އެޕަލް އަދި ސެމްސަންގަށް އިޓަލީން ކުރާ ތުހުމަތު ތަފާތޔ

ދުވަސްވީ އައިފޯނުތަކުގެ ސްޕީޑް ދަށްކުރާ ކަމަށް އެޕަލްއިން ވަނީ އެއްބަސްވެފަ އެވެ. އެކަން ކުރަނީ ކޮން މަގުސަދެއްގައިކަން ވެސް ވަނީ އާންމުކޮށް ބަޔާންކޮށްފަ އެވެ. އައިފޯނުތަކުގެ ސްޕީޑް ދަށްކުރަނީ ސޮފްޓްވެއާ އަޕްޑޭޓް މެދުވެރިކޮށް ކަމަށް ވެސް ވަނީ ބުނެފަ އެވެ.


އެޕަލްއިން ބުނީ އައިފޯނުތަކުގެ ސްޕީޑް ދަށްކުރަނީ ދުވަސްވުމުގެ ސަބަބުން ބެޓެރީ އަށް އަންނަ ބަލިކަށިކަމާ ހެދި ފޯނު ބޭނުންނުކުރެވިދާނެތީ ކަމަށެވެ. ބާރުގަދަ ގްރެފިކްސް ހިންގުމަށްޓަކައި ކުއްލިއަކަށް ބޭނުޖެހޭ ހަކަތަ ލިއްބައިދޭ ފެންވަރު ބެޓެރީގަައި ނެތް ނަމަ، ފޯނު މުޅިން ހުއްޓި، ނިވިދާނެތީ ކަމަށެވެ.

އައިފޯނުގެ ދުވެލި ދަށްކުރާ ސަބަބު އެޕަލްއިން މިހާ ރަނގަޅަށް ކިޔައިދީފައި ވަނިކޮށް، އިޓަލީގެ އިދާރީ ބާރުތަކުން ވަނީ އެ ގޮތަށް އަމަލުކުރާ ސަބަބު، އެ ނޫން ގޮތަކަށް ފުރޮޅާލަން މަސައްކަތް ފަށާފަ އެވެ. ގިނަދުވަސްވެފައި ހުރި ސެމްސަންގް ފޯނުތަކުގެ ދުވެލި ދަށްކުރާ ކަމަށް ވެސް އެ އިދާރާތަކުން ބުނެ އެވެ. އެހެން ނަމަވެސް، އެއީ އެ މީހުން ދުވަހަކު ވެސް ކުރާ ކަމެއް ނޫން ކަމަށް، ސެމްސަންގް އަދި އެލްޖީން ވަނީ ބުނެފަ އެވެ.

އެ ޑިވައިސްތައް ބޭނުންކުރާ މީހުންގެ ހައްގުތައް ރައްކާތެރިކުރުމަށް ކަމަށް ބުނެ، އިޓަލީގެ އިދާރާތަކުން ކުރާ ޝައްކުގައި ވަނީ އަސްލު ސަބަބު އޮޅުވާލާފަ އެވެ. އެ މީހުން ބުނާ ގޮތުގައި، އެޕަލް އަދި ސެމްސަންގުން ވެސް، ދުވަސްވީ ފޯނުތަކުގެ ސްޕީޑް ދަށްކުރެ އެވެ. އެއީ އާ މޮޑެލްތައް ވިއްކުމަށްޓަކައި ޖަހާ މަޅިއެއް ކަމަށް ވެސް ވަނީ ބުނެފަ އެވެ.

އެޕަލް އަދި ސެމްސަންގުން އެކަން އެ މާނާގައި ކުރާ ނަމަ ބޮޑު އަދަދަކުން ޖޫރިމަނާކުރާނެ އެވެ. އެހެން ނަމަވެސް ކުންފުނިތަކުގެ ދިފާއުގައި ވާހަކަދައްކާ މީހުން ބުނަނީ، ދުވަސްވީ ފޯނުތަކުގެ ދުވެލި ދަށްކުރުމަށް އެޕަލްއިން ދެއްކި ސަބަބު ގަބޫލުކުރެވޭ ކަމަށެވެ. އަނެއްކޮޅުން ސެމްސަންގް އަކީ ދެއިރު އިރަކު ފޯނެއް ތައާފުރުކުރާ ކުންފުންޏަކަށްވުމުން، އާ ފޯނުތައް ވިއްކުމަށް ކަމަށްޓަކައި މުސްކުޅި ފޯނުތަކުގެ ދުވެލި ދަށްނުކުރާނެ ކަމަށެވެ.