10 މާޗް 2019 - 07:34
ޒީޓީއީ އިން އުފައްދަން މަސައްކަތްކުރާ ފަތްޖެހޭ ފޯނު ބޮޑަށް ވައްތަރުކުރެވެނީ މޮޓޮރޯލާ "ރޭޒާ"އާ އެވެ. މޮޓޮރޯލާ ރޭޒާ އަކީ، އެއިރު ވަރަށް ކަމުދިޔަ ފޯނެކެވެ. އެންޑްރޮއިޑަށް ވުރެ ކުރިން ބޭނުންކުރެވުނު މޮބައިލް އޮޕަރޭޓިން ސިސްޓަމެއް ކަމަށްވާ، "ސިމްބިއަން" އިން ހިންގޭ ގޮތަށް އިންޖިނިއާކުރި މޮޓޮރޯލާ ރޭޒާ، ރޭޒަރުތިލައެއްގެ މިސާލުން އިޝްތިހާރުކުރެވިފައި ވެސް ވެ އެވެ. އެއީ ޒަމާނަށް އޮބިނޯންނަހާ ތުނި ފޯނަކަށްވުމުންނެވެ.
ސްމާޓްފޯން ކުންފުނިތަކުން ފޯނުތައް ފަތަޖަހަން ކުރާ މަސައްކަތްތަކުގައި އެންމެ ކުރީގައި އުޅެނީ ސެމްސަންގެވެ. ވާވޭ ދެވަނައިގަ އެވެ. ނަަމަވެސް، ފަތްޖެހޭ ފޯނެއް އުފައްދަން ޝައުގުވެރިނުވާ އެއްވެސް ކުންފުންޏެއް ނެތެވެ. ޒީޓީއީ އަަކީ ޗައިނާގައި ވަރަށް މަޝްހޫރު ސްމާޓްފޯން ކުންފުންޏެކެވެ. ވާދައިގެ ރޭހުގައި ވާވޭ، ވަންޕްލަސް އަދި އޮޕޯއާ އެއްވަރު ނޫން ނަމަވެސް، ޒީޓީ އަކީ ވާދަވެރި ޑިޒައިންތައް ވަރަށް އަހަވަށް ތައާރުފުކުރާ ކުންފުންޏެކެވެ.
ސެމްސަންގުގެ ފަތްޖެހޭ ފޯނު، "ގެލަކްސީ ފޯލްޑް" އަދި ވާވޭގެ ފަތްޖެހޭ ފޯނު، "މޭޓް އެކްސް"އާ ޑިޒައިން މުޅިން ތަފާތު ނަމަވެސް، ޒީޓީއީން އުފައްދަން އުޅޭ ކަމަށް ބުނާ ފަތްޖެހޭ ޑިޒައިން، ފަތްޖެހޭ ފޯނަކާ މާ ގުޅޭ ކަމަށް ވެސް ބުނެވެ އެވެ.
މޮޓޮރޯލާ ރޭޒާ ސްޓައިލަށް ޒީޓީއީ ފޯނު އުފެދިގެން އަންނައިރު، ޒަމާނީ ހުރިހާ މޮޅެއް އެކުލެވޭނެ ކަމަށް ބުނެވެ އެވެ. ބާރުގަދަ ކެމެރާ ސިސްޓަމެއްގެ އިތުރުން، ޓައިޕް-ސީ ޕޯޓެއް ވެސް ހިމެނޭ ކަމަށް ވެ އެވެ. މާނަ އަކީ 3.5އެމްއެމް ހެޑްފޯން ޖެކް އުވިގެން ދިއުމެވެ.
މިއީ އަދި ފޯނުގެ ނަމޫނާއެއް ނަމަވެސް، ފޯނުގެ ހައިބަތު އިހުސާސްކޮށްލެވޭ ފެންވަރަށް އުފައްދައިގެން ނެރޭނެ ތާރީޚެއް އަދި ނޭނގެ އެވެ. ޗައިނާ ސްމާޓްފޯން ކުންފުނިތަކުން ރޭދުވާލެއްގެ ތެރޭގައި މޮޑެލްތައް ބަދަލުކުރެ އެވެ. ޒީޓީއީ އަކީ ވެސް އެހާ އަވަހަށް ފޯނުތައް އުފައްދާ ކުންފުންޏެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy