ ބޮޑު ޓީމެއް ކަމަށް އޭނާ ކިޔާނީ ފައިނަލުތަކެއް ކުޅެ ތައްޓެއް ހޯދުމުން ކަމަށެވެ.
އޭނާ ބުނީ މިހާރު ތިބި ކުޅުންތެރިންގެ ފެންވަރުގައި ބޮޑެތި ޓީމުތަކާ ވާދަކޮށްލެވޭ ވަރުގެ ޓީމެއް ވިކްޓަރީގައި އެބައޮތް ކަމަށެވެ.
"އެކަމަކު ކިތަންމެ މޮޅެތި ކުޅުންތެރިން ތިއްބަސް ބޮޑު ޓީމެކޭ ކިޔަން ވާނީ އެހާހިސާބަށް ދިޔައީމައޭ، އަޅުގަނޑު ގަބޫލުކުރަނީ،" މޯހަން ބުންޏެވެ.
ވިކްޓަރީން އެންމެ ފަހުން ތައްޓެއް ހޯދީ 2011 ގަ އެވެ. އެ އަހަރުގެ ޕްރެޒިޑެންޓްސް ކަޕް ހޯދިފަހުން އެ ޓީމަށް ތައްޓެއް ލިބިފައެއް ނުވެ އެވެ. މިދިޔަ ސީޒަނަކީ ފަސް އަހަރަށް ފަހު ރާއްޖޭގެ އެންމެ މަތީ ޑިވިޝަނުގައި އެ ކްލަބުން ވާދަކުރި ފުރަތަމަ އަހަރެވެ. ކުޅުންތެރިންނަށް މުސާރަ ނުދީ އޮތުމުން 2019 ގައި، އެފްއޭއެމުން އެ ކްލަބް ސަސްޕެންޑް ކުރި އެވެ. އެހެންވެ އެ ކްލަބް ވެއްޓުނީ ދެވަނަ ޑިވިޝަނަށެވެ.
ބައިގަރުނަށް ވުރެ ގިނަ ދުވަސްވީ ކްލަބަކީ ރާއްޖޭގެ ކުޅިވަރުގައި، އެއް އިރެއްގައި އެންމެ ކާމިޔާބު ކްލަބެވެ.
މޯހަން ބުނި ގޮތުގައި ވިކްޓަރީ ކިހާރު ކިޔަން ޖެހޭނީ ކުރީގެ ގަދަ ބާރެއްގެ ގޮތުގައި އެވެ.
"ކުރީގެ ގަދަބާރު ކިޔަން ޖެހޭނީ. ކާމިޔާބު ހޯދިމަ ދެއްތޯ އަބަދުވެސް ބާރަކަށް މިބަދަލުވަނީ. އަބަދުވެސް ބަދަލުވަމުން ދެއްތޯ ދާނީ. އެދުވަސްވަރެއްގައި ކާމިޔާބު ހޯދާ ޓީމުތަކުގެ މެދުގައި. އޭގެތެރެއަށް ވަންނަންޖެހޭނީ ތަށިތަކެއް ހޯދައިގެން،" މޯހަން ބުންޏެވެ.
ދިވެހި ޕްރިމިއާ ލީގުގައި ވިކްޓަރީން މިއަދު ހަވީރު ނުކުންނާނީ ބިސް ބުރު ސްޕޯޓްސްއާ ދެކޮޅަށެވެ. މެޗު ފަށާނީ ހަވީރު ހަތަރެއް ޖަހާއިރު އެވެ.