ތަފާތު ދައްކައި ލިވަޕޫލާއި ޓޮޓެންހަމް ދެ ވަނަ ބުރަށް

ލިވަޕޫލް (ޑިސެމްބަރު 12) - ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖު ފަހު މެޗުގައި ތަފާތު ދައްކައި ލިވަޕޫލާއި ޓޮޓެންހަމް ހޮޓްސްޕާސް މުބާރާތުގެ ދެ ވަނަ ބުރުން ފުރުސަތު ހޯދައިފި އެވެ. ލިވަޕޫލުން އަމިއްލަ ދަނޑުގައި 1-0 އިން ނަޕޯލީ ބަލިކުރިއިރު، ޓޮޓެންހަމުން ވަނީ ފަހު ވަގުތު 1-1 އިން ބާސެލޯނާއާ އެއްވަރުކޮށްފަ އެވެ.


ގްރޫޕްގެ އެއް ވަނަ ހޯދީ ރޭ ރެޑްސްޓާ އަތުން 4-1 އިން މޮޅުވި ޕީއެސްޖީ އެވެ. ޕީއެސްޖީ އަށް 11 ޕޮއިންޓް ލިބުނުއިރު، ދެ ވަނައިގައި އޮތް ލިވަޕޫލާއި ތިން ވަނައިގައި އޮތް ނަޕޯލީ ނިންމާލީ ނުވަ ޕޮއިންޓާ އެކު އެވެ. އެންމެ ފުލުގައި އޮތް ރެޑްސްޓާ އަށް ލިބުނީ ހަތަރު ޕޮއިންޓެވެ.

ރޭގެ މެޗާ ހަމައަށް ގްރޫޕް ސީގެ އެއް ވަނައިގައި އޮތީ ނަޕޯލީ އެވެ. އެކަމަކު ރޭ ލިވަޕޫލް އަތުން ބަލިިވުމުން ޕޮއިންޓުގެ ގޮތުންނާއި ފައިދާ ގޯލުން ވެސް އެޓީމާ ނަޕޯލީ އެއްވަރުވިއިރު، ލިވަޕޫލް ދެ ވަނަ ބުރުން ޖާގަ ހޯދީ ޖެހި ގޯލަށް ބަލާއިރު ނަޕޯލީ އަށް ވުރެ ކުރި ހޯދައިގެންނެވެ. ލިވަޕޫލުން ނުވަ ލަނޑު ޖެހިއިރު، ނަޕޯލީގެ އޮތީ ހަތް ގޯލެވެ.

ލިވަޕޫލުން ރޭގެ މެޗަށް ނުކުތްއިރު އޮތީ ނަތީޖާ ނެރެން މަޖުބޫރުވެފަ އެވެ. އެ ޓީމުން ފުރަތަމަ މިނިޓުން ފެށިގެން އެޓޭކިން ގޭމަކަށް ވިސްނައިގެން ކުޅުނުއިރު، މެޗުގެ 34 ވަނަ މިނިޓްގައި ލިވަޕޫލަށް ލީޑުނަގައިދިނީ މުހައްމަދު ސަލާހު އެވެ. މެޗުގެ ދެ ވަނަ ހާފުގައި ލިވަޕޫލަށް އިތުރު ލަނޑެއް ޖަހައިދޭން އެންމެ ގިނަ ފުރުސަތުތަކެއް ލިބުނީ ސަޑިއޯ މާނޭ އަށެވެ. އޭނާ އަށް ހުސްކޮށް ހަތަރު ފުރުސަތެއް ލިބުނުއިރު ބޭނުމެއް ނުކުރެވުނެވެ.

މެޗު އެއްވަރުކޮށްލައިގެން ވެސް ދެ ވަނަ ބުރަށް ދެވެން އޮތް ނަޕޯލީން ވަނީ މެޗުގެ ފަހު މިނިޓްގައި ލަނޑެއް ޖެހުމާ ގާތަށް ޖެހިލައިފަ އެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައިކުޅެން އެރި އާކަންޑިއުޝް މިލިޗް އޭރިއާ ތެރެއިން ޖެހި ބޯޅަ ލިވަޕޫލްގެ ކީޕަރު އެލިސަން ބެކާ ވަނީ ހުށިޔާރުކަމާ އެކު މަތަކޮށްފަ އެވެ. މެޗަށް ފަހު ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ވަނީ މި ސީޒަނުގައި 82 މިލިއަން ޑޮލަރު ދީފައި ގަތް އެލިސަން އަށް ވަރަށް ބޮޑަށް ތައުރީފްކޮށްފަ އެވެ.

"އަހަންނަށް އެލިސަން މިހާ މޮޅުކަން އެނގޭނަމަ އަހަރެން ދިން އަގުގެ ދެ ގުނަ ބޮޑުކޮށް ވިޔަސް އޭނާ ގަންނާނަން. މޮޅުވި ލަނޑު ޖެހީ ސަލާހު. އެކަމަކު މި މެޗުގައި އަހަރެމެން ސަލާމަތްކޮށްދިނީ އެލިސަން. އެ މަންޒަރު ބަޔާންކޮށްދޭނެ ގޮތެއް އަހަންނަށް ނޭނގެ،" ކްލޮޕް ބުންޏެވެ.

