ރ. ވާދޫ ސްކޫލްގެ ދަރިވަރުންގެ އަހުލާގު ހަރުދަނާ ކުރުމަށްޓަކައި ހާއްސަ ފިޔަވަޅުތަކެއް އަޅަން އެ ރަށު ކައުންސިލުން ނިންމައިފި އެވެ.
ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ އެ ރަށުގެ ބައެއް ދަރިވަރުންގެ ފަރާތުން ކަންބޮޑުވާންޖެހޭ ފަދަ ނޭދެވޭ އަމަލުތަކެއް ފެންނަމުންދާތީ، އެކަންކަން ހައްލުކުރުމަށްޓަކައި އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހިފައިވާ ކަމަށެވެ.
ދަރިވަރުންނާއި ބެލެނިވެރިންގެ ސަމާލުކަމަށްޓަކައި ކައުންސިލުން ވަނީ މުހިންމު އުސޫލުތަކަކަށް އަމަލުކުރުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.
ވާދޫ ކައުންސިލުން އިލްތިމާސް ކުރި ކަންކަން:
- ބެލެނިވެރިޔަކާއި ނުލައި ރޭގަނޑު 9:00 ގެ ފަހުން ބޭރުގައި ނޫޅުން
- އިރުއޮއްސުމަށް ފަހު، މައިޒާންތަކާއި ޕާކުތައް އަދި އިޖުތިމާއީ ގޮތުން ހަދާފައިވާ ބީޗުތައް ބޭނުން ނުކުރުން.
- އިރުއޮއްސުމަށް ފަހު، ކުޅިވަރު ކުޅޭ އެއްވެސް ތަނެއް ބޭނުން ނުކުރުމާއި ނަމާދު ވަގުތުތަކުގައި ކުޅިވަރުގެ އެއްވެސް ހަރަކާތެއް ނުހިންގުން.
- ބެލެނިވެރިޔަކާއި ނުލައި ކަނޑުތޮއްޓަށް ނޭރުމާއި ރަށުން ބޭރަށް ދަތުރު ނުކުރުން.
- އުޖޫރައެއް ހޯދުމަށް ނުވަތަ އެ ނޫން ވެސް ބޭނުމެއްގައި އުމުރާ ނުގުޅޭ އެއްވެސް މަސައްކަތެއް ނުކުރުން.
- ދުންފަތުގެ އިސްތިއުމާލު ނުކުރުމާއި ދުންފަތް ގަނެވިއްކުމުގެ އެއްވެސް މުއާމަލާތެއްގައި ބައިވެރިނުވުން.
ވާދޫ ކައުންސިލުން ބުނި ގޮތުގައި، އެ އުސޫލުތަކާ ހިލާފުވާ ދަރިވަރުންގެ ކަންކަން މިހާރަށް ވުރެ ގާތުން ބަލައި، އެފަދަ ކަންކަމުގައި ހަރުދަނާ ފިޔަވަޅުތަކެއް އަޅާނެ އެވެ.
ކައުންސިލުން ވަނީ ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށް ދަރިވަރުންގެ އަމަލުތައް ބެހެއްޓުމަށް ނަސޭހަތްތެރިވެ، އެފަދަ ކަންކަމުގައި ދަރިންގެ ކަންކަމަށް އިތުރަށް ފަރުވާތެރިވެ ޒިންމާދާރުކަމާ އެކު ބެލެހެއްޓުމަށް ހުރިހާ ބެލެނިވެރިންނަށް ވެސް އިލްތިމާސް ކޮށްފަ އެވެ.