އެންޑްރޮއިޑް ވެއާ ޑިވައިސްތަކަށް ވެއާ އޯއެސް ހަމަޖެއްސުމުން ޑިވައިސްތައް އުފައްދާ ކުންފުނިތަކަށް ފުރުސަތު ބޮޑުވަނެ ކަމަށް ބެލެވޭ
24 މާޗް 2018 - 06:51
އެންޑްރޮއިޑް ސްމާޓް ގަޑިތަކާ ބެހޭ ގޮތުން ގިނަ ވާހަކަތަކެއް، މީގެ ކުރިން ޚަބަރު ސުރުޚީތަކަކަށް ނާރަ އެވެ. އެކަމަކު، އެންޑްރޮއިޑް ވެއާގެ ނަން، ވެއާ އޯއެސް އަށް ބަދަލުކުރުމާ ގުޅިގެން، އެ ނަމާ ގުޅޭ ގޮތުން ފޯރަމްތަކުގައި އަންނަނީ ސައްލާކުރަމުންނެވެ. އެއީ ގޫގުލް އިން ކީއްވެ ކުރި ކަމެއް ހެއްޔެވެ؟
އެންޑްރޮއިޑް ސްމާޓް ގަޑިތައް، ސްމާޓް ބޭންޑްތައް އަދި ސްމާޓް އަނގޮޓިތައް ހިންގުމަށްޓަކައި ގޫގުލް އިން އުފެއްދި އޮޕަރޭޓިން ސިސްޓަމް ވެސް ޝާމިލްވާ ގޮތަށް، އެ ފަދަ ޑިވައިސްތަކަށް "އެންޑްރޮއިޑް ވެއާ"އޭ ކިޔަ އެވެ. މި ނިސްބަތުން ނަން ކިޔުމުން އެ ޑިވައިސްތަކުގެ މައްޗަށް އެންޑްރޮއިޑް މާ ބޮޑަށް ފާޅުވެ އެވެ. އެހެންވެ އެންޑްރޮއިޑްގެ ނަން ކަނޑާލައި، އާންމު ނަމެއް ގޮތުގައި، "ވެއާ އޯއެސް" ކިޔުނީ އެވެ.
ވިޔަފާރި އުސޫލުން ބަލާއިރު ވެއާ އޯއެސް އަށް ނަން ބަދަލުކުރުމުން "ވެއާ އޯއެސް" އަށް ބަރޯސާކުރާ ޑިވައިސްތައް އުފައްދާ ކުންފުނިތަކަށް ވާނީ ފައިދާ އެވެ. ސަބަބަކީ އެ ޑިވައިސްތައް މިހާރު ވެސް ބޭނުންކުރަނީ ހަމައެކަނިި އެންޑްރޮއިޑް ސްމާޓްފޯން ބޭނުންކުރާ މީހުންނަށް ނުވުމެވެ.
ގޫގުލް އިން އެއްކޮށްފައި ހުރި ތަފާސްހިސާބުތަކަށް ބަލާއިރު، ކޮންމެ ތިން "އެންޑްރޮއިޑް ވެއާ" ގަޑިއަކުން އެއް ގަޑި "ޕެއާ"ކޮށްފައި ނުވަތަ ގުޅުވާފައި ހުންނަނީ އައިފޯނަކާ އެވެ. ދޭހަ އަކީ އެޕަލް އައިފޯން މާހައުލުގައި ވެސް، އެންޑްރޮއިޑް ވެއާ ގަޑިތައް މަޝްހޫރު ކަމެވެ.
ވެއާ އޯއެސް އަށް ނަން ބަދަލުކުރުމުން ވާނެ ފައިދާ އަކީ އެންޑްރޮއިޑްގެ ނަން އޮންނާތީ ކަމުނުދާ މީހުންނަށް ވެސް އެ ޑިވައިސްތަކަށް ރުހެވުމެވެ. އަދި ވައިސްތަކުގެ ވިޔަފާރި އަށް ފުރުސަތު ލިބުމެވެ.
ގޫގުލް އައިއޯ ސަމިޓްގައި މި މައުލޫ އަށް އަލިއަޅުވާނެ ކަމަށް ބެލެވެ އެވެ. ވެއާ އޯއެސް އަށް ނަން ބަދަލުކުރުމާ ގުޅިގެން، ޑިވައިސްތަކުގެ ކުރިމަގު ރާވާފައިވާ ގޮތް ގޫގުލުން ކިޔައިދިނުމަކީ ގާތް ކަމެކެވެ. އަދި އެހެން އުފެއްދުންތަކަށް ވެއާ އޯއެސް މިސްރާބުޖެހުމަކީ ވެސް ވުން އެކަށީގެންވާ ކަމެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy