ޑޯޓްމަންޑް (އޮގަސްޓް 11) – މެންޗެސްޓާ ޔުނައިޓެޑުން ގެންނަން އަމާޒު ހިފާފައިވާ އިނގިރޭސި ފޯވާޑް ޖޭޑަން ސަންޗޯ އަންނަ ސީޒަނުގައި ވެސް ބޮރޫޝިއާ ޑޯޓްމަންޑުގައި މަޑުކުރާނެ ކަމަށް އެ ކްލަބުގެ ސްޕޯޓިން ޑިރެކްޓަރު މައިކަލް ޒޯކް ބުނެފި އެވެ.

ޑޯޓްމަންޑުން 2017 ވަނަ އަހަރު މެންޗެސްޓާ ސިޓީން 10 މިލިއަން ޕައުންޑަށް ގަތް ކުޅުންތެރިޔާ ވިއްކާލަން ކިޔަނީ 100 މިލިއަން ޕައުންޑަށެވެ. ރިޕޯޓްތައް ބުނާގޮތުގައި ސަންޗޯ ވަނީ ޔުނައިޓެޑަށް ބަދަލުވާން އެއްބަސްވެފަ އެވެ. އަދި ދެ ކްލަބްގެ މެދުގައި އަގަކާ މެދު އެއްބަސްވުމަކަށް އާދެވުނުހާ އަވަހަކަށް ސަންޗޯ ޔުނައިޓެޑްގެ މެޑިކަލް ޓެސްޓުގައި ބައިވެރިވެ ކޮންޓްރެކްޓްގައި ސޮއި ކުރުމުގެ ކަންތައްތައް ކުރިއަށްގެންދާނެ ކަމަށް ރިޕޯޓްތައް ބުނެފައިވެ އެވެ.

އެކަމަކު މިހާރު މަންޒަރު ވަނީ ބަދަލުވެފަ އެވެ. ޑޯޓްމަންޑުން އޭނާ ނުވިއްކާނެ ކަމަށް މި ބުނީ، އޭނާ ވިއްކާލާ ނަމަ އެ ކްލަބަކާ އެކު އެއްބަސްވުމަކަށް އައުމަށް ޑޯޓްމަންޑުން ކަނޑައެޅި މުއްދަތު ހަމަވި ދުވަހު އެވެ. އެ ކްލަބުން މުއްދަތެއް ކަނޑައެޅީ ޕްރީ ސީޒަން ތަމްރީންތައް ފެށުމުގެ ކުރިން ޓްރާންސްފާގެ ކަންކަން ނިންމުމަށެވެ.

"އަންނަ ސީޒަނުގައި ޖޭޑަން ސަންޗޯ ކްލަބުގައި ހިމަނަން އަހަރެމެން ރާވާފައިވަނީ. މިއީ ފަހުގެ ނިންމުން. ހުރިހާ ސުވާލަކަށް އެކަމުން ޖަވާބު ލިބޭނެ ކަމަށް ދެކެން،" ޒޯކް ބުންޏެވެ.