ގްރޫޕް ބީގެ އެއް ވަނަ ދިޔައީ 14 ޕޮއިންޓާ އެކު ބާސެލޯނާ އެވެ. ދެ ވަނައިގައި އޮތް ޓޮޓެންހަމާއި ތިން ވަނައިގައި އޮތް އިންޓަ މިލާނަށް އަށް ޕޮއިންޓް ލިބިފައިވާއިރު، އެންމެ ފުލުގައި ނިންމި ޕީއެސްވީ އެއިންދޯވަން އަށް ލިބުނީ ދެ ޕޮއިންޓެވެ. އިންޓަ ރޭ ކުޅުނު މެޗުން ވަނީ އަމިއްލަ ދަނޑުގައި ޕީއެސްވީއާ ވަނީ 1-1 އިން އެއްވަރުވެފަ އެވެ.

ޓޮޓެންހަމްގެ ކޭން (ކ) އާއި ލޫކަސް މޯރާ އުފާފާޅުކުރަނީ. -- ފޮޓޯ: އޭއެފްޕީ

މި ފަހަރުގެ ޗެމްޕިއަންސް ލީގުގެ ފުރަތަމަ ތިން މެޗުން މޮޅެއް ނުލިބި ނިންމާލަން ޖެހުމުން ޓޮޓެންހަމަށް ދެ ވަނަ ބުރުން ޖާގަ ނުލިބޭނެ ކަމަށް ބެލެވުނެވެ. އެކަމަކު ފަހު ހަތަރު މެޗުން ނެރުނު ނަތީޖާއާ އެކު ޓޮޓެންހަމް ވަނީ ދެ ވަނަ ބުރުން ފުރުސަތު ހޯދައިފަ އެވެ. ޓޮޓެންހަމަށް އިންޓައާ ވާދަކޮށް ކުރި ލިބުނީ ރަށުންބޭރުގައި ޖެހި ގޯލަށް ބަލައިގެންނެވެ.

ލުއިސް ސުއަރޭޒް ނެތި ލިއޮނަލް މެސީ ވެސް ފުރަތަމަ އެގާރައިގައި ނުހިމަނައި ކުޅުނު ބާސެލޯނާ އަށް ރޭގެ މެޗުގެ ހަތް ވަނަ މިނިޓްގައި ލީޑުނަގައިދިނީ އޮސްމާން ޑެމްބެލޭ އެވެ. ޓޮޓެންހަމުން ނަތީޖާ ހަމަހަމަ ކުރަން ކުރަމުންދިޔަ މަސައްކަތް ކާމިޔާބުވީ މެޗު ނިމެން ފަސް މިނިޓަށް ވެފައި ހުއްޓަ އެވެ. ޓޮޓެންހަމްގެ ލަނޑު ޖެހީ ލޫކަސް މޯރާ އެވެ.

މެޗަށް ފަހު ޓޮޓެންހަމްގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ބުނީ މިއީ އޭނާގެ ކުޅުންތެރިން ހުއްޓައިނުލައި އެއް ހިތްވަރެއްގައި ކުރި މަސައްކަތުގެ ނަތީޖާ ކަމަށާއި މިއީ އެ ޓީމުގެ ސަޕޯޓަރުން ދިން ހިތްވަރާ އަޅާކިޔާއިރު ހައްގު ކާމިޔާބެއް ކަމަށެވެ.

އިންޓަ ދަނޑުގައި ކުޅުނު މެޗުގެ 13 ވަނަ މިނިޓްގައި ޕީއެސްވީ އަށް ލީޑުނަަގައިދިނީ މެކްސިކޯގެ ވިންގް ހާވިން ލޮޒާނޯ އެވެ. މެޗު ނިމެން 18 މިނިޓަށް ވެފައި ހުއްޓައި އިންޓަ އަށް އެއްވަރުކޮށްދިނީ އެ ޓީމުގެ ކެޕްޓަން މައުރޯ އިކާޑީ އެވެ.

ގްރޫޕް އޭ ގެ އެއް ވަނަ ހޯދީ ރޭ މޮނާކޯ އަތުން 2-0 އިން މޮޅުވި ޑޯޓްމަންޑް އެވެ. އެ ޓީމަށް ވަނީ ދެ ވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑާ އެއްވަރަށް 13 ޕޮއިންޓް ލިބިފަ އެވެ. ކްލަބް ބްރޫޖްއާ ދެކޮޅަށް ކުޅުނު މެޗުން ރޭ އެތުލެޓިކޯ ވަނީ ލަނޑެއް ނުޖެހި 0-0 އިން އެއްވަރުވެފަ އެވެ. ޑޯޓްމަންޑަށް އެއް ވަނަ ލިބުނީ ގޯލުގެ ތަފާތުންނެވެ. ތިން ވަނައިގައި އޮތް ބްރޫޖަށް ހަ ޕޮއިންޓް ލިބުނުއިރު، ތިއަރީ އޮންރީގެ ކޯޗުކަމުގައި ކުޅޭ މޮނާކޯ މުބާރާތް ނިންމާލީ އެންމެ ޕޮއިންޓަކާ އެކު އެވެ.