މެންޗެސްޓާ (ޖުލައި 1) - ބޮރޫޝިއާ ޑޯޓްމަންޑުގެ ދޫކޮށް މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވާ އިނގިރޭސި ފޯވަޑް ޖާޑަން ސަންޗޯ، ޔުނައިޓެޑްގެ ހަތް ނަންބަރު ޖޯޒީއަށް ޑިމާންޑް ކޮށްފި އެވެ.

ސަންޗޯގެ ޓްރާންސްފާ ފީއެއްގެ ގޮތުގައި ދެ ކްލަބުން އެއްބަސްވެފައި ވަނީ 73 މިލިއަން ޕައުންޑަށެވެ. އިނގިރޭސި މީޑީއާތަކުން ބުނަނީ މިހާރު ކުރިއަށް ދަނީ ޗަންޗޯ އާއި ޔުނައިޓެޑާ ދެމެދު ޕާސަނަލް ބައެއް ކަންކަމަށް އެއްބަސްވުމުގެ މަރުހަލާ ކަމަށެވެ.

އެގޮތުން ޔުނައިޓެޑުގެ އެންމެ ޝަރަފުވެރި ނަންބަރު، ހަތް ނަންބަރު ޖޯޒީ، ހޯދުމަށް ސަންޗޯ ޑިމާންޑް ކޮށްފައިވާކަމަށް ދި ގާޑިއަން ނޫހުން ރިޕޯޓް ކޮށްފައިވެ އެވެ. ނަމަވެސް އެކަން ފުރިހަމަކޮށްދޭނެ ކަމުގެ ޔަގީން ކަމެއް ސަންޗޯގެ މަންދޫބުންނަށް ޔުނައިޓެޑުން ދީފައެއް ނުވެ އެވެ.

ޔުނައިޓެޑުގެ ހަތް ނަންބަރު ޖޯޒީ މިހާރު ބޭނުން ކުރަމުން ދަނީ، އެޑިންސަން ކަވާނީ އެވެ. ހީލޭ ޓްރާންސްފާއެއްގެ ދަށުން ޔުނައިޓެޑަށް މިދިޔަ ސީޒަންގައި ބަދަލުވި ކަވާނީ ޔުނައިޓެޑާ އެކު އެންމެ ފުރަތަމަ ސޮއިކުރީ އެއް އަހަރަށެވެ. ޔުނައިޓެޑުން ވަނީ އުރުގުއޭގެ ފޯވަޑުގެ ކޮންޓްރެކްޓް އިތުރު އެއް އަހަރަށް އާ ކޮށްފަ އެވެ.

ޔުނައިޓެޑުގައި ހަތް ނަންބަރު ޖޯޒީ އެންމެ ޝަރަފުވެރި ނަންބަރަކަށް ވީ އެ ޖޯޒީގައި ޔުނައިޓެޑުގެ އެންމެ ހާއްސަ ކުޅުންތެރިން ކުޅެފައި ވުމުންނެވެ. އެރިކް ކެންޓަނާ، ޑޭވިޑް ބެކަމްގެ އިތުރު ކްރިސްޓިއާނޯ ރޮނާލްޑޯ ޔުނައިޓެޑުގައި ހަތް ނަންބަރު ޖޯޒީ ބޭނުންކޮށްފައި ވުމުން އެ ކްލަބުގައި އެންމެ ހާއްސަ ނަންބަރަކީ ހަތް ނަންބަރެވެ.

މިހާރު ކުރިއަށްދާ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި އިނގިރޭސި ޓީމާ އެކު ހުރި ސަންޗޯ، ޔުނައިޓެޑާ އެކު ފަސް އަހަރުގެ އެއްބަސްވުމެއްގައި ސޮއި ކުރާނެ އެވެ. ސންޗޯ، 21، އަކީ ޔުނައިޓެޑުން މީގެ ކުރިންވެސް ފާރަލަމުން ދިޔަ ކުޅުންތެރިޔެކެވެ. އޭރު އޭނާ ގެންނަން ޔުނައިޓެޑުން މަސައްކަތްކުރި ނަމަވެސް އެކަން ކާމިޔާބު ނުވީ އޭރު އޭނާ ވިއްކަން ޑޯޓްމަންޑުން ކީ އަގު ބޮޑު ވުމުންނެވެ. ސަންޗޯގެ ޓްރާންސްފާގެ އަގަކަށް 2019 ގައި ޑޯޓަމަންޑުން ހުށަހަޅައިފައި ވަނީ މަދުވެގެން 120 މިލިއަން ޔޫރޯ އެވެ.