މިއުނިކް (އޮކްޓޫބަރު 3) - މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ބޮރޫޝިއާ ޑޯޓްމަންޑްގެ އިނގިރޭސި ވިންގާ ޖޭޑަން ސަންޗޯ މެންޗެސްޓާ ޔުނައިޓެޑަށް ނުވިއްކާނެ ކަމަށް ޑޯޓްމަންޑުގެ ސްޕޯޓިން ޑިރެކްޓަރު މައިކަލް ޒޯކް ބުނެފި އެވެ.

މަޝްހޫރު ކުޅިވަރު މީޑިއާ ސްކައި ސްޕޯޓްސް އިން މިދިޔަ އަންގާރަ ދުވަހު ރިޕޯޓްކުރި ގޮތުގައި ޔުނައިޓެޑުން ސަންޗޯ ގަންނަން ކުރި 117 މިލިއަން ޑޮލަރުގެ ބިޑް ޑޯޓްމަންޑުން ވަނީ އަނބުރާ ފޮނުވާލައިފަ އެވެ. ޑޯޓްމަންޑުން ޔުނައިޓެޑަށް އަންގާފައިވަނީ 135 މިލިއަން ޑޮލަރު ނޫން އަގަކަށް ސަންޗޯ ނުވިއްކޭނެ ކަމަށެވެ. އަދި ޕޭމަންޓް ދޭން ޖެހޭނީ ވެސް ފުރަތަމަ 100 މިލިއަން ޑޮލަރު ދޭ ގޮތަށެވެ. ރިޕޯޓްތައް ބުނާގޮތުން ޔުނައިޓެޑުން އަންގާރަ ދުވަހު ކުރި ބިޑްގައި ވެސް މި ފަހަރު ދައްކަން ހިމަނާފައި އޮތީ 70 މިލިއަން ޑޮލަރެވެ.

"ތިއީ ތެދެއް އަހަރެމެން އަދިވެސް މި އަންނަނީ މެންޗެސްޓާ ޔުނައިޓެޑާ އެކު ވާހަކަ ދައްކަމުން. އެކަމަކު އަދިވެސް އަހަރެމެން މި ދައްކާ ވާހަކަތަކަށް ސީދާ އިޖާބައެއް ޔުނައިޓެޑުންނުދޭ. އަހަރެމެން ބޭނުންވާ ގޮތް އޮންނާނީ އަންގާފައި. އެހެންވެ މިހާރު މި އޮތް ހާލަތު ކުރިއަށް އޮތް ތިން ދުވަސް ތެރޭ ބަދަލުވާނެ ކަމަށް ނުދެކެން،" މި މަހު ފަސް ވަނަ ދުވަހު ޓްރާންސްފާ މާކެޓް ބަންދުވުމަށް އިޝާރާތްކޮށް ޒޯކް ބުންޏެވެ.

މިދިޔަ ސީޒަނުގައި ޖަރުމަނު ލީގުގައި 17 ގޯލު ޖެހި އުމުރުން 20 އަހަރުގެ ސަންޗޯ ގަންނަން 2017 ވަނަ އަހަރު ޑޯޓްމަންޑުން މެންޗެސްޓާ ސިޓީ އަށް ދެއްކީ 13 މިލިއަން ޑޮލަރެވެ. ސަންޗޯ ހޯދަން ޔުނައިޓެޑުން އަންނަނީ މިދިޔަ ޖުލައި މަހުން ފެށިގެން މަސައްކަތް ކުރަމުންނެވެ.

ޔުނައިޓެޑުން ބާސެލޯނާގެ އޮސްމާން ޑެމްބެލޭ ގެންނަން ވާހަކަ ދައްކަމުން އަންނަ ކަަމަށް އިނގިރޭސި މީޑިއާތަކުން ރިޕޯޓްކުރި ނަމަވެސް ބާސެލޯނާގެ ސްޕޯޓިން ޑިރެކްޓަރު ރަމޮން ޕްލޭނެސް ވަނީ އެކަން ދޮގުކޮށްފަ އެވެ. އަދި ޑެމްބެލޭ މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ޔުނައިޓެޑާ ނުގުޅޭނެ ކަމަށް ޕްލޭނެސް ވަނީ ބުނެފަ އެވެ.

ޓްރާންސްފާ މާކެޓްގައި ޓޮޓެންހަމުން ވަނީ ލޯން އެއްބަސްވުމެއްގެ ދަށުން ބެންފީކާގެ ބްރެޒިލް ފޯވާޑް ކާލޮސް ވިނީޝިއުސްގެ ސޮއި ހޯދައިފަ އެވެ. ލޯން ފީއެއްގެ ގޮތުގައި މި ސީޒަނުގައި ޓޮޓެންހަމުން ބެންފީކާ އަށް ހަތަރު މިލިއަން ޑޮލަރު ދައްކާނެ އެވެ. އުމުރުން 25 އަަހަރުގެ ވިނީޝިއުސްގެ އެއްބަސްވުން ދާއިމީ ކުރަން ބޭނުންނަމަ ޓޮޓެންހަމުން 48 މިލިއަން ޑޮލަރު ދައްކަން ޖެހޭނެ އެވެ. ކުރިން ނަޕޯލީ އަށް ކުޅުނު ވިނީޝިއުސް ވަނީ މިދިޔަ ސީޒަނުގައި 18 ގޯލު ޖަހައިފަ އެވެ.