މިދިޔަ އިންޓަނޭޝަނަލް ބްރޭކްގައި ޕޯޗުގަލް ގައުމީ ފުޓްބޯޅަ ޓީމުގެ ކޭމްޕް ދޫކޮށް ދިއުމާ ގުޅިގެން ކްރިސްޓިއާނޯ ރޮނާލްޑޯއާ ދެކޮޅަށް ފިޔަވަޅު އެޅުމުގެ އަވަސް މައްސަލައެއް އެ ގައުމުގެ ފުޓްބޯޅަ އިދާރާއިން ބަލަން ފަށައިފި އެވެ.
ޕޯޗުގަލްގެ ފުޓްބޮޅަ އިދާރާ (އެފްޕީއެފް) ގެ ޑިސިޕްލިނަރީ ކޮމިޓީން ވަނީ އޭނާ މައްސަލައިގައި އަވަސް ތަހުގީގެއް ކުރަމުންނެވެ.
މައްސަލަ ބަލަމުން ދާތީ ޕޯޗަގްލަގެ އެފްއޭއިން ވަނީ މި ވަގަުތު ގައުމީ ޓީމާ ގުޅޭ އެއްވެސް ކަމެއްގައި ރޮނާލްޑޯ އަށް ބައިވެރިނުވެވޭގޮތަށް ވަގުތޫ ސަސްޕެންޝަނެއް ކުރިމަތިކޮށްފަ އެވެ. އކަމަކު މި ވަގުތު ގައުމީ ޓީމުތަކުގެ ހަރަކާތް އަނެއްކާވެސް އަންނަ އިންޓަނޭޝަނަލް ބްރޭޚާ ހަމައަށް ވަނީ މެދުކަނޑާލާފަ އެވެ. އެހެންވެ އެ ސަސްޕެންޝަނުން ރޮނާލްޑޯ އަށް މިވަގުތު ކުރިމަތިވާނެ އެއްވެސް ގެއްލުމެއް ނެތެވެ.
އުމުރުން 41 އަހަރުގެ ރޮނާލްޑޯ ވަނީ ގައުމީ ކޯޗު ހޯހޭ ހީސަސް އޭނާއަށްވި ވައުދާ ޚިލާފުވިކަމަށް ބުނެފަ އެވެ. އޭނާ ކޭމްޕް ދޫކޮށްލި އެހެންވެ ކަމަށް ރޮނާްލްޑޯ ބުންޏެވެ. މިދިޔަ މަހު 30 ގައި ކޭމްޕް ދޫކޮށް ދިޔަ ސަބަބު ބަޔާންކޮށް 1,740 ބަހުގެ ދިގު ބަޔާނެއް ރޮނާލްޑޯ ނެރުނެވެ.
އެ ބަޔާނުގައި އޭނާ ބުނީ، ގައުމީ ޓީމު ދޫކޮށް ދިއުމަކީ ގޯހެއް ކަމަށެވެ. އެ ކުށަށް އަދަބު ލިގިގަންނަން ތައްޔާރަށް ހުރި ކަމަށް ރޮނާލްޑޯ ބުންޏެވެ.
މި މައްސަލައާ ގުޅިގެން އެފްޕީއެފްގެ ރައީސް ޕެޑްރޯ ޕްރޯއެންސާ ބުނީ ވޭތުވެދިޔަ 15 ދުވަހު އެބޭފުޅުންގެ މައިގަނޑު ސަމާލުކަމެއް ދިނީ ގައުމީ ޓީމުގެ ކުޅުނު މެޗުތަކަށް ކަމަށެވެ.
"މިއީ އާންމު އުސޫލުން ކުރިއަށްދާނެ މައްސަލައެއް. ވޭތުވެދިޔަ 15 ދުވަހު އަޅުގަނޑުމެންގެ މައިގަނޑު ސަމާލުކަމެއް ދިނީ ކުޅުމުގެ ބަޔަށް. އާ ކޯޗުގެ އާ ހިޔާލުތަކާއެކު ސާފު އަމާޒެއް އެބައޮތް؛ އެއީ ނޭޝަންސް ލީގު ކާމިޔާބުކުރުން. އަޅުގަނޑުމެން ކުޅުނު ހަތަރު މެޗުންވެސް މޮޅުވެ، ޓީމަށް ހަމަޖެހުން ހޯދައިދެވިއްޖެ." އޭނާ ބުންޏެވެ.
ޕްރޯއެންސާ އިތުރަށް ބުނީ ޖެހުނު މައްސަލަތައް ހަމައަކަށް އެޅެމުންދާ ކަމަށެވެ. ރޮނާލްޑޯ އެނބުރި އައުމަކީ އެންމެންވެސް އެދޭ ގޮތް ކަމަށް އޭނާ ބުންޏެވެ.
"މިވަގުތަކީ ހަމަޖެހުމާއި ކެތްތެރިކަން އިސްކުރަންވީ ވަގުތު. އަހަރެމެން އެންމެން އެއް މޭޒެއްގައި އިށީނދެގެން މިތިބީ. އަދި އަހަރެމެންގެ ކެޕްޓަން އެނބުރި އައުމަށް ބޮޑު އެދުމެއް އެބައޮތް. ޑިސިޕްލިނަރީ ކަންކަން ބަލާ ފަރާތްތަކުން މި މައްސަލަ މިނިވަންކަމާއެކު ބަލާނެ. ނަމަވެސް، ކޯޗުވެސް ވަނީ ފިޒިކަލީ ތައްޔާރަށް ހުރިނަމަ ކެޕްޓަން ކުޅުވަން ބޭނުންވާކަން ހާމަކޮށްފައި،" ޕްރޯއެންސާ ބުންޏެވެ.