ލަންޑަން (އޮގަސްޓް 23) - ބޮރޫޝިއާ ޑޯޓްމަންޑްގެ ވިންގް ޖޭޑަން ސަންޗޯ ވިއްކާލަން އެ ކްލަބުން ކިޔާ އަގު ދީފައި ގެނައުމާ މެދު މެންޗެސްޓާ ޔުނައިޓެޑްގެ ބޯޑުގައި ހިޔާލުތަފާތުވުންތަކެއް އުޅޭ ކަމަށް އިނގިރޭސި މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ޑޯޓްމަންޑުން 2017 ވަނަ އަހަރު މެންޗެސްޓާ ސިޓީން 10 މިލިއަން ޕައުންޑަށް ގަތް ކުޅުންތެރިޔާ ވިއްކާލަން ކިޔަނީ 100 މިލިއަން ޕައުންޑް (130 މިިލިއަން ޑޮލަރު) އަށެވެ. އެކަމަކު ޔުނައިޓެޑުން އެ އަގުދީފައި ސަންޗޯ ގެންދަން ދެކޮޅު ހެދި އެވެ. ސަންޗޯ ވިއްކާލަން ޑޯޓްމަންޑުން ކަނޑައެޅި މުހުލަތު ފަހަނައަޅައި ގޮސްފައިވާއިރު، އެ ކްލަބުން އެންމެ ފަހުން ބުނީ މިހާރު އޮތްގޮތުން މަދުވެގެން އިތުރު އެއް ސީޒަނުގައި ސަންޗޯ ޑޯޓްމަންޑުގައި މަޑުކުރާނެ އެވެ.

ޖަރުމަނާއި އިނގިރޭސި ބައެއް މީޑިއާ ރިޕޯޓްތައް ބުނާގޮތުން ޔުނައިޓެޑުން އަދިވެސް އަންނަނީ ސަންޗޯ ހޯދަން މަސައްކަތްކުރަމުންނެވެ. ޑޯޓްމަންޑުގެ ސްޕޯޓިން ޑިރެކްޓަރު މައިކަލް ޒޯކްގެ ގާތް ފަރާތްތަކާ ހަވާލާދީ އިނގިރޭސި ބައެއް މީޑިއާ ތަކުން ރިޕޯޓްކުރާ ގޮތުގައި ޑޯޓްމަންޑުން ސަންޗޯ ވިއްކާލަން ކިޔާ އަގުދޭން ޔުނައިޓެޑުން އެއްބަސްވެއްޖެނަމަ މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ވެސް އެ ޑީލް ކުރިއަށްދާނެ އެވެ.

އިނގިރޭސި ނޫހެއް ކަމަށްވާ ތި އެތުލެޓިކް އިން ރިޕޯޓްކުރާގޮތުގައި ސަންޗޯ ގަންނަން އެ ވަރުގެ އަގެއް ދައްކަން ޔުނައިޓެޑްގެ ބޯޑު މެމްބަރުންގެ ތެރެއިން ދެ ބައި ކުޅަ އެއްބައި ދެކޮޅެވެ. އެއީ އެ ގޮތަށް ޔުނައިޓެޑް ހިންގުމާ ހަވާލުވެހުރި ގްލޭޒާ އާއިލާގެ ޖޮއެލް ގްލޭޒާ ބޭނުންވާތީ އެވެ. ކޮވިޑް-19ގެ ސަބަބުން ދުނިޔޭގެ އެކި ވިޔަފާރިތަކުގެ އިގްތިސޯދަށް ބޮޑު އަސަރުތަކެއް ކޮށްފައިވާ ދަނޑިވަޅެއްގައި އެއް ކުޅުންތެރިއަކަށް އެ ވަރުގެ އަގެއް ދޭން ގްލޭޒާ ބޭނުންނުވާކަން ވަނީ އެ ކްލަބްގެ އެގްޒެކްޓިވް ވައިސް ޗެއާމަން އެޑް ވުޑްވާޑަށް އަންގައިފަ އެވެ. ރިޕޯޓްތައް ބުނާގޮތުން ސަންޗޯ ޑީލާ މެދު ވަކި ގޮތެއް ނިންމުމުގެ ބާރު މިހާރު އޮތީ ވުޑްވާޑް އަތުގަ އެވެ.

އުމުރުން 20 އަހަރުގެ ސަންޗޯ ނުލިބިއްޖެނަމަ ޔުނައިޓެޑްގެ ކޯޗު އޮލެ ގުނަ ސޯލްޝެއާގެ ވިސްނުން ހުރީ އެ މަގާމަށް ލޯން އެއްބަސްވުމެއްގެ ދަށުން ބާސެލޯނާގެ އޮސްމާން ޑެމްބެލޭ ނޫނީ ޔުވެންޓަސްގެ ޑަގްލަސް ކޮސްޓާ ގެންނާށެވެ. އަދި އަންނަ ސީޒަނުގައި ސަންޗޯ ހޯދުމުގެ މަސައްކަތް އަލުން ކުރާށެވެ.

ޖަރުމަނުގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން އަންނަ ސީޒަން ނިމޭއިރު ކޮވިޑް-19 ގެ ސަބަބުން މިހާރު ދިމާވެފައި އޮތް އިގްތިސާދީ މައްސަލަތަކުން އަރައިގަނެވިފައި އޮވެއްޖެނަމަ ސަންޗޯ ހޯދަން ރެއާލް މެޑްރިޑާއި ބާސެލޯނާ އިން ވެސް މަސައްކަތްކުރާނެ އެވެ. އަދި އޭރު ޑޯޓްމަންޑުން ބޭނުންވާ އަގުގައި ސަންޗޯ ވިއްކާލުމުގެ ފުރުސަތު ބޮޑުވާނެ އެވެ.

ޑޯޓްމަންޑް ޓީވީ އަށް ދިން އިންޓަވިއުގައި ދާދި ފަހުން ސަންޗޯ ބުނީ މީޑިއާގައި އޭނާއާ ބެހޭގޮތުން ދައްކާ ވާހަކަ އަށް މާ ބޮޑު ސަމާލުކަމެއް ނުދޭ ކަމަށާއި ވިސްނަނީ އޭނާގެ ކުޅުން ރަނގަޅުކޮށް ކުރިއަށްދިއުމާ މެދު ކަމަށެވެ.

ޔޫތު ކެރިއަރު ވަޓްފޯޑުގައި ހޭދަކުރި ސަންޗޯ 2015 ވަނަ އަހަރު މެންޗެސްޓާ ސިޓީ އަށް ބަދަލުވި އެވެ. އިންގްލެންޑާ އެކު 17 އަހަރުން ދަށުގެ ވޯލްޑް ކަޕް ކާމިޔާބުކުރި ސަންޗޯ އަށް ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާގެ ޓީމުން އެކަށީގެންވާ ވަރަށް ފުރުސަތު ނުލިބޭތީ އޭނާ ވަނީ 2017 ވަނަ އަހަރު ޑޯޓްމަންޑާ ގުޅިފަ އެވެ.