އެކި ކުޅިވަރުތަކަށް ހާއްސަ ދަނޑުތައް ހިމެނޭހެން ސްޕޯޓްސް ޕާކެއް އެޗްޑީސީން ހުޅުމާލޭގައި ރޭ ހުޅުވައިފި އެވެ. 

އެ ކުންފުނިން ބުނީ ހުޅުމާލެ 1 ގައި ގާއިމްކުރި "އެންވަން ސްޕޯޓްސް ޕާކު" ރޭ ރަސްމީކޮށް ހުޅުވާފައިވާ ކަމަށެވެ.

އެ ޕާކު ހުޅުވީ ހުޅުމާލެ 1 ގައި ހުންނަ ފިޔަވައްޗާ އިންވެގެން އޮންނަ ބިމުގަ އެވެ.

އެޗްޑީސީން ހުޅުމާލޭގައި ސްޕޯޓްސް ޕާކެއް ހުވުމަށް ބޭއްވި ރަސްމިއްޔާތުގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރު ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: އެޗްޑީސީ
އެޗްޑީސީން ހުޅުމާލޭގައި ސްޕޯޓްސް ޕާކެއް ހުވުމަށް ބޭއްވި ރަސްމިއްޔާތުގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރު ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: އެޗްޑީސީ

ޕާކު ހުޅުވުމަށް ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތުގައި "ކިކް އޮފް" މެޗުތަކާ އެކު އެތަން ހުޅުއްވައިދެއްވީ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރާއި ހުޅުމާލެ ކޮމިއުނިޓީ ރެޕްރެޒެންޓޭޓިވް އިބްރާހިމް ނައީމެވެ. 

އެޗްޑީސީން ބުނީ އެ ސްޕޯޓްސް ޕާކަކީ ހުޅުމާލޭގައި ދިރިއުޅޭ މީހުންގެ އިޖުތިމާއީ ދުޅަހެޔޮކަމާއި ކުޅިވަރު ކުޅޭނެ ފެސިލިޓީތައް އިތުރުކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން ގާއިމްކުރި ތަނެއް ކަމަށެވެ.

އެ ޕާކުގައި ފުޓްސަލް ދަނޑަކާއި ވޮލީ ކޯޓެއްގެ އިތުރުން ހާފް ބާސްކެޓު ކޯޓެއް އަދި ޕާކިން ޒޯނެއް ހުރެ އެވެ.  އަދި މިހާރު އެތަން ވަނީ އާންމުންނަށް ހުޅުވާލައިފަ އެވެ. 

އެޗްޑީސީން ބުނީ އާންމުންގެ އިޖުތިމާއީ ދުޅަހެޔޮކަމަށް އިސްކަންދީގެން، ކުޅިވަރު ކުޅޭ ތަންތަނުގެ އިތުރުން އައުޓްޑޯ ޖިމްތައް ގާއިމުކުރުން ކަހަލަ ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އެކި ކުޅިވަރުތަކަށް ހާއްސަ ދަނޑުތައް ހިމެނޭ ގޮތަށް ހުޅުމާލެ 2 ގައި އެޗްޑީސީން ހެދި ކުޅިވަރު އެކުވެނި ވެސް މިހާރު ވަނީ ހުޅުވައިފަ އެވެ.