އަރަބިއްޔާ ސްކޫލްގެ ޕްރިންސިޕަލް ޑރ. މުހައްމަދު ޝުޖާއު އަބްދުއްރަހީމް އަށް އަހަރުގެ ހިދުމަތަށް ފަހު އެ މަގާމުން ވަކިވެވަޑައިގެންފި އެވެ.
ޝުޖާއު "މިހާރު" އަށް މިއަދު ވިދާޅުވީ އަރަބިއްޔާގެ ޕްރިންސިޕަލްކަން ދޫކޮށްލެއްވީ އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް)ގެ ކުއްލިއްޔާ އޮފް އަރަބިކް ލެންގުއޭޖްގެ ޑީންގެ މަގާމާ ހަވާލުވެވަޑައިގަތުމަށް ކަމަށެވެ.
އަރަބިއްޔާ ސްކޫލުގައި އަށް އަހަރާއި އަށް މަހާއި އަށް ދުވަސް ހޭދަ ކުރެއްވުމަށް ފަހު، އޭނާ އެ މަގާމަށް ވަޑައިގަތީ އިއްޔެ އެވެ.
ޔުނިވާސިޓީތަކުގެ ޑީންގެ މަގާމަށް އައްޔަން ކުރަނީ ފުރުސަތު ހުޅުވާލުމުން ކުރިމަތިލާ މީހުންގެ ތެރެއިން ޝަރުތު ހަމަވާ މީހުންގެ މެދުގައި އިންޓަވިއު ކުރުމަށް ފަހު އެވެ. އެ މަގާމުގެ މުއްދަތަކީ ހަތަރު އަހަރެވެ.
ޝުޖާއު، އަރަބިއްޔާގެ ޕްރިންސިޕަލްގެ މަގާމަށް އައްޔަންކުރީ ޖެނުއަރީ 8، 2018 ގަ އެވެ. އަރަބިއްޔާ ޕްރިންސިޕަލްގެ މަގާމު ފުރުއްވާތާ ހަތަރު އަހަރު ފަހުން އެ މަގާމުން ވަކި ކުރެއްވި ނަމަވެސް އަހަރެއްހާ ދުވަސް ފަހުން އޭނާ އަށް ވަނީ ޕްރިންސިޕަލް މަގާމު ދޭން ކޯޓުން އަމުރު ކޮށްފަ އެވެ.
އެހެންވެ އޭނާ އަލުން އެ މަގާމާ ހަވާލުވެވަޑައިގަތީ ނޮވެމްބަރު 20، 2023 ގަ އެވެ.
ބ. ދަރަވަންދު އަށް އުފަން ޝުޖާއު މިދިޔަ އަހަރު ވަނީ މެލޭޝިޔާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީގައި އެޑިޔުކޭޝަންގެ ރޮނގުން ޕީއެޗްޑީ ހާސިލް ކުރައްވައިފަ އެވެ.
އަރަބިއްޔާއާ ގުޅިވަޑައިގަތުމުގެ ކުރިން 2003 ވަނަ އަހަރުން ފެށިގެން އޭނާ ވަޒީފާ އަދާކުރައްވަމުން ގެންދެވީ އޭރުގެ ކޮލެޖް އޮފް އިސްލާމިކް ސްޓަޑީޒް (މިހާރުގެ އިސްލާމިކް ޔުނިވާސިޓީ)ގަ އެވެ.